ކުޅިވަރު

ސަސްގައި އޮތީ މޮޅުވުމުގެ ރޫޙެއް - ނާދު


ސަސްގެ ކުޅުން، މެޗަކަށް ފަހު މެޗެއް ރަގަނޅުވަމުން އަންނަކަމަށް ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކުލަބުގެ ކޯޗް އަހުމަދު ނާޝިދު (ނާދު) ބުނެފިއެވެ.

މިރޭ ޓީސީ އާއި ވާދަކުރުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދުބުނީ މިމެޗަށް ސަސް ޓީމުން ވަރަށް ރަގަނޅަށް ތައްޔާރުވެފައިވާކަމަށާއި ޓީމުގައި ކޮންމެވެސް ވަރެއްގެ އަނިޔާގެ މައްސަލަތަކެއް އުޅޭކަމަށެވެ. ނަމަވެސް އެއްވެސް ކުޅުންތެރިއަކަށް އަނިޔާ ސަބަބުން ނުކުޅެވޭ ވަރުނުވާކަމަށް ނާޝިދު ބުންޏެވެ. ފާއިތުވެގެންދިޔަ މެޗުތަކުގައި ސަސް ޓީމްގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމަކީ ޓީމުގެ ކުޅުންތެރިންގެ ބުރަ މަސައްކަތްކަމަށާއި ފަރިތަކުރުންތަކުގައިވެސް ޓީމްގެ ކުޅުންތެރިންގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަކަމަށް ނާޝިދު ބުންޏެވެ. އަދި ކޮންމެ ކުޅުންތެރިއަކުވެސް އެކުޅުންތެރިއެއްގެ ވާޖިބު ވަރަށް ރަގަނޅަށް އަދާކުރާކަމަށްވެސް ތަޖުރިބާކާރު ކޯޗް ނާދު ބުންޏެވެ. ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މެދު ތެރެއަށް ކުޅޭނެ ކުޅުންތެރިއެއް ނެތް މައްސަލަކަމަށާއި މިހާރުވެސް މެދު ތެރެއަށް ކުޅުވަނީ ޑިފެންސަށް ކުޅޭ ކުޅުންތެރިން ލައްވާކަމަށް ނާދު ބުންޏެވެ. އަދި ފޯވާޑްލައިނަށް ރަގަނޅު ބޯޅަތަކެއް ނުދެވެނީވެސް އެހެންވެގެންކަމަށް ކޯޗް ނާޝިދު ބުންޏެވެ. އަދި މިއަންނަ ޓްރާންސްފާގައި މެދުތެރެއަށް ކުޅޭ ކުޅުންތެރިއެއް ހޯދުމުގެ މަސައްކަތް މެނޭޖްމަންޓާއި ގުޅިގެން ކުރާކަމަށްވެސް ސުޕައަރ ޔުނައިޓެޑްގެ ކޯޗް އަހުމަދު ނާޝިދު ބުންޏެވެ.

"މިހާރު މޮޅެއް ހޯދާފައި އޮތީމަ، ކުޅުންތެރިންވެސް މޮޅުވުމުގެ އުއްމީދެއް ހުންނާނެ. ޓީސީ މެޗަށް ނިކުންނައިރު، ޓީސީއަކީ ފުރަތަމަ ޑިވިޝަނަށް އާޓީމެއް ނޫން. އެޓީމްގައި ތަޖްރިބާކާރު މޮޅެތި ކުޅުންތެރިންވެސް ހިމެނޭ. ނަމަވެސް ސަސްއަށް އަދި ފުރަތަމަ ޑިވިޝަން ވަރަށް އާވާނެ، ނަމަވެސް ތަޖްރިބާކާރު ކުޅުންތެރިން ޓީމްގައި ތިބިނަމަވެސް، ކުލަބަކީ އަދި ފުރަތަމަ ޑިވިޝަނަށް ވަރަށް އާ ޓީމްއެއް. މެޗަށް ތައްޔާރުވަނީވެސް އެޓީމުގެ ތަޖްރިބާއަށް ބަލާފަ، ސަސްއަށް ކުރި ހޯދޭނެ ގޮތްތަކަށް ރާވައިގެން. ޓީސީގައި ކިތަންމެ ޒުވާން ކުޅުންތެރިން ގިނަ ނަމަވެސް، އެޓީމްގެ ކުޅުންތެރިންނަކީ ވަރަށް ގިނަ ދުވަހު އެކުގައި ކުޅެފައިވާ ކުޅުންތެރިން، އެހެންވީމަ ޓީމްއެއްގެ ގޮތުގައި ޓީސީ ވަރަށް ވަރުގަދަވާނެ، އެއާއި ހިލާފަށް ސަސް މިފަހަރު އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާއިރު، ޓީމެއްގެ ގޮތުގައި ފެންނަން އަދި ވަގުތު ބޭނުންވާކަމަށް." ސަސްގެ ކޯޗް އަހުމަދު ނާޝިދު (ނާދު) ބުންޏެވެ.

ސަސްގެ ކޯޗް ނާޝިދު ބުނީ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ކުޅުމާމެދު ވަރަށް ހިންހަމަޖެހޭކަމަށާއި ހާއްސަކޮށް ކީޕަރުގެ ކުޅުމާއި މެދު ވަރަށް ހިންހަމަޖެހޭކަމަށެވެ. 

މެޗުގެ ކުރިން ވާހަކަދައްކަމުން ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗް މުހައްމަދު ޝާޒްލީބުނީ ޓީސީގައި އޮތީ ޒުވާންކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެއްކަމަށާއި ނަމަވެސް ޓީމުގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް އިތުބާރުކުރާކަމަށެވެ. ޓީމެއް ޓީމެއްގެ ގޮތުގައި ކުޅުމަށް ވަގުތު ބޭނުންވާކަމަށާއި ނަމަވެސް އެންމެ ފަހުން ކުޅުނު އީގަލްސް މެޗުގައި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާކަމަށްވެސް ޝާޒްލީ ފާހަގަކުރިއެވެ. އަދި ސުޕައަރ ޔުނައިޓެޑް ޓީމާ ދެކޮޅަށް ކުޅޭއިރު، އެޓީމަކީ ވަރަށް ވަރުގަދަ އަދި ލީގުގައި ސަޕްރައިޒިން ޓީމެއްކަމަށް ނާޝިދު ބުންޏެވެ.

"އީގަލްސް މެޗަށްފަހު އެންމެ ބޮޑަށް ބާރު އަޅާފައިވަނީ ކުޅުންތެރިންގެ ރިކަވަރީއަށް. އެމެޗަށްފަހު 4 ދުވަސް ވާއިތުވެގެންދިޔައިރު، ކުޅުންތެރިންވަނީ ރިވަކާރވެފަ. ކުޅުންތެރިން މިހާރު ވިސްނުންހުރީ ސަސް މެޗަށް. ޓީސީއިން ނިކުންނާނީ ސަސްއަކީ ވަރުގަދަ ޓީމެއްކަމަށް ދެކިގެން، މެޗުން މޮޅުވާން. މިހާރު ޓީސީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ވަރަށް އިތުބާރު އެބައޮތް. އެކުޅުންތެރިން ނަތީޖާ ނެރޭނެކަމަށް މިބަލަނީ." ޓީސީ ކޯޗް ޝާޒްލީ ބުންޏެވެ.