ޚަބަރު

އިންސާފުގެ ވަޢުދުގައި ހިމެނޭ މުހިންމު ޤާނޫނުތައް ފާސްވެއްޖެ - ރައީސް ނަޝީދު


ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަޢުދުވިގޮތަށް ނަޒާހަތްތެރި ދަޢުލަތެއް ބިނާކުރުމަށާއި ސަރުކާރު ޖަވާބުދާރީކުރުމަށް ހުރި މައިގަނޑު އަސާސީ އޮނިގަނޑުތައް މިހާރު ބިނާކުރެވިފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީން އިންތިޚާބުތަކުގައި ވާދަކުރަނީ އެ އިންތިޚާބެއް ކާމިޔާބުކުރުމަށްފަހު ކަންކުރާނެގޮތް ރައްޔިތުންނަށް އޮޅުންފިލުވައިދީގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެޕާޓީން އިއުލާންކުރި އެޖެންޑާ-19ގެ މައިގަނޑު 5 ވަޢުދުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދުކަމުގައިވާ އިންސާފުގެ ވަޢުދުގައި ހިމެނޭ މުހިއްމު ގިނަ ޤާނޫނުތައް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަޞްދީޤުކުރެއްވި އިންތިޤާލީ އިންސާފުގެ ޤާނޫނާއެކު ފާސްވެ ނިމުނީކަމަށާއި މިއާއެކު އިންސާފުގެ ދާއިރާގެ 3 ޤާނޫނު ނިމިފައިވާ ކަމަށެވެ. އަދި ނުނިމިވަނީ 3 ޤާނޫނު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ މައިގަނޑު މަޤްސަދަކީ އަނިޔާ ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ އަނިޔާއާއި ގެއްލުމުން ސަލާމަތްވެ އެކަމުން ތަސައްލީއެއް ހޯދުމުގެ އިތުރުން މީހުންގެ މެދުގައި އުފެދިފައިވާ ބައިބައިވުމާއި ބަދަލުހިފުމުގެ ރޫޙު ނައްތާލައި މުޖްތަމަޢުގައި ސުލްޙަ މަސަލަސްކަން ޤާއިމްކުރުންކަމަށެވެ.

"ތެދު ހާމަކުރުމާއި މާފްކުރުން އަޅުގަނޑުމެން ފާހަގަކޮށްފައިވާނީ ޓިނު ގޮޅިއަކުން މީގެ ބޭނުންމަކީ މައާފްކުރުން، އެކަކަށް އަނެކަކަށްވީގޮތް އެނގުން އަނެއްމީހާވެސް މައާފަށް އެދުން. އަޅުގަނޑުމެންގެ ތެރޭގައި ސުލްހަ މަސަލަސްކަން ޤާއިމްކުރުން، ރުޅިވެރިކަން ނައްތާލުން، ޙަސަދަވެރިކަން ފިލުވާލުން" ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންތިޤާލީ އިންސާފުގެ އިތުރުން ޝަރުޢީ ދާއިރާގެ އިދާރީ އޮނިގަނޑު އިސްލާޙްކުރުމަށް ކުރެވުނު މަސައްކަތުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ)އަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ދަށުން ހިންގާ ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ހަމަޖައްސަން ވިދާޅުވިގޮތަށް ޤާނޫނުން އެކަން ކުރައްވާފައިވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ނުލިބުމާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ނުބެލި މިހާދުވަސްވުމުން އެކަމުގެ ކަންބޮޑުވުމާއި ޝަކުވާ ރައްޔިތުންގެ ހުރިކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިޙާރު އިސްލާޙު ކުރެވިފައިވާ ފުލުހުންގެ ބިލުން އެފަދަ މައްސަލަތައް މިނިވަންކަމާއެކު ތަޙުޤީގުކުުރުމުގެ ބާރު ފުލުހުންނަށް ލިބިގެންދާނެކަމަށެވެ.

ޢިދާރާތައް ހިސްލާޙުކޮށް ހިންގުން ހަރުދަނާކުރުމަށްވީ ވަޢުދުތަކާއެެއްގޮތަށް އޭސީސީގެ މުޅި ބޯޑާއި ޤާނޫނުވެސް ބަދަލުކުރެވިފައިވާކަމަށާއި، ސުޕްރީމް ކޯޓުގެ ބެންޗް އެއްކޮށް ބަދަލުކޮށް، ޝަރުޢީ ދާއިރާއަކީ ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ހެދުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.

"ޙުކުމެއް ނުވިއްކޭނެ މިހާރު، ނުވިއްކޭނެ ޙުކުމެއް. ވިއްކައިފިއްޔާ އަޅުގަނޑަށް އިނގޭނެ، ވިއްކައިފިއްޔާ އަޅުގަނޑުމެން އެންމެންނަށް އިނގޭނެ ، ބަލާނަން، ހޯދާނަން ފިޔަވަޅު އަޅާނަން. ޖޭއެސްސީންވެސް ރައްޔިތުންގެ މަޖިލީހުންވެސް" ޖުޑީޝަލް ސަރވިސް ކޮމިޝަނުގައިވެސް ހިމެނިވަޑައިގަންނަވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ އިތުރުން އޮޑިޓަރ ޖެނަރަލްގެ ޤާނޫނާއި ޕީޖީ އަދި ހިއުމަންރައިޓްސް ކޮމިޝަނުގެ ޤާނޫނުވެސް ބަދަލުކުރެވި ނަޒާހަތްތެރި ދަޢުލަތެއް ބިނާކުރުމަށާއި ސަރުކާރު ޖަވާބުދާރީކުރުމަށް ހުރި މައިގަނޑު އަސާސީ އޮނިގަނޑުތައް މިހާރު ބިނާކުރެވިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.