ރިޕޯޓް

ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢާއެކު ހަނިމާދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ލިބޭނެ


ރާއްޖޭގެ އެހެން ބައެއް ރައްރަށެކޭ އެއްގޮތަށް ހދ ހަނިމާދޫ ރައްޔިތުންނަކީވެސް ލަފާފުރުމާއި ބަނދަރުގެ ދަތިކަން އިހްސާސްކުރަމުންދާ ބައެކެވެ. އާބާދީގައި 2000 އަށްވުރެ ގިނަ މީހުން އުޅޭ ހަނިމާދޫގައި ލަފާފުރުމަށް 70 އަށްވުރެ ގިނަ އުޅަނދު ބޭނުންކުރެއެވެ. އަދި ދުވާލެއްގެ މައްޗަށް އެހެން ރަށްރަށުގެ އުޅަނދުފަހަރުތަކާއެކު ގާތްގަނޑަކަށް 100 އަށްވުރެ ގިނަ އުޅަނދު އެރަށަށް ލަފާފުރައެވެ. ބަނދަރެއް އޮތްނަމަވެސް އެ ބަނދަރަކީ އެރަށުގެ އޮޑިދޯނިފަހަރަށާއި ލަފާފުރުމަށް ބޭނުންކުރަން ރައްކާތެރި ބަނދަރެއް ނޫނެވެ.

މިހާރު ހަނިމާދޫގައި ބޭނުންކުރަމުންދާ 500 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރަކީ ރައީސް މައުމޫންގެ ވެރިކަމުގައި އެރަށުގައި ތަރައްގީކޮށްފައިވާ ބަނދަރެކެވެ.

މިހާރު ބޭނުންކުރަމުންދާ ބަނދަރު ތިލަވުމާއި ވާޓަރު ހަލާކުވެފައިވުމުން ބަނދަރު ބޭނުންކުރުމުގައި ވަރަށްބޮޑެތި ދަތިތަކެއް ކުރިމަތިވާކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ. އަދި ހާއްޞަކޮށް ހުޅަނގު މޫސުމުގައި ހަނިމާދޫ ބަނދަރަށް ލަފާފުރުމާއި އުޅަނދުތައް އަޅާފައި ބޭއްވުމަކީ އެއްވެސް ރައްކާތެރިކަމެއް ނެތްކަމެކެވެ.

މިއަހަރުގެ އޮކްޓޯބަރުމަސް ނިމެނިކޮށް ސަރުކާރުން ހަނިމާދޫ ބަނދަރު ބޮޑުކޮށް ތަރައްގީކުރުމުގެ މަޝްރޫއު ފެށިގެން ދިއުމަކީ ހަނިމާދޫ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފްތަކަށް ލުއެއް ލިބޭނެކަމަށް އެމީހުން ދެކެމުން އައި ހުވަފެންތަކުގައި ކުލައެއް ޖެހެންފެށި ދުވަހެވެ.

ހަނިމާދޫ ބަނދަރަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިމަޝްރޫއުގެ ދަށުން އެރަށުގެ ބަނދަރަށް 270 މީޓަރުގެ އެއްގަމު ތޮއްޓެއް އިތުރުކުރާނެއެވެ. އަދި 355 މީޓަރުގެ ބޭރު ތޮއްޓަކާއި، ބަނދަރު ފުންކުރުމާއި، ލައިޓްޖެހުމާއި، ޕޭވްމަންޓް ލުން ހިމެނެއެވެ.

އެމްޓީސީސީން މައުލޫމާތު ދެއްވާގޮތުގައި ހަނިމާދޫ ބަނދަރަށް އަލަށް އިތުރުކުރާބައި 700 ފޫޓު ދިގު، 50 މީޓަރު ފުޅާވާނެއެވެ. އަދި ޝެޑިއުލްކުރެވިފައިވާ ގޮތަށް މަސައްކަތް ކުރިއަށްދާނަމަ އަންނަ އަހަރުގެ މޭމަހަށް މަސައްކަތް ނިމޭނެއެވެ.

ހަނިމާދޫ ކައުންސިލުން ބުނީ ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ނިމުމުން މިހާރު ބަނދަރު ބޭނުންކުރުމުގައި ދިމާވެފައިވާ ދަތިތަށް ހައްލުވެ، މީހުންނަށާއި އުޅަނދުތަކަށް ރައްކާތެރިކަން ލިބިގެންދާނެކަމަށެވެ. އަދި މިމަޝްރޫއަކީ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ މަޝްރޫއެއްކަމަށްވެސް ކައުންސިލުން ބުނެއެވެ.