ވިޔަފާރި

މިއަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަށް 845 މިލިއަން ރުފިޔާ ދޫކުރި


މިއަހަރުގެ މިހާތަނަށް މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް 845 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އަޑިއަޅާލާފައިވާ ދަނޑިވަޅެއްގައިވެސް މަސްވެރިކަމުގެ ސިނާއަތުން އިޤްތިޞާދަށް ލިބޭ މަންފާ އިތުރުކުރުމަށް މިފްކޯއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

މަސްވެރިންގެ އަތުން މިފްކޯއިން މަސް ގަންނަމުންދަނީ އެއިރެއްގައި ދުނިޔޭގެ ބާޒާރުގައި އަގުތައް ހުންނަ ގޮތަށް ބެލުމަށްފަހުގައެވެ. މިހާރު މިފްކޯއިން މަސްގަންނަމުން ދަނީ މަސް ކިލޯއެއް 16 ރުފިޔާއަށެވެ. މަސް ގަންނަ ކުންފުނިތަކުގެ ތެރެއިން މިހާރުވެސް މަސްވެރިންނަށް އެންމެ ރަނގަޅު އަގެއް މަސްވެރިންނަށް ދެމުންއަންނަނީ މިފްކޯއިންކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް މަސްވެރިންގެ އަތުން 47000 ޓަނުގެ މަސްގަނެ 845 މިލިއަން ރުފިޔާ މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވާކަމަށެވެ.

"މިހާހިސާބަށް އާދެވުނުއިރު ގާތްގަނޑަކަށް 47000 ޓަނު އަޅުގަނޑުމެންނަށް ގަނެވިއްޖެ އިނގޭތޯ މަސްވެރިންގެ އަތުން. 845 މިލިއަން ރުފިޔާ މަސްވެރިންނަށް ދެވިއްޖެ. މިދިޔަ އަހަރު 903 މިލިއަން ރުފިޔާ ދެވުނީ." އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

މަސްވެރިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އައިސް ލިބުމުގައި ހުރި ގޮންޖެހުންތަކެވެ. މިފްކޯގެ މިވަގުތުގައި ހުރި ކެޕޭސިޓީއަށް ބެލުމަށްފަހު މަސްވެރިންނަށް އައިސް ދެމުންއަންނަކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި އަންނަ އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓްތައް ޤާއިމްވެގެންދިއުމުގެ ސަބަބުން މަސްވެރިންގެ މި ކަންބޮޑުވުމަށްވެސް ހައްލު ލިބިގެންދާނެކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއަށް މި ހިސާބަށް އާދެވުނީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކުގައިކަން ފާހަގަކުރައްވައި އިސްމާއިލް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އަމާޒަކީ މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވެ ޒުވާން މަސްވެރިން ބޭނުންވާ ކަހަލަ ކުންފުންޏަކަށް ހެދުންކަމަށެވެ. އެގޮތުން މިފްކޯއަކީ މަސްވެރިންގެ ހިއްސާ އޮންނަ ޕަބްލިކް ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެއްކޮށް މިހިސާބަށް މި އާދެވުނީ. އުންމީދަކީ އަންނަ އަހަރު މި ޕްރޮޖެކްޓްތައް ނިމޭއިރު މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވެ ޒުވާން މަސްވެރިން ބޭނުންވާކަހަލަ ކުންފުންޏަކަށް ހެދުން. އެންމެ މުހިންމު ކަމަކަށް އިސްކަންދޭނީ ވަސީލަތްތައް ތަރައްޤީކުރަން. އޭގެފަހުން މިފްކޯއަކީ ޕަބްލިކް ކުންފުންޏަކަށް އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތަނުގައި މަސްވެރިންގެ ބައިވެރިވުން އޮންނަ ގޮތައް އަދި އާންމުންގެވެސް ހިއްސާ އޮންނަގޮތައް ކުންފުނި ތަރައްޤީކުރެވޭނެ." އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯއަކީ އެސްޓީއޯގެ 99.99 އިންސައްތަ ހިއްސާ އާއި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ 0.01 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. މިފްކޯގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ބިޔަ ޕްރޮޖެކްޓެއް މިހާރު ވަނީ ފަށާފައެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މި މަސައްކަތް ނިމޭނެކަމަށް އެ ކުންފުނިން ބުނެއެވެ.