ޚަބަރު

ތަރައްޤީއާއެކީ އިޖުތިމާއީ ފޭރާން ރަނގަޅުނުވާނަމަ، ތަރައްޤީގެ މާނައެއް ނެތް: ނައިބް ރައީސް


ޤައުމަށް އަންނަ ތަރައްޤީއާއެކު ޤައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅު ނުކުރެވޭނަމަ ތަރައްޤީގެ ބޭނުން ނުކުރެވޭނެ ކަމުގައި ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ގއ.ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސާވިސް "ދަގެނާ" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރާއްޖޭގައި އިޖުތިމާއީ ގިނަ މައްސަލަތައް ހުރެ އެކަންކަން ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތް ކުރުމަކީ މިސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާ ކަމެއްކަމަށެވެ. އެގޮތުން ވެރިކަމާއި ހަވާލުވެ ރައީސް ޞާލިހު ވަނީ ސޯޝަލް ކައުންސިލެއް އުފައްދަވައި ޤައުމުގައި އޮތް އެންމެ ނުރަނގަޅު ވަބާކަމުގައިވާ މަސްތުވާތަކެތިން މުޖުތަމައު ސަލާމަތްކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް އިރުޝާދު ދެއްވާފައިކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. މިކަން ދެމެހެއްޓެނިވި ގޮތެއްގައި ޚާސިލު ކުރެވޭނީ މަސްތުވާތަކެތީގައި ޝާމިލުވާ މީހުންނަށް އެކަށީގެންވާ ތަރުބިއްޔަތާއި، ހުނަރު ދެވިގެންކަމަށާއި މިއަދު މިކުރެވެނީ އެމަސައްކަތް ކަމުގައި ނައިބް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖެއަށް ގެންނަ ތަރައްޤީއާއި އެއް މިންވަރަކަށް މުޖުތަމައުގެ ގެއްލިފައިވާ ނުރަނގަޅު ފޭރާން ބަދަލު ކުރުމަކީ ސަރުކާރުގެ އެންމެބޮޑު އަމާޒުކަމާއި، ތަރައްޤީއާއި އެއްވަރަށް މުޖުތަމައުގެ އަމާންކަމައި ސުލްހަ މަސްލަހަތު ގާއިމްކުރަން ސަރުކާރުން ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

"ތަރައްޤީއަކީ އެއީ އަޅުގަނޑުމެންނަށް ފެންނަ ކޮންމެ އެއްޗެއްގައި ހިފައިގެން އަޅުގަނޑުމެންނަށް ދަސްވެފައިހުރި ރީތި އާދަތަކާއި، ރީތި އާދަކާދަތައް ދޫކޮށްލުމެއްނޫން. މިއަދުގެ ދަރީންނަށް އަޅުގަނދުމެން ދަސްކޮސްދޭންވީ މަޒީގައި އެދުވަހުވެސް އަޅުގަނޑުމެން ކުރި ރަނގަޅު ކަންތައްތަކާއި، ރިވެތި ބަހުރުވަ. ރިވެތި ގޮތުގައި މުޢާމަލާތް ކުރަން." ނައިބް ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ހުރި މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނެވޭނީ ހުރިހާ މުއައްސަސާއަކުން ގުޅިގެންކަމަށެވެ. މިކަން ހާސިލްކުރުމަށް ހަމައެކަނި ޤާނޫނެއް ހަދައި، ފަރުވާދޭ މަރުކަޒުތައް ގާއިމް ކުރުމުން ހައްލެއް ނާންނާނެކަމަށާއި އެކަން ކުރެވޭނީ ނަތީޖާ ނެރުމަށްޓަކައި ކުރަންޖެހޭ އިހުލާސްތެރި މަސައްކަތް މުއައްސަސާތަކުން ކޮށްގެންކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

"އިޖުތިމާއީ މައްސަލަތަކަކީ ގިނަ ފަހަރަށް އާންމު ގޮތެއްގައި އެހާބޮޑަށް ނުފެންނަ ކަންތައްތަކަށް ބޮޑަށް އަޅުގަނޑުމެންނަށް ބޭނުން ވެފައި މި އޮންނަނީ، އިމާރާތް ކުރުމާއި، މަގުތާރު އެޅުމާއި، މިބާވަތުގެ ފެންނަން ހުންނަ ކަންތައްތަކަށް އިސްކަންދީގެން މަސައްކަތް ކުރުން. އެހެން ނަމަވެސް ތަރުބިއްޔަތާއި އަޚުލާޤާއި ސުލޫކު، ޚާއްސަކޮށް މިކަހަލަ އިޖުތިމައީ ކަންތައްތަކަކީ އެއީ އަތުން ހިފައި ލޮލަށް އެގޮތަށް ފެންނަ އެއްޗިއްސަށް ނުވާތީވެ ބައެއް ފަހަރަށް މިކަހަލަ ކަންތައްތަކަށް ދެވޭ ސަމާލުކަން އޮންނަނީ ކުޑަވެފައި." ނައިބް ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި ގއ.ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސާވިސް ސެންޓަރުން ޚިދުމަތް ހޯދާ މީހުންނަށް ރަނގަޅު ފަރުވާދީ، ފަރުވާއަށްފަހު ނެރޭ ކޮންމެ މީހަކީ މުޖުތަމަށް ބޭނުންތެރި ޒުވާނަކަށް ހެދުމަށް ގޮވަލާފައެވެ. އަދި މަސްތުވާތަކެއްޗާއި ދުރު މުޖުތަމައަކަށް ހެދުމަށް ހުވަދު އަތޮޅުގެ ރައްޔިތުން ކުރާ މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެއްކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.