ޚަބަރު

ލީގުގައި ކުރިއަށް ދިއުމަށް ޔޫވީ ބަލިކުރަންޖެހޭ - ނިޝްތާރު


ތާވަލްގެ ފުލަށް ނުވެއްޓި ސަލާމަތް ވުމަށް ޔުނައިޓަޑް ވިކްޓްރީ މެޗް ކާމިޔާބުކުރަންޖެހޭކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރު ބުނެފިއެވެ.

ގްރީން ސްޓްރީޓްސް އާއި ޔުނައިޓަޑް ވިކްޓްރީ މެޗާއި ކުރިމަތިލާއިރު، ލީގްގައި މިހާތަނަށް ކޮންމެ ޓީމެއްވެސް ދެ މެޗް ކުޅެފައިވާއިރު، ޔުނައިޓެޑް ވިކްޓްރީއާއި ގްރީން ސްޓްރީޓަކަށް އެއްވެސް މެޗެއް ކާމިޔާބެއް ނުކުރެވެއެވެ. މެޗުގެ ކުރިން ވާހަކަދައްކަމުން ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރު ބުނީ މިއީ ދެ ޓީމަށްވެސް ވަރަށް މުހިންމު މެޗެއްކަމަށެވެ. ލީގުގެ 3ވަނަ މެޗާއި ދެ ޓީމު ކުރިމަތިލާއިރު، ކޮންމެ ޓީމަކަށްވެސް މެޗުން 3 ޕޮއިންޓް ހޯދަން މަޖުބޫރުކަމަށް ނިޝްތާރު ބުންޏެވެ. ނިޝްތާރު ބުނީ ލީގުގައި މިހާތަނަށް ގްރީން ކުޅެފައިވާ ދެ މެޗަކީވެސް ވަރުގަދަ 2 މެޗުކަމަށާއި ނަމަވެސް ޔޫވީ މިމެޗުން 3 ޕޮއިންޓެއް ހޯދަން ޖެހޭކަމަށާއި، ލީގުގެ ތިން މެޗް ނިމޭއިރު، ތާވަލްގެ އެންމެ ފުލުގައި އޮންނަން ބޭނުންނުވާކަމަށްވެސް ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރު ބުންޏެވެ.

"ޔޫވީގެ ސްކޮޑަކީ އަޅުގަނޑު ރޭންކު ކުރާގޮތުގައި ޕްރިމިއަރ ލީގްގެ ތިންވަނައަށް އެންމެ ވަރުގަދަ ސްކޮޑް އޮތް ޓީމް. އެހެން މިބުނަނީ އެޓީމްގެ ކުޅުންތެރިންގެ ނަންތަކަށް ބަލާފަ. އެއީ ވަރަށް ރަގަނޅު ސްކޮޑެެއް، ނަމަވެސް ލީގުގައި މިހާތަނަށް އެޓީމް ކުޅެފައިވާ ދެ މެޗަކީވެސް އެޓީމަށް ފަސޭހަ މެޗުތަކެއް ނޫން. ވަރުގަދަ ޓީމުތަކާއި ދެކޮޅަށް 2 މެޗްވެސް އެޓީމް ކުޅެފައިވަނީ. އެހެންވީމަ ގްރީންގެ ކުޅުންތެރިން އެމެޗް ފަސޭހަކޮށެއް ނުނަގާނަން. ވަރަށް ވަރުގަދަ މެޗަކަށް ގްރީން އާއި ޔޫވީގެ މެޗް ވެގެންދާނީ." ގްރީންގެ ކޯޗް ނިޝްތާރު ބުންޏެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ބުނީ ލީގުގައި އެންމެ ފަހުން ކުލަބް ވެލެންސިޔާ އާއި ދެކޮޅަށް ކުޅުނު މެޗަކަށްފަހު 1 ދުވަހުގެ ރެސްޓަށްފަހު މިމެޗާއި ދޭތެރޭގައި ފަރިތަކުރުންތަށް ކުރިއަށް ގެންދެވިފައިވަނީ 2 ދުވަހުކަމަށް މުހައްމަދު އާދަމް ބުނެފިއެވެ. އަދި ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލައާއި ގުޅިގެން މިހާރު ޓީމުގެ ކުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސްފައިވާކަމަށާއި އެބަދަލުތަކާއި އެއްގޮތަށް ކުޅުމަށް ޓީމު މިހާރު ހޭނެމުންދާކަމަށް ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާދަމް ބުންޏެވެ. އަދި ގްރީންގެ މެޗަކީ ޔޫވީއަށް ފަސޭހަ މެޗަކަށް ނުވާނެކަމަށްވެސް ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާދަމް ބުންޏެވެ.

"މިއީ ފުދޭވަރަކަށް އުދަގޫވާނެ މެޗެއް މިއީ. އެންމެ ބޮޑު އެއް ސަބަބަކީ ޔޫވީގެ މިހާތަނަށް ފެނުނު މެޗުތަކާއި ގްރީންއިން މިހާތަނަސް ކުޅެފައިވާ މެޗްތަކުން، ގްރީންގެ މަސައްކަތުގެ ރޭޓް ތަންކޮޅެއް ރަގަނޅުކަމަށް ފެންނަނީ. ޔޫވީގެ މިދިޔަ ދެ މެޗްގައިވެސް ބައިކޮޅަށް ލަނޑެއް ވަންނަންދެން ވަރަށް ރަގަނޅަށް ކުޅުމަށްފަހުގައި، ލަނޑެއް ވަނުމުން ޓީމްގެ ހިއްވަރަށް ބަދަލުތަކެއް އަންނަތަން ފެނިގެންދޭ. ދެ ޓީމުގެ ކުޅުންތެރިންނަށް ބަލާފަ، މެޗު ވެގެންދާނީ ވަރަށް ވާދަވެރި މެޗަކަށް. ލީގުގައި އަދި ވަރަށް ގިނަ މެޗުތައް އެބަހުރި ބާކީ، މިހާތަނަށް ކުޅުނު 2 މެޗުން ބަލިވީނަމަވެސް، ލީގުގެ އުއްމީދު އަދި ގެއްލުވައެއް ނުލަން. އަދި ވަރަށް ބައިވަރު ކަންތައްތައް މިލީގްގައި ވެގެންދާނެ. އެހެންވީމަ ޔޫވީއަކަށް އަދި ޕްރެޝަރެއް ނެތް." ޔޫވީގެ ކޯޗް މުހައްމަދު އާދަމް ބުންޏެވެ.

ޔޫވީގެ މޯޗް މުހައްމަދު އާދަމްބުނީ ޓީމްގެ ކުޅުންތެރިއަށް އިތުބާރުކުރާކަމަށާއި އަދި ޔޫވިއިން ރަގަނޅު ނަތީޖާތަކެއް ކުރިއަށް ހުރި މެޗްތަކުގައި ހޯދާނެކަމަށެވެ.