ޚަބަރު

ކޯވިޑް-19 : ޝީ ބިލްޑިންގ، ކައިވެނި ޙަފްލާއިން 41 މީހުން ޕޮޒިޓިވް


މިމަހުގެ 20ވަނަ ދުވަހު މާފަންނު ޝި ބިލްޑިންގުގައި ބޭއްވި ކައިވެނި ހަފްލާއިން މިހާތަނަށް 41 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ. މީގެ ތެރޭގައި ރިސްކު ބޮޑު މީހުންވެސް ހިމެނޭކަމަށް އެސެންޓަރުން ވިދާޅުވެއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ޝީ ބިލްޑިންގ ކައިވެނި ހަފްލާއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރިސްކު ބޮޑު ކެޓަގަރީގައި ހިމެނޭ 4 މީހަކު ހިމެނޭކަމަށެވެ. މިހާތަނަށް މި "ކްލަސްޓަރ"އާ ގުޅުންހުރި 116 ކޮންޓެކްޓުން ފާހަގަކުރެވިފައިވާކަމަށާ އިތުރު ކޮންޓެކްޓުންވެސް އެބަތިބިކަމަށް އޭނާ ވިދާޅުވިއެވެ. އެމީހުންނާ ގުޅައި މީހުން އެކަހެރިކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މިޙަފްލާއިން ޕޮޒިޓިވްވި މީހުންނާ ގުޅުންހުރި މީހެއްނަމަ ވީހާވެސް އަވަހަކަށް އެކަން އެޗްޕީއޭއަށް ރިޕޯޓުކުރުމަށް ޑރ.ނަޒްލާވަނީ އިލްތިމާސްކުރައްވާފައެވެ.

"އަޅުގަނޑުމެން ލުއިތައް ދެމުން މިދަނީ އެކަމަށް ވަރަށް ބޮޑަށް ބެލިގެން އެކުލަވާލާފައިވާ ގައިޑްލައިންތަކަކާއެކު. ހުރިހާ ފަރާތަކުންވެސް ސަމާލުވާންވީ މިގައިޑްލައިންގައި ޢަމަލުކުރަން ހުރި ކަންކަމަށް ވީހާވެސް ބޮޑަށް ޢަމަލުކުރުމަށް. އޭރުން މިފަދަ ކަންކަން މަދުކުރެވޭނީ." ޑރ.ނަޒްލާ ރަފީޤު ވިދާޅުވިއެވެ.

މިކޭސްތަކާ ގުޅިގެން އެއްވެސް މީހަކާމެދު ފިޔަވަޅު އެޅުމަށް ވިސްނަވަންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ.ނަޒްލާ ވިދާޅުވީ މިފަދަ ކަންކަމުގައި މަސައްކަތްކުރައްވަނީ ލިބޭ ގެއްލުން ކުޑަކުރުމަށްކަމަށެވެ. މިފަދަ ޢަމަލެއްގެ ސަބަބުން މީހަކާމެދު ފިޔަވަޅުއެޅިޔަސް އަދި ނޭޅިޔަސް ލިބުނު ގެއްލުން އެއީ ނުވާކަމަކަށް ނެހެދޭކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި އެޗްޕީއޭއިން މަސައްކަތްކުރަނީ މިކްލަސްޓަރގެ ސަބަބުން ކޮންޓެކްޓްވާ މީހުންގެ ޢަދަދު މަދުކޮށް ކޮންޓްރޯލްކުރުމަށްކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިމަހުގެ 20ވަނަ ދުވަހު ޝީ ބިލްޑިންގައި ބޭއްވި ކައިވެނީގެ ޙަފްލާގައި ގާތްގަނޑަކަށް 120 މީހަކު ބައިވެރިވެފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއްވައެވެ. އަދި ކޯވިޑް-19ގެ ޢަލާމަތްތައްހުރި މީހުންވެސް މިޕާޓީގައި ބައިވެރިވެފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. މި "ކްލަސްޓަރ"ގެ ފުރަތަމަ ކޭސް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 24ވަނަ ދުވަހުގައެވެ.

މިޙްފްލާއަށް ދިޔަ މީހުންގެ ތެރެއިން އެޗް.ޕީ.އޭއިން މިހާތަނަށް ނުގުޅާ މީހުން 1676އަށް ގުޅައި މަޢުލޫމާތު ދެއްވުމަށް އެޗްއީއޯސީންވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އެޗް.ޕީ.އޭއިން މިހާތަނަށް ގުޅާފައި ނުވިނަމަވެސް މިކަމުގައި ހިމެނޭ މީހުން ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިބުމަށްވެސް އެޗްއީއޯސީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޯވިޑް-19ގެ ކޭސްތައް މާލެ ސަރަޙައްދުގައި މަދުވަމުންދިޔުމާ ގުޅިގެން އެޗްޕީއޭއިން މިހާރުވަނީ ވަކި އުސޫލެއްގެ ދަށުން އެކި ހަފްލާތަކާއި ރަސްމިއްޔާތުތަކާއި ބައްދަލުވުންތައް ބޭއްވުމުގެ ހުއްދަ ދެއްވާފައެވެ. އޭގެ ދަށުން މީހުންނަށް ދައުވަތު ދިނުމުގައިއާއި ބަންދު ތަންތަނުގައި މިފަދަ އިވެންޓުތައް ބާއްވާނަމަ ޢަމަލުކުރަންވީ ގޮތާއި ކެއިންބުއިމުގެ ކަންކަން އިންތިޒާމުކުރަންވީ ގޮތް ވަރަށް ސާފުކޮށްވަނީ ބަޔާންކުރައްވާފައެވެ. އަދި މިހާރު ދީފައިވާ ލުއިތަކާއެކުވެސް ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ނޫނީ ކޯވިޑް-19ގެ ވައިރަހުގެ ނުރައްކާ ކުޑަނުކުރެވޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.