ވިޔަފާރި

ނޭޗަރޕާކާއެކު ކުމުންދޫއަށް އިޤްތިޞާދީގޮތުން ކުރިއެރުންތަކެއް


2000 ހާހަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ހދ ކުމުންދޫ މީހުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތްތަކަކީ ދަނޑުވެރިކަމާއި މަސްވެރިކަމެވެ. އަދި ގިނަ ޒުވާނުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަމުންގެންދެއެވެ.

ކޯވިޑް19 އާއި ގުޅިގެން ގިނަ ޒުވާނުންތަކެއްގެ ވަޒީފާގެއްލި ރަށުގެ ފުރަބަންދުގައި ތިބެންޖެހުމުން އެދުވަސްތަށް ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަށް އެރަށުގެ ޒުވާނުން ނިންމިއެވެ. އެގޮތުން ރަށުގެ ޒުވާނުންނާއި ކައުންސިލް ގުޅިގެން ރަށުގެ ކުޅިއަކީ ފަސޭހައިން މީހުންނަށް ބަލާލެވޭ ހިތްގައިމު ޕާކެއްގެ ގޮތުގައި ތަރައްގީކުރިއެވެ. އެއަށްފަހު "ވެހިސަރާ"ގެ ނަމުގައި އެޕާކް މިދިޔަ އަހަރުގެ ސެޕްޓެމްބަރމަހުގެ ތެރޭގައި ވަނީ ރަސްމީކޮށް ހުޅުވާފައެވެ.

މިވަރުން މިޒުވާނުންގެ މަސައްކަތް ހުއްޓާނުލައެވެ. ރަށުގެ އެކި ސަރަހަށްދުތަކުގައި ހިތްފަސޭހަ ކޮށްލާނެ އެކި މައިޒާންތައް ތަރައްގީކުރުމުގެ މަސައްކަތް ފެށިއެވެ. ބައެއް މައިޒާންތައް ވަރަށް ފުރިހަމައަށް ތަރައްގީކޮށް ވަނީ ނިންމާލާފައެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ މިއީ ރަށުގެ ރައްޔިތުންގެ އެންމެން ގުޅިގެން ކުރެވުނު ބޮޑުމަސައްކަތެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަށް ފެނިގެންދިޔަކަމަށެވެ.

"
"ރަށުގައި ލޮކްޑައުންވީމަ އެންމެންވެސް ވިސްނީ ފައިދާހުރިކަމެއް ކުރަން. ގިނަބައެއްގެ ދީލަތި އެހީ މިކަމަށްލިބުން. އަދި ރައްޔިތުންގެ އެއްބައިވަންތަކަށް މިކަމުގެ ތެރޭން ވަރަށްބޮޑަށް ފެނިގެންދިޔަ"
ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު

ކުމުންދޫގެ ނޭޗަރ ޕާރކް ބަލާލުމަށް ކޮންމެ ދުވަހަކުވެސް ގިނަބަޔަކު އެރަށަށް ޒިއާރަތްކުރެއެވެ. އަދި މިކަމުގެ ސަބަބުން ކުމުންދޫއަށް ދަނީ އިޤްތިޞާދީގޮތުން ފައިދާތަކެއް ލިބެމުންނެވެ. އެރަށަށް ޒިއާރަތްކުރާ މީހުން ޕާރކްތައް ބަލާލަން ދިއުމަށް އާންމުގޮތެއްގައި ދަތުރުކުރަނީ ރަށު ޕިކަޕްތަކުގައެވެ. އެހެންކަމުން ރަށުޕިކަޕް ނުވަތަ ބަގީ ގެންގުޅޭ ފަރާތްތަކަށް މިކަމުން ބޮޑުފައިދާއެއް ލިބެއެވެ. މީގެއިތުރުން ވިޔަފާރިކުރާ ފިހާރަތަކާއި ސައި ހޮޓާކެފޭ ހިންގާ ފަރާތްތަކަށް އެރަށަށް ޒިޔާރަތްކުރާ މީހުން އިތުރުވުމުން ފައިދާ ވަމުންދާކަމަށް އެފަރާތްތަކުން ބުނެއެވެ.

"
"ކުރިއާ އަޅާ ބަލާއިރު ވިޔަފާރި ރަނގަޅު. ކެފޭއަށް މީހުންވަންނަ ވަރު މިހާރު ބޮޑުތަނުން މިވަނީ އިތުރުވެފަ. މިހާރު ކޮންމެ ދުވަހަކުވެސް ބަގީދަތުރު ގިނަ ލިބޭވަރު"
ރަށުގެ ބަގީދުއްވާ ފަރާތެއް/ވިޔަފާރި ވެރިއެއް/ކެފޭ ހިންގާ މީހެއް

ކުމުންދޫގެ މިހިތްގައިމު މަންޒަރުތައް ބަލާލުމަށް ގިނަބަޔަކު ޒިއާރަތްކުރިނަމަވެސް މިތަންތަން އަބަދުވެސް ފެންނަނީ ވަރަށް ސާފުތާހިރުކޮށެވެ. އެތަންތަނުގައި ކައްކައި ކައި ހެދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި މިތަންތަން ބޭނުންކުރުމުގައި ތަންތަން ހަލާކުނުކޮށް ސާފުތާހިރުކޮށް އެތަންތަން ބޭއްވުމަށް އެންމެންވެސް އެއްބާރުލުން ދިނުމަކީ އެރަށު ކައުންސިލާ ރައްޔިތުންގެވެސް ވަރަށްބޮށުއެދުމެކެވެ.