ޚަބަރު

ކޯވިޑް-19ގެ އައު ވައްތަރު ފަރަންސޭސިވިލާތުން ފެނިއްޖެ


އިނގިރޭސިވިލާތުގައި ފެތުރެމުންދާ ބަދަލު އައިސްފައިވާ ކޯވިޑް-19 ވެކްސިން ފަރަންސޭސިވިލާތުން ފެނިއްޖެއެވެ.

ފަރަންސޭސިވިލާތުގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނީ އިނގިރޭސިވިލާތުގެ ލަންޑަނުން އެ ޤައުމަށް ދަތުރުކުރި ފަރަންސޭސިވިލާތުގެ ރައްޔިތެއްގެ ކިބައިން ކޯވިޑް-19ގެ އައު ވައްތަރު ފެނިފައިވާކަމަށެވެ. ޑިސެމްބަރު މަހުގެ 19ވަނަ ދުވަހު ލަންޑަނުން ދަތުރުކުރި އެ މީހާ ހުރީ ޓުއާސް ކިޔާ ސިޓީއެއްގައިކަމަށާއި، އޭނާ މިހާރު ހުރީ އެކަހެރިވެގެންކަމަށް ޞިއްޙަތާއިބެހޭ ވުޒާރާއިން ބުންޏެވެ. އޭނާގެ ޙާލު ރަނގަޅުކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

އިނގިރޭސިވިލާތުގައި ކޯވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށާއި އޭގެ ސަބަބަކީ އެ ޤައުމުގައި ފެތުރެމުންދާ ވައިރަހުގެ އައު ވައްތަރެއްކަމަށް އިނގިރޭސިވިލާތުގެ ޞިއްޙަތާއިބެހޭ ވަޒީރު މެޓް ހެންކޮކް އިޢުލާނުކުރެއްވީ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުގައެވެ. އޭނާ ވިދާޅުވީ އައު ވައިރަހުގެ ސަބަބުން ބަލިޖެހިފައިވާ 1،000އަށްވުރެ ގިނަ މީހުން އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުން ފެނިފައިވާކަމަށެވެ.

ބަލި ފެތުރުމުގެ ބާރު 70 އިންސައްތައަށް ގަދަ ވައިރަހުގެ ބާވަތެއް އިނގިރޭސިވިލާތުން ފެނިފައިވާއިރު ދެކުނު އެފުރިކާއާއި ނައިޖީރިއާއިންވެސްވަނީ ބަދަލު އައިސްފައިވާ ވައިރަސްތަކެއް ފެނިފައެވެ. އައު ބާވަތްތައް ފެތުރެމުންދާ މި ދަނޑުވަޅުގައި ދުނިޔޭގެ ގިނަ ޤައުމުތަކަކުންވަނީ އިނގިރޭސިވިލާތަށާއި ދެކުނު އެފުރިކާއަށް ކުރާ ދަތުރުތައް މެދުކަނޑާލައި އެ ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ސަރަޙައްދު ރޮނގުތައް ބަންދުކޮށްފައެވެ.

ފަރަންސޭސިވިލާތުގައި މިހާތަނަށް 2.5 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 62،427 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއރުގެ ތެރޭގައިވެސް އެ ޤައުމުގައި 20،262 މީހުންނަށް ބަލިޖެހި 159 މީހުންވަނީ މަރުވެފައެވެ. އެ ޤައުމު އޮތީ ހަތްވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން އެ ބަލީގައި މަރުވެފައިވާ ޤައުމުގެ ގޮތުގައެވެ.