ޚަބަރު

ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފަށައިފި


ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ޚިދުމަތް ފަށައިފިއެވެ.

"ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަފީ" ސީ.ޓީ ސްކޭންއަކީ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ތަޙުލީލުކުރެވޭ ޒަމާނީ ވަސީލަތެކެވެ. ކުރިން ހަމައެކަނި މާލެއިން ލިބެމުން ދިޔަ މި ޚިދުމަތް މަޑުމަޑުން އަތޮޅުތަކަށް އަންނަނީ ފުޅާކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އުތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އަދި ދެކުނުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ދަނީ ދެމުންނެވެ.

ލ.އަތޮޅުގައި ފެށި ސީޓީ ސްކޭންގެ ޚިދުމަތާއެކު މިއީ އަތޮޅުގައި މި ޚިދުމަތްފެށި 3 ވަނަ ހޮސްޕިޓަލެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް އަލީ ނަޝީދު ވިދާޅުވީ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ މީހެއްގެ ސީޓީ ސްކޭން ފުރަތަމަ ފަހަރަށް ބުރާސްފަތި ދުވަހު އެ ހޮސްޕިޓަލްގައި ހަދާފައިވާކަމަށެވެ. އަދި ސީޓީ ސްކޭން ހެދުމަށް ޑޮކްޓަރުން ލަފާދޭ މީހުންނަށް އެ ޚިދުމަތް މިހާރު ހޮސްޕިޓަލުން ދާއިމީކޮށް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ޚިދުމަތްދެނީ އެ ހޮސްޕިޓަލްގެ ރޭޑިއޮލޮޖީ ޑިޕަރޓްމަންޓްގައި މިކަމަށް ޚާއްސަކޮށްފައިވާ ސިއްޙީ އެހީތެރިންނެވެ.

ކޯވިޑްގެ ޙާލަތާއިއެކު ގަމު ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ކައިރި އަތޮޅުތަކުންވެސް މީހުން ޑޮކްޓަރަށް ދައްކަން އަންނަ މިންވަރު އިތުރުވެފައިވާއިރު، މުހިންމު ޚިދުމަތްތައް ޤާއިމުވެފައި ހުރުމަކީ ރަށުގެ ރައްޔިތުންނާއި އަދި މުޅި ސަރަޙައްދަށްވެސް ލިބޭ ކުރިއެރުމެއްކަމުގައި އެ ހޮސްޕިޓަލުން ދެކެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދޭ ގޮތުގައި އެ ހޮސްޕިޓަލަށް އެވަރެޖްކޮށް 300 މީހުން ދުވާލަކު ޑޮކްޓަރަށް ދައްކައެވެ. ނަމަވެސް ބޮޑެތި ޓެސްޓްތައް ނެހެދޭތީ، ބައެއް ކުދިކުދި ކަންކަމުގައިވެސް ބަލިމީހުން މާލެ ފޮނުވަންޖެހޭ ޙާލަތްތައް ދިމާވެއެވެ.

ލ.ގަމުގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުން އިފްތިތާޙުކޮށްދެއްވާފައި ވަނީ، މިމަހުގެ 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެތެރެއިންނެވެ.

އަތޮޅުތަކުގެ 5 ހޮސްޕިޓަލެއް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު، ގަމު ރީޖަނަލް ހޮސްޕިޓަލް ޚާއްސަކުރުމަށް ނިންމާފައިވަނީ ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައެވެ. އަދި ހޮސްޕިޓަލަށް މިވަގުތު ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ބަލިމީހުން ބަލާ 6 ކޮޓަރިއާއި، ވެއިޓިންގ އޭރިއާއެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.