ޚަބަރު

ކުށްކޮށްގެން މުދާ ހޯދުން ނިމުމަކަށް ގެނައުމަށް މުހިންމު ޤާނޫނެއް!


  • އައު ޤާނޫނާއެކު ރާއްޖެއާއި ރާއްޖޭން ބޭރުގައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ

  • ޤާނޫނު ވުޖޫދުވުމުގެ ކުރިން ކުށްކޮށްގެން ހޯދާފައިވާ މުދާވެސް ދައުލަތަށް ނެގޭނެ

ރާއްޖޭގައި ކުށްކޮށްގެން މުދާ ހޯދައި، އެއިން މަންފާ ހޯދާ މީހުން ތިބިކަމީ ދެކޮޅު ހެދޭނެ ކަމެއް ނޫނެވެ. ބައެއް މީހުން ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް މިފަދަ މުދާ ގެންގުޅެއެވެ. ރާއްޖޭގައި މިފަދަ މުދާ ދައުލަތަށް ނެގުމަށް ވަކި ޤާނޫނެއް ހެދިފައި ނެތުމަކީ ތަންފީޒީ އިދާރާތަކުން ފާޅުކުރަމުން އަންނަ ކަންބޮޑުވުމެކެވެ. އަދި އެކަމަކަށް އަވަސް ހައްލެއް ބޭނުންވެފައި އޮތް ކަމެކެވެ.

ކުށްކޮށްގެން ހޯދާ މުދަލުން މުއްސަނދިވާ މީހުންގެ މައްސަލައަކީ ރާއްޖެއަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫނެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި މި މައްސަލަ ދިމާވާއިރު ރާއްޖެފަދަ ކުޑަ ޤައުމެއްގައި މިފަދަ ކަންކަމަށް ފުރުސަތު ފަހިވެފައި އޮވެގެން ނުވާނެއެވެ. ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދަލާއި އެއިން ހޯދާ މަންފާއަކީ އެމީހެއްގެ ޙައްގެއް ނޫނެވެ. އެއީ އެހެން މީހުންގެ ޙައްގުތަކެވެ.

ކުށްކޮށްގެން ހޯދާ ފައިސާއާއި މުދާ އަނބުރާ ދައުލަތަށް ނެގުމާ ގުޅޭ ވަކި ޚާއްޞަ ޤާނޫނެއް ރާއްޖޭގައި މިހާރު ނެތެވެ. އެފަދަ ޤާނޫނެއް ހަދައި، އެ ޤާނޫނު ތަންފީޒުކުރުމަށް ތަންފީޒީ އިދާރާތަކުން އައީ އެދެމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލަކީ ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނަގައި، ކުށްތަކުގައި ގެއްލުންވާ މީހުންނަށް ޙައްގު ހޯދައިދިނުމަށް ހުށަހަޅުއްވާފައިވާ މުހިންމު ބިލެކެވެ.

ކުށްކޮށްގެން ހޯދާ މުދާ، ދައުލަތަށް ނެގުމާ ގުޅޭ ބިލަކީ ޖިނާޢީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވައި، ނުޙައްގުން ހޯދާ މުދާ ނެގުމާއި އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލުގައިވާގޮތުން މަނީ ލޯންޑަރިން އާއި ޓެރަރިޒަމާ ގުޅުން ހުރި ކުށްތަކާއި މީހަކު މެރުމާއި މަސްތުވާތަކެއްޗާއި މީހުންނާއި ހަތިޔާރު ޓްރެފިކް ކުރުމާއި އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށާއި ކައުންޓަރފިޓްކުރުމާއި ކޮރަޕްޝަނާއި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައްފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި އެފަދަ ކުށް ކުރަން ބޭނުންކުރާ މުދާވެސް ދައުލަތަށް ނެގޭނެއެވެ.

މިފަދަ ކުށްތައް ރާއްޖޭގައި އަދި ރާއްޖޭން ބޭރުގައި ކުރި ނަމަވެސް މި ޤާނޫނާއެކު ފިޔަވަޅު އަޅާނެއެވެ. އަދި ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ކޮށްފައިވާ ކުށަކުން ހޯދާފައިވާ މުދަލާއި އެއިން މިހާތަނަށް ހޯދަމުން އަންނަ މަންފާތައް ދައުލަތަށް ނެގުމަށްވެސް މި ބިލުން ފުރުސަތު ލިބިގެންދާނެއެވެ. ބިލުގައިވާކަގޮތުން ދައުލަތަށް މުދާ ނެގުމުގައި ރިއާޔަތްކުރާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އިރުޝާދުތަކަށެވެ.

މި ބިލު ފާސްވެ، ޤާނޫނަށް އަމަލުކުރާތާ 30 ދުވަހުގެ ތެރޭގައި "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ގެނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ. މިނިވަން އިދާރާއެއްގެ ގޮތުގައި އުފައްދާ މި އިދާރާއިން ދައުލަތަށް ނޭގޭ މުދާ ރައްކާތެރިކަމާއެކު ބަލަހައްޓައި، އަގުމަގުކުރުމާއި ދަފްތަރު ކުރުމުގެ ކަންކަން ކުރުމާއެކު ކުށުގެ ޝިކާއަރައަށްވާ މީހަކު ބަދަލު ދިނުމަށް ހުށަހެޅުމުން އެ ބަދަލު ދިނުމުގެ ކަންކަން ކުރާނެއެވެ.

މި ޤާނޫނަށް އަމަލުކުރާތާ 60 ދުވަހުގެ ތެރޭގައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު ކުށްކުރުން ހުއްޓުވުމަށާއި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމާ ގުޅޭ ޚަރަދުތައް ބެލެހެއްޓުމަށް "ރިކަވަރޑް އެސެޓް ފަންޑެއް" ވެސް ޤާއިމުކުރާނެއެވެ. އަދި ރާއްޖޭން ބޭރުގައި ހުރި މިފަދަ މުދާ ދައުލަތަށް ނެގުމުގައި ބޭރުގެ އެހީތެރިކަން ހޯދުމުގެ ބާރުވެސް މި ބިލުން ޕްރޮސެކިއުޓަރ ޖެނެރަލަށް ދެއެވެ.

މި ބިލުގައި ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމުގެ އުސޫލުތަކާއި ބޭރު ޤައުމުތައް މެދުވެރިކޮށް ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތައްވެސް ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ. މި ބިލާ ގުޅިގެން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައްވެސް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ކުށްކޮށްގެން ހޯދާ މުދާ، ދައުލަތަށް ނެގުމާ ގުޅޭ ޤާނޫނަކީ ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުވާނެ ޤާނޫނެކެވެ. ނުޙައްގުން ހޯދާ މުއްސަނދިކަން ނިމުމަކަށް އައިސް އެތައް ބައެއްގެ ޙައްގުތައް ކަށަވަރުވާނެ ޤާނޫނެކެވެ.