ޚަބަރު

ގްރީން އަތުން ހޯދުނު މޮޅަކީ ލީގުގައި ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިއްވަރެއް - ނިޒާމް


ގްރީންއަތުން ހޯދުނު ތަފާތު ބޮޑު މޮޅަކީ ލީގްގައި ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިއްވަރެއްކަމަށް މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި މާޒިޔާ އާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗް މާޒިޔާ ކާމިޔާބުކުރީ 7 ލަނޑު 1 ލަނޑުންނެވެ. މެޗްއަށްފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމްބުނީ ލީގުގައި އެންމެ ފުރަތަމަ ޔޫވީއާއި ވާދަކޮށް މޮޅުވި މެޗުގައި ދެއްކި ކުޅުމަށްވުރެވެސް މޮޅު ކުޅުމެއް މިމެޗްގައި ޓީމްގެ ފަރާތުން ފެނިގެންގޮސްފައިވާކަމާއި ކޯޗެއްގެ ހައިސިއްޔަތުން ޓީުގެ ނަތީޖާއަށްވުރެ ޓީމުގެ ކުޅުމާއި ދޭތެރޭގައި ހިތްހަމަޖެހޭކަމަށް ނިޒާމް ބުންޏެވެ. މިމެޗްގައި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އަދިވެސް ވަރަށް ގިނަ ކަންތައްތައް ރަގަނޅު ކުރަންޖެހޭކަމާއި ކުރިއަށް ހުރި މެޗުތަކަށް ނިކުތުމުގެ ކުރިން އެކަންތައްތައް ރަގަނޅު ކުރަން މަސައްކަތް ކުރާނެކަމަށްވެސް މާޒިޔާގެ ކޯޗް ނިޒާމް ބުންޏެވެ.

"މާޒިޔާއިން ކުޅެމުންދަނީ ވަރަށް ބޮޑަށް ކުރިއަރައިގެން އެޓޭކިން ގޭމެއް. މިގޮތަށް ކުޅޭއިރު ބައިކޮޅަށްވެސް ގޯލް ވަންނާނެ. މިމެޗުން ފެނިގެން ދިޔައީ އެތަން. ގޯލް ޖެހުމަށް ކުރިއަރާއިރު، ފަހަތަށްވެސް ވިންސަންޖެހޭ. ނަމަވެސް އެންމެ ބޮޑު ހިންހަމަޖެހުމަކީ ބައިކޮޅަށް ގޯލް ވަތް ނަމަވެސް، ފަސްއެބުރި ބަލާނުލާ ގޯލް ޖެހުމަށް ޓީމްގެ ކުޅުންތެރިން ކުރި މަސައްކަތް. އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ ކުޅުންތެރިން ހިއްވަރު ދޫކޮށްނުލާ، ގޯލް ޖެހުމަށް މަސައްކަތް ކުރާތަން މެޗްގެ ތެރޭގައި ފެންނަމުންދާތީ. މިމެޗުގައި ޖެހި ގޯލްތަކަށްވުރެ އެންމެ ބޮޑަށް ހިންހަމަޖެހުމެއް ލިބުނީ ކުޅުންތެރިން ކުރި މަސައްކަތަށް. އަދި ގޯލް ޖެހުމުގެ އިތުރުން ކުޅުންތެރިންގެ ކުޅުންވެސް ވަރަށް ބޮޑުތަން ރަގަނޅުވެފައިވާކަންވެސް ފާހަގަކޮށްލެވުނު." މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުންޏެވެ.

މެޗަށްފަހު ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރުބުނީ މިއީ ބަލައިގަނެވޭނެ ނަތީޖާއެއް ނޫންކަމަށާއި މިއީ ގްރީން ސްޓްރީޓްސްގެ ފެންވަރުވެސް ނޫންކަމަށް. މެޗްގެ ވަރަށް ކުރީކޮޅުގައި ސީނިއަރ ދެ ކުޅުންތެރިންކަމުގައިވާ ކަރަމް އާއި މުސްލިޙުއަށް އަނިޔާވެ، އަނިޔާގައި ހުރެގެން ކުޅެންޖެހުމުން ގްރީންއަށް ގިނަ އުދަގޫތަކާއި ކުރިމަތިލާންޖެހުނުކަމަށާއި މިއީ ބަލިވީމަ ދައްކާ ބަހަނާއެއްނޫންކަމަށްވެސް ނިޝްތާރު ބުނެފިއެވެ. އަދި މެޗުގައި މާޒިޔާއިން އެޓީމުގެ ފެންވަރު ދައްކާލުމަށްފަހު، ގްރީންގެ މައްޗަށް މޮޅު ކުޅުމެއްދައްކާފައިވާކަމަށްވެސް ގްރީން ސްޓްރީޓްސްގެ ކޯޗު ނިޝްތާރު ބުނެފިއެވެ.

"ގްރީންގެ ކުޅުންތެރިންގެ ހިތްވަރަށް މިހާބޮޑު ބައްޔެއްވީމަ، އަސުރުކުރާނެ. އަޅުގަނޑުގެ މަސްޢޫލިއްޔަތަކަށްވާނީ ދެން އޮންނަ މެޗަކަށް ޓީމް ރަގަނޅަށް ތައްޔާރުކުރުން. މިބައްޔާއެކުވެސް ލީގުގައި ކުރިއަށް ދެވޭނެ ގޮތެއް އެބަޖެހޭ ހޯދަންވެސް. ލީގްގައި މިހާރު 6 ޕޮއިންޓް މިއޮތީ ގެއްލިފަ، މިކަމުން އަރައިގަންނަން އެބަޖެހޭ މަސައްކަތް ކުރަން. ވީހާވެސް އަވަހަކަށް ކުރިއަށް އޮތް މެޗަށް ތައްޔާރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން." ގްރީންގެ ކޯޗް އަލީ ނިޝްތާރު ބުންޏެވެ.