ޚަބަރު

ސިފައިންގެ ޝަރަފުގެ ހިނގާލުމާއި ހަވާއެރުވުމާއެކު ދިއްދޫއަށް އީދެއް


މާފިލާފުށީގައި ކުރިއަށްގެންދިޔަ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފްގެ ހިނގާލުމާއި ހަވާއެރުވުމުގެ ޙަރަކާތް ދިއްދޫގައި ބާއްވައިފިއެވެ.

މިއަދު ހަވީރު ދިއްދޫގެ ބޮޑެތި މަގުތަކުގައި އެމްއެންޑީއެފުން ބޭއްވި ޝަރަފުގެ ހިނގާލުން ބަލާލުމަށްޓަކައި ދިއްދޫގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ވަނީ މަގުތަކަށް ނުކުމެފައެވެ. އަދި މިހިގާލުން ބަލާލުމަށް ކާރި ރަށްރަށުގެ މީހުންވެސް ވަނީ ދިއްދުއަށް ގޮސްފައެވެ.

މިހަރަކާތް ވެގެންގޮސްފައިވަނީ ކުޑަކުދިންނާއި އާއްމުންނަށް އުފާވެރިކަން ގެނެސްދިން ހަރަކާތަކަށެވެ. ޝަރަފްގެ ހިނގާލުމުގެ އިތުރުން މިރޭ ދިއްދޫގައި ބޭއްވި ހަވާއެރުވުމުގެ ޙަރަކާތް ބެލުމަށްވެސް ގިނަ ބަޔަކު ވަނީ ރަށުގެ ހުޅަގުފަރާތު އަތިރިއަށް ޖަމާވެފައެވެ.

މީގެ އިތުރުން ސިފައިންގެ ވަޒީފާއަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ދިއްދޫގައިވަނީ ކުރިޔަށް ގެންގޮސްފައެވެ. ހއ އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިޔަށް ދިޔަ މި ޕްރޮގްރާމުގައި ސިފައިންގެ ވަޒީފާއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ސިފައިންގެ އާއި ސިފައިންގެ ވަޒީފާ އާ ގުޅޭ ގޮތުންނާއި ވަޒީފާގައި ކުރިއަށް ދެވޭނެ ދާއިރާތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސިފައިންގެ މަރުކަޒުތަކާއި ސިފައިންގޭގައި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުންވެސް ވަނީ މައުލޫމާތު ދީފައެވެ.

ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުމާއި ހަވާއެރުވުމުގެ ހަރަކާތް އުތުރުގެ ތިންރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އިއްޔެ މިހަރަކާތްވަނީ ކުޅުދުއްފުށީގައި ބާއްވާފައެވެ. އަދި ޝަރަފްގެ ހިނގާލުމާއި ހަވާއެރުވުން މާދަމާ އޮންނާނީ ހއ.އިހަވަންދޫގައެވެ.

މިއީ ސިފައިންގެ އަސާސީ ތަމްރީނު ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޝަރަފުގެ ހިނގާލުން ރަށްރަށުގެ މަގުތަކުގައި މިގޮތަށް ބޭއްވި ފުރަތަމަ ފަހަރެވެ.

މީގެކުރިން ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވަމުންދަނީ ސިފައިންގެ ތަމްރީނު މަރުކަޒުތަކުގައި ނުވަތަ އެހެޑްކުއަޓަރޒްއެއްގައެވެ. އެހެންނަމަވެސް، މިއަހަރުން ފެށިގެން، ރާއްޖޭގެ އެކި ރަށްރަށުގައި ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވަން ނިންމާފައިވަނީ، ޝަރަފުގެ ހިނގާލުންތައް ރައްޔިތުންނަށް ކައިރިން ބަލާލުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި، ކުރިއަށްއޮތް ތަނުގައި، އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން، އެ ކޯހުގެ ތަމްރީނުތައް ކުރިއަށްދާ އެމްއެންޑީއެފްގެ އޭރިއާއަކަށް ނިސްބަތްވާ ރަށްރަށުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ހިންގި 66 ވަނަ އަސާސީ ތަމްރީނު ކޯހަކީ ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި ކޯހެކެވެ. މި ކޯހުގައި 97 ދަރިވަރުން ބައިވެރިވި މިކޯހުގެ ދަސްވެނިވުން ބޭއްވީ މިމަހުގެ 15 ވަނަ ދުވަހު ޅ. މާފިލާފުށީގައި ހުންނަ "ދަ ބޭސިކް ސްކޫލު" ގައެވެ.