ޚަބަރު

ކޯވިޑް-19: އާ އަހަރުގެ ޙަރަކާތްތައް ރޭވުމުގައި ސަމާލުވުމަށް އިލްތމާސް ކުރައްވައިފި


އާ އަހަރާ ގުޅިގެން ބާއްވާ އެކިއެކި ޙަރަކާތްތައް ރޭވުމުގައި ސަމާލުވުމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހް ޢަބްދުﷲ މާހިރު އިލްތިމާސް ކުރައްވައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.ޝާހު ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު މިފަދަ ކަންކަން ރޭވުމުގައި ސަމާލުވުމަށް ހަނދާންކުރަން ޖެހޭކަމަށެވެ. ކޮންމެ އަހަރަކުވެސް މިދުވަރު ބާއްވާ އެކިއެކި ޙަފްލާތަކާއި އެއްވުންތަކުގެތެރެއިން ޚިތާނުކުރުމާ ގުޅިގެން ބާއްވާ ޙަފްލާތަކާއި ކައިވެނީގެ ހަފްލާތަކާއި އެނޫންވެސް އެކި ޙަރަކާތްތަކުގައި ގައިދުރުކަން އިސްކުރުމަށާއި މާސްކް އަޅައިގެން އުޅުމަށް ޑރ.ޝާހް ވަނީ އިލްތިމާސްކުރައްވާފައެވެ.

އޭނާ ވިދާޅުވީ ހަފްލާތަކާއި ގިނަބަޔަކު އެއްވެއުޅޭ އެކި ޙަރަކާތްތައް ބާއްވާއިރު ހުޅުވިފައި ހުންނަ، ވައި ދައުރުވުން ރަނގަޅު ތަންތަނުގައި ހަފްލާތައް ބޭއްވުމަށް އިސްކަންދިނުމަކީ މުހިންމުކަމެއް ކަމަށެވެ.

ހަފްލާތައް އިންތިޒާމް ކުރާ ފަރާތްތަކުން ހަފްލާގައި ބައިވެރިވާ މީހުންނަށް ދައުވަތު ދިނުމުގައި ވެސް އެކި ގަޑިތަކަށް ބަހާލައިގެން ވީހާވެސް މީހުން މަދުވާނެ ގޮތަކަށް ހަފްލާތައް އިންތިޒާމުކުރުމަށްވެސް ޑރ.ޝާހް ޢަބްދުﷲ މާހިރު ވަނީ އިލްތިމާސް ކުރައްވާފައެވެ.