ތަޢުލީމު

ވިލާ ކޮލެޖުން އޭސީސީއޭ އެކްސެލެރޭޓް ޕްރޮގްރާމު ތަޢާރަފުކޮށްފި


ވިލާ ކޮލެޖުން އޭސީސީއޭ އެކްސެލެރޭޓް ޕްރޮގްރާމު ތަޢާރަފުކޮށްފިއެވެ.

މި ޕްރޮގްރާމްތައް ލޯންޗުކޮށްފައިވަނީ އެކަމަށްޓަކައި ވިލާ ކޮލެޖުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލެވެ.

އޭސީސީއޭ އެކްސެލެރޭޓް ޕްރޮގްރާމަކީ ވިލާ ކޮލެޖުން ކުރިއަށްގެންދާ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑްގެ ބީ.އެސް.ސީ އެކައުންޓިންގ އެންޑް ފައިނޭންސް ކިޔަވާ ދަރިވަރުންނަށް، ޕްރޮގްރާމްގެ 3 ވަނަ އަހަރާއި ހަމައަށްދާއިރު އެސީސީއޭގެ އެޕްލައިޑް ނޮލެޖް އަދި އެޕްލައިޑް ސްކިލްސް ލެވެލް އިން އެގްޒެމްޕްޝަން ލިބި، 3 ވަނަ އަހަރު ފުރިހަމަ ކުރަމުންދާއިރު އޭސީސީއޭގެ ސްޓެރީޖިކް ޕްރޮފެޝަނަލް ލެވެލް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާ ޕްރޮގްރާާމެކެވެ.

މި ޕްރޮގްރާމް ލޯންޗްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލް ވިދާޅުވީ، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ވަޒީފާގެ މާޙައުލުގައި މިހާރު ބޭނުންވަނީ އެކަޑެމިކް އަދި ޕްރޮފެޝަނަލް ކޮލިފިކޭޝަން ފުރިހަމަކޮށްފައި ތިބި މުވައްޒަފުން ކަމަށެވެ. އަދި ވިލާ ކޮލެޖުން އެފަދަ ޚާއްސަ ފުރުސަތެއް ދަރިވަރުންނަށް ހުޅުވައިދެއްވުމަކީ ޚާއްސަކޮށް މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަމަށް ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ، ޑރ. ޢަލީ ނަޖީބް ދެއްކެވި ވާހަކަފުޅުގައި ދަރިވަރުންނަށް ވަޒީފާގެ ބާޒާރުގައި އިތުރު ފުރުސަތުތަކާއި ކުރިއެރުންތައް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގެ އިތުރުން އިންޑަސްޓްރީ ބޭނުންވާ ފަދަ ދަސްވެނިންތަކެއް ބިނާކުރުމަކީ އެ ކޮލެޖުގެ އަބަދުވެސް އަމާޒުކަމަށެވެ.

އޭ.ސީ.ސީ.އޭ އެކްސެލެރޭޓްގެ އިތުރުން ވިލާ ކޮލެޖުން މިއަދު ވަނީ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީގެ ބީ.އެސް.ސީ އެޕްލައިޑް އެކައުންޓިންގ (އޮނަރސް)ގެ މެންޓަރިންގެ ޕްރޮގްރާމްވެސް ލޯންޗްކޮށްފައެވެ. މީގެ އިތުރުން ޔުނިވަރސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓަރސް އޮފް އެކައުންޓިންގް އެންޑް ފައިނޭންސް ފާސްޓް ޓްރެކްގެ ދަށުން ހެދުމުގެ ފުރުސަތުވެސް އޭ.ސީ.ސީ.އޭ އަދި ސީމާ މެމްބަރުންނަށް ވިލާ ކޮލެޖުންވަނީ ހުޅުވާލާފައެވެ.

ވިލާ ކޮލެޖަކީ އޭ.ސީ.ސީ.އޭގެ 3 ލެވެލްވެސް ކުރިއަށްގެންދާ ދިވެހިރާއްޖޭގެ ހަމައެކަނި ތަޢުލީމު ދޭ މުއައްސަސާއެވެ. ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކް 2021 ގައި މުޅި ޖުމްލަ 104 ޕްރޮގްރާމެއްގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 ޑިސެމްބަރ 2020 އެވެ.