ޚަބަރު

"ވާނުވާ" ބަންދުގެ މައްސަލައަށް އޮތް ޙައްލަކީ ދެމިގެންދާގޮތަށް ބާއްވާ ޝަރީޢަތް: ޕީޖީ ޝަމީމް


ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުން ނުވަތަ "ވާނުވާ" ބަންދުގެ މައްސަލައަށް އޮތް ޙައްލަކީ ދެމިގެންދާ ގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މިހެން ވިދާޅުވީ، އެމަނިކުފާނުގެ އަމިއްލަފުޅު ބްލޮގްގައި ލިޔުއްވާފައިވާ ލިޔުއްވުމުގައެވެ.

“ވާނުވާ"ގައި ތިބުން ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބުމަކީ، އެމީހެއްގެ ޝަރީޢަތް ފެށޭނެ ދުވަހެއް، ނިމޭނެ ދުވަހެއް ނޭނގި އަދި ޝަރީޢަތް ޝެޑިއުލްކުރާނެ ދުވަހެއްވެސް ނޭނގި ތިބުމެވެ. އެހެންކަމުން، އެއްވެސް ބަންދެއް “ވާނުވާ” ބަންދަކަށްވުމުގެ އަސާސީ ޝަރުޠަކީ، އެމީހަކު ބަންދުގައި ހުންނާނެ ދުވަހެއްގެ އަންދާޒާއެއް ކުރަންވެސް ނޭނގުންކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. މިކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ޙައްލެއް އޮތްކަމާމެދު އުފެދޭ ސުވާލަށް ޖަވާބުދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަޞައްވަރު ކުރަނީ ކޮންމެ ކަމަކަށްވެސް ވަކި މުއްދަތުތަކެއް އޮތުންކަމަށެވެ. އެގޮތުން، މީހަކު ހައްޔަރުކުރާ ދުވަހުން ފެށިގެން އެމީހެއްގެ މައްސަލަ ތަޙްޤީޤު ނިންމާ ޕީޖީ އޮފީހަށް ފޮނުވާނެ މުއްދަތެއް ޤާނޫނުގައި އޮންނަކަމަށާއި، އެމައްސަލައެއްގައި ދަޢުވާއެއް ކުރާނަމަ، ކުރަންޖެހޭނެ މުއްދަތެއްވެސް ޤާނޫނުގައި ބަޔާންކުރާކަމަށެވެ. އެއީ ބަންދުގައި ހުރި މީހަކު ނަމަ، 30 ދުވަސް، ބަންދުން ވީއްލިފައި ހުރިނަމަ، 45 ދުވަހެވެ.

ޕީޖީ ވިދާޅުވީ، ޝަރީޢަތް ނިމެންދެން ބަންދުކުރަން ޤާނޫނު ހުއްދަކުރަނީވެސް ވަރަށް ނާދިރު ޙާލަތުތަކުގައި، އެމީހެއްގެ ފަރާތުން ޙަޤީޤަތުގައިވެސް މުޖްތަމަޢަށް ނުރައްކާވާ މީހުންކަމަށެވެ. އެކަމަށް ވަކި މިންގަނޑެއް ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ގެންގުޅޭކަން ފާހަގަކުރައްވަމުން ޕީޖީ ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިފަހުން އެކަން އިތުރަށް ހަރުދަނާކޮށްފައިވާނެކަމަށާއި، މިހާރު ބަންދުގައި ތިބޭނީ ކޮންމެހެން ބަންދުގައި ތިބެންޖެހޭނެ މީހުން އެކަނިކަމަށެވެ. އޭގެތެރޭގައި މީހުން މެރިކަމަށް ތުހުމަތުވާ މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހުންނާއި، ބޮޑެތި ޢަދަދުތަކުން ޑްރަގް ޓްރެފިކްކުރާކަމަށް ތުހުމަތުވާ މީހުންކަން ޕީޖީ ފާހަގަކުރެއްވިއެވެ.

ޕީޖީ ވިދާޅުވީ، “ވާނުވާ” ގެ މައްސަލާގައި ގިނަ ޤައުމުތަކުން ޢަމަލުކުރާގޮތަކީ، ދެމިގެންދާ ގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުން ނުވަތަ ކޮންޓިނުއަސް ހިއަރިންގގެ އުޞޫލުކަމަށެވެ. އެގޮތުން އެމައްސަލައެއްގެ ޝަރީޢަތް ފެށުމުގެ ކުރިން، ދެފަރާތުން ތައްޔާރުވާން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ޝަރީޢަތް ފެށުމާއި، ޝަރީޢަތް ފެށުމަށްފަހު، އެމައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމެންދެން ޝަރީޢަތް ކުރިއަށް ގެންދިއުންކަމަށް ޕީޖީ ވިދާޅުވިއެވެ.

"ކޮންމެ ދުވަހެއްގެވެސް ހެނދުނު ފަށާގޮތަށް ހަވީރު ވަންދެނެވެ. ޢާންމު ގޮތެއްގައި ޝަރީޢަތެއްގައި އޮންނާނީ، އިފްތިތާޙީ ބަޔާން (އޯޕަނިންގ ސްޓޭޓްމަންޓް) ހުށަހެޅުމާއި، ދެފަރާތުގެ ހެކިން ހާޒިރުކުރުމާއި ޚުލާޞާ ބަޔާން އިއްވުމެވެ. މިތިން މަރުޙަލާ، ދެތިން ދުވަސް ތެރޭގައި ނިންމައިލެވޭނެއެވެ. އެހިސާބުން ދެދުވަހެއްގެ ބްރޭކަކަށްފަހު މައްސަލައިގެ ޙުކުމް ކުރެވޭނެއެވެ." ޝަމީމް ވިދާޅުވިއެވެ.

މިހާރުވެސް ކުރިމިނަލް ކޯޓުން މިއުޞޫލުން ޝަރީޢަތްތައް ކުރިއަށްދާކަން ފާހަގަކުރައްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، އެކަމުގެ ރަނގަޅު ނަތީޖާވެސް ފެންނަކަމަށެވެ.

"މިސާލަކަށް، މިހަފްތާގެ ތެރޭގައި ނިމުނު މައްސަލައެކެވެ. އެމައްސަލައިގެ ޙާދިސާ ހިނގައިފައި އޮތީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ފުލުހުންނަށް ރިޕޯޓުވެގެން އެމައްސަލައިގެ ތަޙްޤީޤު ހިންގައި، ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅިފައި އޮތީ އަހަރެއްހައި ދުވަސް ފަހުން، 2019 އޮކްޓޯބަރ މަހުއެވެ. އެމައްސަލައިގެ އަޑުއެހުންތައް 2020 މާރިޗު މަހަށް ޝެޑިއުލް ކުރެއްވި. ނަމަވެސް ކޮވިޑު ލޮކްޑައުނާއެކު އޭރު ޝަރީޢަތް ނުފެށުނެވެ. އޭގެ ފަހުން، ޝަރީޢަތުގެ ކުރީގެ މަރްޙަލާ، 3 ދުވަހުން ނިންމެވި" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ރާއްޖޭގައިވެސް “ވާނުވާ” ބަންދުގެ މައްސަލައަށް އޮތް ޙަޤީޤީ ޙައްލަކީ އަވަހަށް މައްސަލައިގެ ޝަރީޢަތް ހިންގުންކަމަށާއި، އެއީ ދެމިގެންދާގޮތަށް ޝަރީޢަތް ހިންގުންކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަޞައްވަރު ކުރާ ގޮތަކީވެސް އެއީކަމަށާއި، އެ ޤާނޫނު ތަންފީޒުވާން ފެށުމުން “ވާނުވާ”ވުމުގެ ފުރުޞަތު ނޯންނާނެކަމަށް ޝަމީމް ވިދާޅުވިއެވެ.