ވިޔަފާރި

ކޯވިޑް ރިކަވަރީ ލޯނު : ބީއެމްއެލްއިން ބޮޑެތި ވިޔަފާރިތަކަށް 578 މިލިއަން ރުފިޔާ ދޫކޮށްފި


ކޯވިޑް19އާ ގުޅިގެން ބޮޑެތި ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސްއިން 578 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

"ކޯވިޑް ރިކަވަރީ ލޯނު" ގެ ދަށުން ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރަނީ ބެންކް އޮފް މޯލްޑިވްސްއިންނެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބީއެމްއެލްއިން ދޫކުރާ "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 411 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ. މިއީ ޖުމްލަ 578.5 މިލިއަން ރުފިޔާއާއި 8 މިލިއަން ޑޮލަރެވެ.

މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލްއަށް 602 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 435 ފަރާތަކަށް ލޯނު ދޭން ވަނީ ނިންމާފައެވެ.

ކޯވިޑް19 ރިކަވަރީ ލޯން ސްކީމަކީ ކޯވިޑްއާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ބީއެމްއެލްއިން ތަޢާރަފްކޮށްފައިވާ ލޯނު ސްކީމެކެވެ.

ކޯވިޑް19އާ ގުޅިގެން އިޤްތިސާދީގޮތުން ލިބިފައިވާ ހީނަރުކަން ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރަނީ ބީއެމްއެލްއިންނެވެ. މި ސްކީމްގެ ދަށުން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ރިސޯޓް ވިޔަފާރިތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އަދި ރިސޯޓް ނޫން ވިޔަފާރިތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ.