ޚަބަރު

ސަސްއަކީ ބަލި ޓީމެއް ނޫން، ފަރުވާތެރިވާންޖެހޭ - އިންމަ


ސުޕަރ ޔުނައިޓަޑް ސްޕޯޓްސްއަކީ ބަލި ޓީމެއް ނޫންކަމާއި ދަ ގްރާންޑޭއިން މެޗަށް ނިކުންނާނީވެސް ވަރަށް ރަގަނޅަށް ތައްޔާރުވެގެންކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބްގެ ކޯޗް އިސްމާއިލް މަހުފޫޒް (އިންމަ) ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ އެންމެ ފުރަތަމަ މެޗުގައި ދަ ގްރާންޑޭ ވަނީ ޓީސީ ސްޕޯޓްސް ކުލަބާއި ވާދަކޮށް 3 ލަނޑު 0 ލަނޑުން މެޗު ކާމިޔާބުކޮށްފައެވެ. ސުޕަރ ޔުނައިޓެޑް ސްޕޯޓް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް ވާދަކުރާ މެޗްގެ ކުރިން ދަ ގްރާންޑޭގެ ކޯޗް އިސްމާއިލް މަހުފޫޒް ބުނީ މިލީގްގައި ވާދަކުރާ އެއްވެސް ޓީމަކީ ބަލި ޓީމެއް ނޫންކަމަށާއި ކޮންމެ ޓީމަކާއި ދެކޮޅަށްވެސް ދަ ގްރާންޑޭއިން ނިކުންނާނީ ވަރުގަދަ ޓީމެއްކަމަށް ދެކިގެންކަމަށް މަހުފޫޒް ބުންޏެވެ. އަދި ލީގްގެ ފުރަތަމަ މެޗުން މޮޅުވުމުން ކުޅުންތެރިންނަށްވެސް އިތުރު ހިއްވަރެއް ލިބިފައިވާކަމާއި ނަމަވެސް ކުޅުންތެރިން އޯވާރ ކޮންފިޑެންސް ނުވާނެކަމަށްވެސް މަހުފޫޒް ބުންޏެވެ. އަދި ސުޕަރ ޔުނައިޓެޑާ ދެކޮޅަށް ނިކުންނާނީ ވަރަށް ރަގަނޅަށް އަދި ވަރަށް ވަރުގަދަ މެޗަކަށް ތައްޔާރުވެގެންކަމަށް ދަ ގްރާންޑޭގެ ކޯޗް އިސްމާއީލް މަހުފޫޒް ބުންޏެވެ.

"ސަސްއަކީ މިސީޒަނަށް އާ ޓީމްއެއް. ނަމަވެސް ސަސްގައި ތިބި ކުޅުންތެރިންނަކީ ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައަށް އާ ކުޅުންތެރިންނެއް ނޫން. އެޓީމްގައި ތަޖްރިބާކާރު ކުޅުންތެރިން އަދި ގައުމީ ޓީމްގެ ފުރަތަމަ 11ގައި ކުޅެފައި ތިބި ކުޅުންތެރިން އެޓީމްގައި އެބަތިބި. އެމީހުންގެ ބިދޭސީ ކުޅުންތެރިންވެސް ހަމަ މޮޅު. މިހުރިހާކަމަކަށް ބަލާފަ، ދަ ގްރާންޑޭއަށް މިމެޗް ފަސޭހަކޮށް ލުމުގެ އެއްވެސް ފުރުސަތެއް ނެތް. ދަ ގްރާންޑޭގެ ކުޅުންތެރިންނަށްވެސް އިނގޭނެ ސަސްއަކީ ކިހާވަރެއްގެ ޓީމެއްކަން. މިއީ ފަސޭހަ މެޗަކަށް ނުވާނެ، ދަ ގްރާންޑޭއިން މެޗަށް ނިކުންނަން ޖެހޭނީ ވަރަށް ވިސްނައިގެން. އަޅުގަނޑު ގަބޫލް ކުރަނީ މިމެޗްވެސް ވަރަށް ވާދަވެރި މެޗަކަށް ވާނެކަމަށް." ދަ ގްރާންޑޭގެ ކޯޗް އިސްމާއީލް މަހުފޫޒް ބުންޏެވެ. 

ދަ ގްރާންޑޭ ސްޕޯޓްސްއާ ދެކޮޅަށް ނިކުތުމުގެ ކުރިން މެޗާބެހޭގޮތުން ވާހަކަދައްކަމުން ސުޕަރ ޔުނައިޓަޑްގެ ކޯޗް އަހުމަދު ނާޝިދު (ނާދު)ބުނީ ލީގްގެ ފުރަތަމަ މެޗަށްފަހު ޓީމުގެ ބައެއް ކުޅުންތެރިންނަށް އަނިޔާވެފައިވާކަމާއި އަނެއްބައި ކުޅުންތެރިންނަށް ފުރަތަމަ މެޗްގެ ވަރުބަލި ކަމުގެ އަސަރު އަދިވެސް ނުފިލާކަމަށް ކޯޗު ނާޝިދު ބުނެފިއެވެ. އެހެންވީމަ މާބޮޑު ފަރިތަކުރުންތަކެއް ކުރިއަށް ނުގެންގޮސް، މެޗަށް ނިކުންނާނީ ކުޅުންތެރިންނަށް އަރާމްކުރުމަށް ފުރުސަތު ދިނުމުމަށްފަހުގައިކަމަށް ނާޝިދު ބުންޏެވެ. މިހުރިހާކަމަކާއެކުވެސް ބޭނުންވަނީ ރަގަނޅު ނަތީޖާއެއް ނެރެންކަމަށްވެސް ސުޕަރ ޔުނައިޓަޑްގެ ކޯޗް ނާޝިދު ބުންޏެވެ.

"ކުލަބް އީގަލްސްއަކީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޓީމު، އެޓީމުއަތުން 3 ޕޮއިންޓް ހޯދުމުން ކުޅުންތެރިންނަށްވަނީ މިހާރު ވަރަށް ބޮޑު އިތުބާރެއް ލިބިފަ. މިއީ އަސްލުގައި ޓީމަށް ލިބުނު ވަރަށް ބޮޑު ހިއްވަރެއް. ގޭމް ޕްލޭންއާއި އެއްގޮތަށް ހުރިހާކަމެއް ދިޔައީމަ، އަސްލުގައި އެމެޗުން މޮޅުވެވުނީ. ވަރުގަދަ ޓީމުތަައް ބަލިކުރުމަކީ އާންމުކޮށް ވާނެކަމެއް ނޫން. އެހެންވީމަ އެކަމުން ވިލާވަޅު ލިބިގެން މަސައްކަތް ކުރަން އެބަޖެހޭ. ސަސްގެ ކުޅުންތެރިންގެ އެބަހުރި ހިއްވަރު މެޗްތަކުން މޮޅުވުމުގެ، އަދި ރަގަނޅު މެޗެއް ނެގުނީމަ ކުޅުންތެރިނަށް އަމިއްލައަށް ކުރެވޭ އިތުބާރުވެސް ބޮޑުވެގެން ގޮސްފި." ސަސްގެ ކޯޗް އަހުމަދު ނާޝިދު ބުންޏެވެ.