ޚަބަރު

"މަގުތަކުގެ ތޮއްޖެހުން ކުޑަކުރަން ޕަބްލިކް ޓްރާންސްޕޯޓުގެ ބޭނުން ރަނގަޅުގޮތުގައި ހިފަންޖެހޭ"


މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ޕަބްލިކް ޓްރާންސްޕޯޓުގެ ބޭނުން ރަނގަޅުގޮތުގައި ހިފަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭ ވެސްޓްޕާކު ސަރަޙައްދުގައި އެސް.ޓީ.އޯއިން ތަރައްޤީކޮށްފައިވާ ޕާރކާއި، ބަސް ސްޓޮޕް ރަސްމީކޮށް ހުޅުވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، މާލެއަކީ ހިތްފަސޭހަ ސިޓީއަކަށް ހަދައި، ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއާއި މިހާރުގެ ސަރުކާރުގެ ވަރަށް މުހިއްމު ވަޢުދުފުޅެއްކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް މުޅި ޤައުމުގެ ހިންގުން ބަދަލުވެގެންދާއިރު، ކައުންސިލުގެ ދައުރާއި މުހިއްމުކަން މާލެއަށް މިހާރު އަންނަމުންދާ ބަދަލުތަކުން ހާމަވެގެންދާކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، އެއްގަމާއި، ކަނޑާއި ވައިގެ ދަތުރުފަތުރުގެ ނިޒާމް އިތުރަށް ފުޅާކުރުމަކީވެސް މިހާރުގެ ސަރުކާރުން ޚާއްސަ ސަމާލުކަމެއްދީގެން ކުރަމުންދާކަމަށެވެ. ވަކިން ޚާއްސަކޮށް މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް މުހިއްމު ކަންތައްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ޕަބްލިކް ޓްރާންސްޕޯޓުގެ ބޭނުން ރަނގަޅުގޮތުގައި ހިފުން މުހިއްމުކަމަށެވެ.

"އަޅުގަނޑުމެން މިއަދު މިފަދަ ޚިދުމަތެއް ފެށިގެންދާއިރު މީގެ ފުރިހަމަ ބޭނުން ހިފަން އެބަޖެހޭ. ބަސްތަކެއް ދުއްވާއިރު، ހުސް ބަސްތަކެއް ދުއްވުމަކުން އޭގެ މަޤްޞަދު ޙާސިލެއްނުވޭ. އަޅުގަނޑުމެން ދުނިޔޭގެ ކުރިއަރާފައި ހުންނަ ޤައުމުތަކަކަށް ބަލާލާއިރު ޕަބްލިކް ޓްރާންސްޕޯޓް އަޅުގަނޑުމެންނަށް ބަހުން އެހެން ޤައުމުތަކުން އޮންނަނީ ޖާގަނުލިބިފައި. އެހެންވީމަ މާލޭގައި މިއޮތް ތޮއްޖެހުން ވަކިން ޚާއްސަކޮށް މަގުމަތީގައި ދުއްވާތަކެތީގެ ތޮއްޖެހުން ކުޑަކުރުމަށް އަޅުގަނޑުމެން އެންމެން އެކަމަށް ވިސްނައިގެން މިފަދަ ފަސޭހަތަކުގެ ބޭނުން ހިފަންޖެހޭނެކަމަށް އަޅުގަނޑު ޤަބޫލުކުރަން" ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، ސިޓީ ކައުންސިލާއި ކުންފުނިތައް ގުޅިގެން ކުރާ މަސައްކަތްތަކުގެ ހަޤީޤީ މަންފާ ރައްޔިތުންނަށް ލިބިގެންދާ މަންޒަރު މާލެއިން މިހާރު ފެންނަމުންދާކަމަށެވެ.

އެގޮތުން ކުންފުނިތަކުން މީގެކުރިން ޢިޖްތިމާޢީ ކަންކަމަށް ހޭދަނުކުރާ މިންވަރަށް މިހާރު ހޭދަކުރަމުންދާކަމަށާއި، ސިޓީ ކައުންސިލުގެ މަސައްކަތްތަކަށް ކުންފުނިތަކުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން އިތުރުވެފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ.

"ރައްޔިތުންގެ ކޮންމެ ދުވަހެއްގެ އަސާސީ ބޭނުމަށްޓަކާ ޤައުމު ބައްޓަންވަމުން އަންނަތަން، ކުންފުނިތަކުން އެގޮތަށް ޚަރަދުތައް ކުރެވެމުން އަދި ސަރުކާރުންވެސް ލާމަރުކަޒީ ނިޒާމަށް ބާރުދެއްވަމުންދާދިއުމުގެ ސަބަބުން މުޅި މާލެއަށް މިހާރު މި އަންނަ ބަދަލުތަކަކީ ވަރަށް ގިނަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެކަންކަން. އަޅުގަނޑު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް މި ބާރު ދެއްވީތީ ކުންފުނިތަކުން އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރުމުގެ ރޫޙު އާލާވެ، އަޅުގަނޑުމެންނާއެކުގައި ކުރިއަށްދާދިއުމުގެ ސަބަބުން މާލޭސިޓީގެ ރައްޔިތުންނަށް ބައިވަރު ކުރިއެރުންތައް ފެނިގެންއެބަދޭ" މޭޔަރ ސިފާ ވިދާޅުވިއެވެ.

މާލޭ ވެސްޓް ޕާކު ސަރަޙައްދުގައި އެސް.ޓީ.އޯއިން ތަރައްޤީކޮށްފައިވާ ޕާކު ފަރުމާކޮށްފައިވަނީ އާއްމުންނަށް ހިތްފަސޭހަކޮށްލެވޭނެހެން އިށީންނާނެ ބެންޗުތަކާއި، އައުޓް-ޑޯ ޖިމަކާއެކުއެވެ. އަދި މާލެއާއި ހުޅުލެއާއި ހުޅުމާލެއާއި ދެމެދު ދުއްވާ ބަސްތަކަށް ޚާއްސަކޮށްގެން އިތުރު ބަސް-ސްޓޮޕެއް އެ ސަރަޙައްދުގައި އެކުންފުނިން ވަނީ ތަރައްޤީކޮށްފައެވެ. މި ދެ މަސައްކަތްވެސް އެސް.ޓީ.އޯއިން ކޮށްފައިވަނީ އެކުންފުނީގެ އާއްމު އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ. މިކަން ކުރުމުގައި މާލޭ ސިޓީ ކައުންސިލާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެހީތެރިކަން ލިބިފައިވާކަން އެކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ.