ޤަވައިދާއި ޚިލާފަށް ރަށަކުން ވެލި ނެގުމުން ރިސޯޓެއް ޖޫރިމަނާކޮށްފިއެވެ. 
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ވިދާޅުވީ ބ.ދިގުފަރުން ޤަވައިދާއި ޚިލާފަށް ގިނަ އަދަދެއްގެ ވެލި ނެގުމުގެ ސަބަބުން ޖޫރިމާނާކޮށްފައިވަނީ ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާކަމަށެވެ.
އީޕީއޭއިން ވިދާޅުވީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިޒޯޓަށް، އެކަން ހުއްޓުމަށް އެންގުމުންވެސް މަސައްކަތް ކުރިއަށްގެންގޮސްފައިވާކަމަށެވެ. 
އެ ރިސޯޓް ޖޫރިމަނާކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނުގެ ދަށުންނެވެ. އެޤާނޫނުގެ ދަށުން އެ ރިސޯޓް ވަނީ 83750 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މި ޖުރިމަނާގެ ފައިސާ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އެ ކުންފުންޏަށް ވަނީ އަންގާފައެވެ. 
ބ.ދިގުފަރަކީ ރިސޯޓް ހެދުމަށް ސަރުކާރުން އަމިއްލަ ކުންފުންޏަކަށް ދޫކޮށްފައިވާ ރަށެކެވެ.