ކޯވިޑްގެ ސަބަބުން ކުރީގެ އަންދާޒާތަކަށްވުރެ އަވަހަށް ޗައިނާގެ އިޤްތިޞާދު އެމެރިކާއަށްވުރެ ކުރިއަރާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާއިން ދައްކާގޮތުން އެމެރިކާ ފަހަތަށް ޖައްސާލުވުމަށްފަހު ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދަށް ޗައިނާވާއިރު، 3 ވަނައަށް އެންމެ ބޮޑު އިޤްތިޞާދަކަށް އިންޑިއާވެގެންދާނެއެވެ.
ކޯވިޑްގެ ކޭސްއެއް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާއިންކަމުގައިވީނަމަވެސް، އެޤައުމުން އެޅި ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޗައިނާގައި ވަނީ ބަލި އެއްކޮށް ކޮންޓްރޯލްކޮށްފައެވެ. އެހެންނަަމަވެސް، ދުނިޔޭގެ އެންމެ ބޮޑު ބާރު އަދި އެންމެ ބޮޑު އިޤްތިޞާދު އެމެރިކާއިން ކޯވިޑް ފެނުމާއެކު، ދެން ފެނިގެންދިޔައީ ބަލިމަޑުކަމުގެ ކުރިމަތީގައި އެމެރިކާއިން ކުޑަކަކޫ ޖެހި މަންޒަރެވެ.
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ކެއަރ ސިސްޓަމެއް ނެތުމާއި އެންމެ އާދައިގެ ވެކްސިންތައް ޖެހުމުގެ ތާރީޚެއް އެމެރިކާގެ ރައްޔިތުންގެ ކިބައިގައި ނެތުމުން އެމެރިކާވެގެން ގޮސްފައިވަނީ މި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށްކޮށް އެންމެ ގިނަ މީހުން އެއް ޤައުމަކުން މަރުވި ޤައުމަށެވެ. މީގެ އިތުރުން ޤައުމަށް ދިމާވީ ދަތި މި ޙާލަތުގައި ޤައުމުގެ ރައްޔިތުންނަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމުގައި މިހާރު ވެރިކަން ކުރައްވަމުން ގެންދަވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރު ނުކުޅެދިފައިވާކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެެވެ. އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވި މައިގަނޑު އެއް ސަބަބަކީވެސް މީކަމަށް މި ފަރާތްތަކުން ބުނެއެވެ.
ކޮންމެއަކަސް، ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުން ގާތްގަނޑަކަށް ހުރިހާ ޤައުމުތަކެއް މިވަނީ ތަހައްމަލްކުރަން ޖެހިފައެވެ. މި އިމްތިޙާނީ ވަގުތުގައި އެއްބައި ޤައުމުތައް ފާސްވެ ކުރިއެރުމާއި ދިމާލަށް ދަތުރުކުރިއިރު އަނެއްބައި ޤައުމުތައް ދިޔައީ ފަހަތަށެވެ. ކޯވިޑްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޤައުމުތަކުގެ އިޤްތިޞާދަށެވެ. މި ސަބަބަށްޓަކައި ކުރިން އަންދާޒާކުރި އިޤްތިޞާދީ ކުރިއެރުމާއި މިހާރުގެ ޙާލަތު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.
ކޯވިޑްގެ ސަބަބުން ކުރި އަސަރުތަކާއި، މި ޙާލަތުގައި ޤައުމުތަކުން ކުރަމުންދާ މަސައްކަތުގެ މައްޗަށް ބަލާ ސެންޓަރ ފޯ އިކޮނޮމިކް އެންޑް ބިޒްނަސް ރިސާޗުން އާންމުކުރި ދިރާސާއަކުން ދައްކާގޮތުން ކޯވިޑްގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދީ ދުވެލި މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މި ދިރާސާގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ކުރިއަށް އޮތް އަހަރުތަކުގައި ދުނިޔޭގެ އިޤްތިޞާދުތަކުގެ މިންތިއަށް އަންނަ ބަދަލުތަކެވެ. އެގޮތުން 2028 ވަނަ އަހަރު އަންނަންވާއިރަށް ޗައިނާގެ އިޤްތިޞާދު އެމެރިކާއަށްވުރެ ކުރިއަރާނެކަމަށް މި ދިރާސާއިން ވަނީ ދައްކާފައެވެ. މިއީ މީގެ ކުރިން އަންދާޒާކުރި އަހަރަށްވުރެ 5 އަހަރު އަވަހެވެ.
މި ދިރާސާއިން ވަނީ 2023 ވަނަ އަހަރާއި ހަމައަށް އަންނަން ވާއިރަށް އެންމެ މަތިން އާމްދަނީ ލިބޭ ޤައުމުގެ ފަންތިއަށް ޗައިނާ އަރާނެކަމަށް ލަފާކޮށްފައެެވެ. މި ފަންތިއަކީ ޤައުމުގެ ރައްޔިތުންގެ އާބާދިއާއި އަޅާކިޔާ ބޮލަކަށް ޖެހޭ ވަރު 32 ހާސް ޑޮލަރަށްވުރެ މަތިވުމުން އަރާ ފަންތިއެކެވެ. މިފަންތީގައި އެމެރިކާ ޖަޕާން ކެނެޑާ އަދި ސްވިޒަލޭންޑްފަދަ ޤައުމުތައް ހިމެނޭއިރު، މި ފަންތިއަށް އައުމުގައި ޗައިނާ ލަސްވަނީ އެ ޤައުމުގެ ބޮޑު އާބާދީގެ ސަބަބުންނެވެ. އެހެންނަމަވެސް 2023ވަނަ އަހަރާއި ހަމައަށްދާއިރު ޤައުމުގެ އިޤްތިޞާދު ވަރަށް ބޮޑަށް ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން 2035 ވަނަ އަހަރާއިހަމައަށް ދާއިރު ޤައުމުގެ އިޤްތިޞާދު މިހާރު އޮތް ޙާލަތުން ދެ ގުނަ ކުރިއަރާނެކަމަށް ޗައިނާގެ ރައީސް ޝީ ޖިން ޕިންވެސް ވަނީ ވިދާޅުވެފައެވެ.
ކޯވިޑްގެ ސަބަބުން ކުރީގެ އަންދާޒާތަކަށްވުރެ އަވަހަށް ޗައިނާގެ އިޤްތިޞާދު އެމެރިކާއަށްވުރެ ކުރިއަރާނެކަމަށް ލަފާކޮށްފައިވާއިރު، ޗައިނާއަކީ މިއަހަރުގެ ތެރޭގައި އިޤްތިޞާދީ ފައިދާގައި އަހަރު ނިންމާލާ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.
މި ރިޕޯޓްގައި ވަނީ ޗައިނާއަށްފަހު މި ދުވަސްވަރު އެންމެ ބޮޑަށް ދެން ކުރިއަރާނީ އިންޑިއާކަމަށް ލަފާކޮށްފައެވެ. އެގޮތުން 2030 ވަނަ އަހަރު ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދުގެ ގޮތުގައި އިންޑިއާ ވެގެންދާނޭކަމަށް ލަފާކޮށްފައިވެއެވެ. މިއާއެކު އޭޝިއާ ސަރަހައްދު ވެގެންދާނީ ދުނިޔޭގެ ވިޔަފާރީގެ މައި ހަބަށްކަމަށް މި ދިރާސާއިން ވަނީ ދައްކާފައެެވެ.