ޚަބަރު

ކުޑަކުދިންގެ ކުށްތަކަށްދޭ އަދަބު ލުއިކުރާ ބިލް ތަޞްދީޤު ކުރައްވައިފި


ކުޑަކުއްޖަކު ކުރާ ކުށަކަށް ދޭ އަދަބަކީ ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބެއްގެ ތިންބައިކުޅަ ދެބައިކަމަށް ކަނޑައަޅާ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ގެނައި އިޞްލާޙުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަޞްދީޤު ކުރައްވައިފިއެވެ.

މިމަހުގެ 7 ވަނަދުވަހު ރައްޔިތުން މަޖިލީހުން ފާސްކުރެއްވި މި ބިލުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ވަނީ ގިނަ އިޞްލާޙުތަކެއް ގެނެސްފައެވެ.

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުއްޖެއްގެ ބަންދުގެ މުއްދަތު އިތުރުކުރާއިރު އެކުއްޖާ ބަންދުގައި ބެހެއްޓުމަށް ނިންމާ ޙާލަތުގައި، އެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށާއި ކުއްޖާގެ ޙާލަތަށް ރިޢާޔަތްކުރުމަށްފަހު، އެކުއްޖާ ގޭގައި ބަންދުކުރުމަށް އަމުރުކުރުމުގެ އިޚްތިޔާރު މި ޤާނޫނުން ޤާޟީއަށް ލިބިގެންވެއެވެ. އަދި ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ކުއްޖެއްގެ ބަންދު މުރާޖަޢާކުރާ ޙާލަތުގައި، އެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށާއި ކުއްޖާގެ ޙާލަތަށް ރިޢާޔަތްކުރުމަށްފަހު، އެކުއްޖާ ގޭގައި ބަންދުކުރުމަށް އަމުރުކުރުމުގެ އިޚްތިޔާރުވެސް ޤާޟީއަށް ލިބިގެންވެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ގެނައި އިޞްލާޙުގައިވާ ގޮތުން ކުޑަކުއްޖަކު ކުރާ ކުށަކާއި ގުޅިގެން އެކުއްޖެއްގެ މައްޗަށް ކަނޑައަޅާނީ، އެ ކުށަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބެއްގެ 3/2( ތިންބައިކުޅަ ދެބައި ) އެވެ. އަދި އުމުރުން 18 އަހަރުފުރުމުގެ ކުރިން ކުއްޖަކުކޮށްފައިވާކަމަށް ޝަރީއަތަށް ސާބިތުވެފައިވާ ކުށަކާއި ގުޅިގެން އެ ކުއްޖާއަށް 18 އަހަރުވުމަށްފަހުވެސް މަރުގެ އަދަބު ދީގެންނުވާނެކަމަށްވެސް މި ޤާނޫނުގައި ބުނެއެވެ.

މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ޙާލަތުގައި، އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ 4/3( ހަތަރުބައިކުޅަތިންބައި )
އަށްވުރެ ބޮޑު ނޫން އަދަބަކަށް ބަދަލުކުރަންވާނެކަމަށްވެސް މި ޤާނޫނުގައިވެއެވެ. ޤާނުނުގައި މިހެން އޮތްނަމަވެސް އެ ކުޑަކުއްޖާއަކީ ކުރިންވެސް ކުށެއް ސާބިތުވެފައިވާ ކުއްޖެއްނަމަ، އެކުއްޖާ ކޮށްފައިވާ ކުށުގެ ބާވަތަށާއި ކުށުގެ ކުޑަބޮޑުމިނަށާއި އެކުއްޖާ ގެ ކުށުގެ ރެކޯޑަށާއި،
ވަށައިގެންވާ އެންމެހައި ޙާލަތްތަކަށާއި، ކުއްޖާގެ އިޖްތިމާޢީ ޙާލަތު އަންގައިދޭ ރިޕޯޓަށް ރިޢާޔަތްކުރުމަށްފަހު، ކުއްޖާގެ މައްޗަށް ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބުގެ ފުރިހަމަ މިންވަރު ކަނޑައެޅުމުގެ އިޚްތިޔާރު މި ޤާނޫނުން ޤާޟީއަށް ލިބިގެންވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާޢީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިދީފައި ވަނީ ޖުވެނައިލް ކޯޓަށެވެ. ހަމަ އެއާއެކު، މި އިޞްލާޙުގެ ދަށުން ޝަރީޢަތުން މައްސަލަ ބަލައި ފިޔަވަޅު އަޅާ ޙާލަތުގައި ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން މޮނިޓަރކުރުމާއި އެ ކުދިން ޕްރޮބޭޝަންގެ ޝަރުޠުތަކާއި އެއްގޮތަށް ޢަމަލުކުރޭތޯ ބަލައި، އެކަންކަމުގެ މަޢުލޫމާތުތައް އެއްކޮށް އެ މަޢުލޫމާތުތައް ޝަރީޢަތަށް ފޯރުކޮށްދޭނީ ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނެވެ.

މީގެ އިތުރުން، ޕްރޮބޭޝަންގައި ތިބޭ ކުދިން މޮނިޓަރކުރުމުގައި ދައުލަތުގެ ކަމާބެހޭ ތަންފީޛީ އިދާރާތަކުގެ އެހީތެރިކަން ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނަށް ލިބިދޭންޖެހޭނެއެވެ. އަދި، މި ޤާނޫނަށް ގެނައި އިޞްލާހުގެ ދަށުން ދަޢުވާ އުފުލުމާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ޤަވާޢިދެއް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލަންޖެހޭނެެއެވެ.

މި ބިލު ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. އަދި، މި ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ 24 ވަނަދުވަހުން ފެށިގެންނެވެ.