ވިޔަފާރި

"ގްރީން ޓެކްސް"އަށް ހޭލުންތެރި ކުރުވުމަށް ސެމިނަރ އެއް ބާއްވައިފި


އަންނަ
މަހުގެ އެއްވަނަ ދުވަހު ނަގަން ފަށާ "ގްރީން ޓެކްސް" އަށް ހޭލުންތެރި
ކުރުވުމުގެ ގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާ އިން ޓޫރިޒަމް ދާއިރާގައި
ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒްކޮށްގެން ސެމިނާއެއް ފަށައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދާ މި
ސެމިނާގައި ރާއްޖޭގައި ރިސޯޓް، ހޮޓާ އަދި ސަފާރީ ހިންގާ ޖުމްލަ 101 ފަރާތަކުން ބައިވެރިވެފައިވެއެވެ.



އެއް
ދުވަހަށް ކުރިއަށްގެންދާ މި ސެމިނާ ފައްޓަވައި ދެއްވަމުން ކޮމިޝަނަރު ޖެނެރަލް
އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ، މި ސެމިނަރއަކީ މީރާ
އިން ކުރިއަށް ގެންދަން ރާވާފައިވާ ގްރީން ޓެކްސް އެވެއަރނަސް ކެމްޕެއިންގެ ފެށުން
ކަމަށެވެ. އަދި މީރާގެ ހިދުމަތްތައް މިހާރަށް ވުރެ ކުރިއަރުވައި ޚިދުމަތުގެ
ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ޔަޒީދު ވިދާޅުވިއެވެ.



ގްރީން ޓެކްސް ނަގަނީ
ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތައް އަދި ޓޫރިސްޓުންނަށް ހިދުމަތްދޭ އުޅަނދު ފަހަރުންނެވެ. ނަމަވެސް ގެސްޓް ހައުސްތަކުން މި ޓެކްސް ދައްކާކަށް ނުޖެހެއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނެގުމަށް
ހަމަޖެހިފައިވަނީ، ފަތުރުވެރިއެއް ރާއްޖޭގައި ހޭދަކުރާ ކޮންމެ 24 ގަޑިއިރަކަށް 6
އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.



މިޓެކްސް ނުދައްކާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން
ވިޔަފާރި ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ. ގްރީން ޓެކުހަކީ
ތިމާވެށި ހިމާޔަތް ކުރުމާއި ގުޅޭ މަޝްރޫއުތަކަށް ޚަރަދުކުރުމަށް ސަރުކާރުން ނަގަން
ނިންމާފައިވާ ޓެކުހެކެވެ.