ވިޔަފާރި

ފަރުމަހުގެ މަސްވެރިކަމުގެ ޕްލޭން - ބައެއް ބާވަތްތަކުގެ ފަރުމަސް ހިފުމާއި އެކްސްޕޯޓުކުރުން މަނާ


ބައެއް ބާވަތްތަކުގެ ފަރުމަސް ހިފުމާއި އެކްސްޕޯޓުކުރުން މަނާކުރާ ގޮތަށް ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ގެޒެޓްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ގެޒެޓްކުރުމާއެކު މިހާރު މި ޕްލޭނަށް ވަނީ އަމަލުކުރަން ފަށާފައެވެ.

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މައްޗަށް ރާއްޖޭގައި ކުރެވޭ ތަފާތު ބާވަތްތަކުގެ މަސްވެރިކަމުގެ ޕްލޭން ހެދުމަށް ވަނީ ލާޒިމްކޮށްފައެވެ. މިގޮތުން އެންމެ ފަހުން އެ މިނިސްޓްރީން ގެޒެޓްކޮށްފައިވަނީ "ދިވެހިރާއްޖޭގެ ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން"އެވެ.

ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގައި ބަޔާންކޮށްފައިވާ ގޮތުން ފަރުމަހުގެ މަސްވެރިކަމާއި ފަރުމަހުގެ ވިޔަފާރީގެ ހަރަކާތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި ފަރުމަހުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ލައިސަންސް ދޫކުރާނެއެވެ. މި ޤަވައިދުގައިވާ ގޮތުން 3 ފަރާތަކަށް ފަރުމަހުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ވިޔަފާރި ބޭނުމަށް ފަރުމަހުގެ މަސްވެރިކަންކުރާ އުޅަނދުފަހަރަށާއި، ފަރުމަސް ޕްރޮސެސްކުރާ ފެސިލިޓީތަކުގެ އިތުރުން އެކްސްޕޯޓު ކުރާ ފަރާތްތަކަށާއި ރިސޯޓުތަކަށް މެދުވެރިއެއްގެ ގޮތުން ފަރުމަހުގެ ބާވަތްތައް ވިއްކާ ފަރާތްތަކަށެވެ.

މި ޤާނޫނުގައިވާގޮތުން މާޙައުލީ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ ފަރުމަހުގެ ބާވަތްތައް ހިފުމާއި އެކްސްޕޯޓުކުރުން މަނާވާނެއެވެ. އެގޮތުން މިޕްލޭން ތަންފީޒުކުރަން ފަށާތާ 1 އަހަރު ދުވަހުގެ އެކަން ކަމާބެހޭ ފަރާތްތަކުން ތަންފީޒުކުރަންޖެހެއެވެ. މީގެއިތުރުން މަސްވެރިކަމާއި، މާޙައުލީ ނިޒާމަށް ރިޢާޔަތްކޮށް، ފަރުމަހުގެ މަސްވެރިކަމުގައި ހިފައިއުޅޭ، އާބާދީ ހީނަރުވެފައިވާ ނުވަތަ ވެދާނެކަމުގެ ބިރުހީވެފައިވާ ފަރުމަހުގެ ބާވަތްތައް ހިފުމާއި އެކްސްޕޯޓުކުރުން މެދު ރާސްތާގެ ޕްލޭނެއްގެ ތެރެއިން މަނާކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގައި ފަރުމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތައް ބޭނުންކުރެވޭނެ އިންތަކާއި ހަމަތައް ވަނީ ކަނޑައަޅާނެއެވެ. މީގެއިތުރުން ފަރުމަހުގެ މަސްވެރިކަން ބެލެހެއްޓުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމާގުޅޭ ސިޔާސަތުތަކާއި، ފަރުމަހުގެ ބާވަތްތަކުގެ އާބާދީ ޙިމާޔަތްކުރުމާއި، މެނޭޖްކުރުމާއި، ފަރުމަހުގެ ދިރާސާތައް ކުރުމާއި، އޭގެ ވިޔަފާރި ކުރުމާގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން، މިނިސްޓްރީއަށް ލަފާދޭ ކޮމިޓީއެއް އުފައްދާނެއެވެ. އަދި ކޮމިޓީގެ ޖަލްސާތައް މަދުވެގެން އަހަރަކު ދެފަހަރު ބާއްވަންޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީއަށް އެކުލަވާލަން ލާޒިމްކުރާ މަސްވެރިކަމުގެ ތަފާތު ޕްލޭންތަކުގެ ތެރެއިން މިހާރު އެކުލަވާލާ ގެޒެޓްކޮށްފައިވަނީ 7 ޕްލޭނެއެކެވެ. އެއީ އިހީގެ މަސްވެރިކަމުގެ އިތުރުން ހިބަރުގެ މަސްވެރިކަމާއި، ދިރޭ ކުދިމަހުގެ މަސްވެރިކަމާއި، ތުތި ބޯވަދިލަމަހުގެ މަސްވެރިކަމާއި، ފާނަ މަސްވެރިކަމާއި ހުއިފި ލަނޑާގެ މަސްވެރިކަމުގެ ޕްލޭންގެ އިތުރުން ފަރުމަހުގެ މަސްވެރިކަމުގެ ޕްލޭންއެވެ. ކުރިޔަށް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ 2 ޕްލޭންއެއް އެބައޮތްކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އެއީ ކަނޑުމަހުގެ މަސްވެރިކަމުގެ ޕްލޭންއާއި އެންވެރިކަމުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންއެވެ.