ވިޔަފާރި

އެވްރެޖްކޮށް ދުވާލަކު 6 ޕްރައިވެޓް ޖެޓު މާފަރު އެއަރޕޯޓަށް މިހާރު ޖައްސާ


މިމަހުގެ މިހާތަނަށް ފަތުރުވެރިންނާއެކު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 90 އަށްވުރެ ގިނަ ޕްރައިވެޓް ޖެޓު ޖައްސައިފިއެވެ.

މިދިޔަ އަހަރު ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ މި އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެނޭޖްކުރާ އައިލެންޑު އޭވިއޭޝަނުން ހާމަކުރާގޮތުގައި މިހާރު އާއްމުގޮތެއްގައި ދުވާލެއްގެ މައްޗަށް 5 ނޫނީ 6 ޖެޓު މާފަރު އެއަރޕޯޓަށް ޖައްސާ ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަން އެއަރޕޯޓްސްގެ ޖެނެރަލް މެނޭޖަރ މުމްތާޒް އަލީ ވިދާޅުވީ މިމަސް ނިމުމުގެ ކުރިން މާފަރަށް 100އަށް ވުރެ ގިނަ ޕްރައިވެޓު ޖެޓު ޖައްސާނެ ކަމަށް ލަފާކުރެވޭކަމަށެވެ. މުމްތާޒް ވިދާޅުވީ ކޯވިޑާއި ގުޅިގެން އިނގިރޭސިވިލާތް ފުރަބަންދަކަށް ދިޔުމާއި ގުޅިގެން އެޤައުމުން މާފަރަށް އައުމަށް ކުރިން ތާވަލްކޮށްފައިވާ ބައެއް ޖެޓުތައް ކެންސަލްވެފައިވާ ކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން ޖުލައިމަހު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ 11 ޕްރައިވެޓު ޖެޓް ކަމަށާއި އޮގަސްޓުމަހު 14 ޕްރައިވެޓު ޖެޓު ޖައްސާފައިވާއިރު، ސެޕްޓެމްބަރުމަހު މާފަރު އެއަރޕޯޓަށް ޖައްސާފައިވަނީ 13 ޕްރައިވެޓު ޖެޓެވެ. އަދި އޮކްޓޯބަރުމަހު 41 ޕްރައިވެޓް ޖެޓު ޖައްސާފައިވާއިރު، ނޮވެމްބަރުމަހު އެ އެއަރޕޯޓަށް 65 ޕްރައިވެޓު ޖެޓު ވަނީ ޖައްސާފައިވެއެވެ.

މާފަރު އިންޓަރނޭޝަލް އެއަރޕޯޓަށް ޖައްސާ ޖެޓުތަކުގައި އާއްމުގޮތެއްގައި އަންނަނީ ނ.އަތޮޅުގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިނެވެ. ނ.އަތޮޅަކީ ގިނަ އަދަދެއްގެ މަތީ ފަންތީގެ ރިސޯޓުތައް ތަރައްޤީކޮށްފައިވާ އަތޮޅެކެވެ.

ސަރުކާރުން މާފަރު އެއާޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގައެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 3600 މީޓަރެވެ.

މާފަރު އެއާޕޯޓަކީ ސީދާ އިންޓަރނޭޝަނަލް ދަތުރުތަކަށް އަމާޒުކޮށްކޮށްގެން ވަސީލަތްތައް ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ.