ޚަބަރު

އެސް.ޓީ.އޯ ބަސް ސްޓޮޕް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް


މާފަންނުގައި އެސް.ޓީ.އޯއިން ތަރައްޤީކޮށްފައިވާ ބަސް ސްޓޮޕް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، މާލޭގެ ބައެއް މަގުތަކުގައި މިހާރު އެއްގަމު އުޅަނދު ދުއްވުމަށް ހަމަޖެހިފައިވާ އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވުމާއެކު، ބައެއް މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުމަށް ހަމަޖެހިފައިވާގޮތްތަކަށް ބަދަލުގެނެސްފައިވާކަމަށެވެ.

އެގޮތުން ހަވީރީހިނގުން ކަނބާއައިސާރަނި ހިނގުމުން ފެށިގެން އިރުން ހުޅަނގަށް ބޮޑުތަކުރުފާނުމަގާއި ހަމައަށް އެއްކޮޅަށް ދުއްވާގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި ކަނބާއައިސާރަނި ހިނގުން ބޮޑުތަކުރުފާނުމަގުން ފެށިގެން ހަވީރީހިނގުމާއި ހަމައަށް އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާގޮތަށް ބަދަލުކޮށްފައިވާއިރު، މާފަންނު އައްސޭރި ހިނގުން އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާގޮތަށް މިހާރު ބަދަލުކޮށްފައިވާކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

އެސް.ޓީ.އޯގެ އާއްމު އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިން ވެސްޓް ޕާކު ހިންގަމުންދިޔަ ބިމުގައި ޒަމާނީ ފެންވަރުގެ ބަސް ސްޓޮޕެއް ތަރައްޤީކޮށް، އެތަން ރަސްމީކޮށް ހުޅުވާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

މި ބަސް ސްޓޮޕުގެ އިތުރުން، ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ފަރާތުން އެ ސަރަޙައްދުގައި އައުޓް-ޑޯ ޖިމަކާއެކު ޕާކެއްވެސް ވަނީ ތަރައްޤީކޮށްފައެވެ. މި ދެ ތަން ރަސްމީކޮށް ހުޅުއްވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. ވެސްޓް ޕާކު ސަރަޙައްދުގައި ތަރައްޤީކުރި ބަސް ސްޓޮޕް ހުޅުވުމާއެކު، މާލެއާއި ހުޅުމާލެއާއި ދެމެދު ކުރާ ބަސް ދަތުރުތައްވެސް އެ ރޫޓަށް ވަނީ ފަށާފައެވެ.