ޚަބަރު

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ ވައިޓް އެލަރޓް ނެރެފި


އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ ފިޔަވައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލަރޓް ނެރެފިއެވެ. މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހއ.އަތޮޅުން ފެށިގެން ގދ.އަތޮޅާއި ހަމައަށް ކުރިއަށް އޮތް ފަސް ގަޑިއިރަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މިވަގުތުތަކުގައި ގުގުރުމާއިއެކު ބޯކޮށް ވާރޭވެހި ވައިވެސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަކީ މޫސުމީ ވިއްސާރައެވެ. މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު މިއަދު މެންދުރުންފެށިގެން، ހަވީރު 5:00އާއި ހަމައަށް މާލެ ސަރަޙައްދަށް ޔެލޯ އެލަރޓްވެސްވަނީ ނެރެފައެވެ.

ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލްވުމަށް މޫސުމާއިވެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދަތުރަށް ނިކުންނައިރު މޫސުމާއިބެހޭ މަޢުލޫމާތު ފުރިހަމައަށް ހޯދައި ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.