ޚަބަރު

އެންމެ މޮޅު ކީޕަރު ނޯޔާއަށް، އެންމެ މޮޅު ގޯލް ސޮންއަށް


ފީފާއިން ހޮވާ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ބަޔާން މިއުނިކާއި ޖަރުމަނުގެ ގޯލްކީޕަރު މަނުއެލް ނޯޔާއަށް ލިބުނުއިރު ޕުސްކަސް އެވޯޑް ލިބުނީ ޓޮޓްހެންހަމްގެ ދެކުނު ކޮރެއަރގެ ދަރި ސޮން ހުން މިންއަށެވެ. އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމަށް ނޯޔާއާ އެކު މިއެވޯޑަށް ވާދަކުރީ މިދިޔަ އަހަރު މަގާމް ހޯދި ލިވަޕޫލާއި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އާއި އެތުލެޓިކޯ މެޑްރިޑާއި ސްލޮވީނިއާގެ ގޯލްކީޕަރު ޔަން އޮބްލަކްއެވެ. ނޯޔާ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނުއިރު ފީފައިން ހޮވި އަހަރު އެންމެ މޮޅު 11 ކުޅުންތެރިންގެ ޓީމުން ނޯޔާއަށް ޖާގަ ލިބިފައެއް ނުވެއެވެ.

ފީފާއިން ހޮވާ އެންމެ މޮޅު ގޯލް ޕުސްކަސް އެވޯޑް ލިބުނީ ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ ދެކުނު ކޮރެއާގެ ތަރި ސޮން ހެއުން މިން އަށެވެ. މިއެވޯޑް ލިބުނު ސޮންގެ ގޯލަކީ މިދިޔަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑެވެ. އޭނާ އަކީ އެވޯޑަށް ނޮމިނޭޓްވި ކޮރެއާގެ ފުރަތަމަ ކުޅުންތެރިޔާއެވެ.

މިއަހަރު އެންމެ މޮޅު އަންހެން ކޯޗުގެ މަގާމް ލިބުނީ ނެދަލެންޑްސްގެ ސަރީނާ ވިއެގްމަން އަށެވެ. އޭނާއާ އެކު މި އެވޯޑަށް ވާދަކުރީ ޗެލްސީގެ އެމާ ހަޔެސް އާއި ލިޔޯންގެ ޖީން-ލޫކް ވަސެއާއެވެ. އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ މެންޗެސްޓަރ ސިޓީ އާއި އިންގްލެންޑުގެ ލޫސީ ބްރޯންޒްއެވެ. އޭނާއާ އެކު މި އެވޯޑަށް ވާދަކުރީ ޗެލްސީ އާއި ޑެންމާކްގެ ޕާނިލޭ ހާޑާ އާއި ލިޔޯން އާއި ފްރާންސްގެ ވެންޑީ ރެނާޑްއެވެ. ފިފްޕްރޯ ފިރިހެން ޓީމުގައި އެންމެ ގިނައީ ލިވަޕޫލްގެ ކުޅުންތެރިންނެވެ. މި ޓީމުގައި ހިމެނުނު އެގާރަ ކުޅުންތެރިންނަކީ ގޯލްކީޕަރު އެލިސަން ބެކާ، ޓްރެންޓް އަލެކްޒަންޑަ-އާނޯލްޑް، ވާޖިލް ވެން ޑައިކް، ސާޖިއޯ ރާމޯސް، އަލްފޮންސޯ ޑޭވީސް، ޖޯޝުއާ ކިމިޗް، ކެވިން ޑި ބްރޭނާ، ތިއާގޯ އަލްކަންޓާރާ، ލައޮނަލް މެސީ، ރޮބާޓް ލެވަންޑޮސްކީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.


މިރަސްމިއްޔާތުގައި ވަނީ މިދިޔަ މަހު ހާޓް އެޓޭކެއް ޖެހިގެން މަރުވި ޑިއޭގޯ މަރަޑޯނާ އާއި މިދިޔަ ހަފްތާ ދުނިޔެ ދޫކުރި އިޓަލީގެ ކުރީގެ ފުޓްބޯޅަ ތަރި ޕައޮލޯ ރޮސީގެ ހަނދާން އާކޮށްފައެވެ. އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވިއިރު އޭނާ އަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާއެވެ. މަރަޑޯނާ ވަނީ 1986 ވަނަ އަހަރު އާޖެންޓީނާއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރުމުގައި ތަފާތު މޮޅުކުޅުމެއް ދައްކާފައެވެ. އުމުރުން 64 އަހަރުގައި ރޮސީ މަރުވިއިރު އޭނާ އަކީ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ އިން ކާމިޔާބުކުރިއިރު އެންމެ ގިނަ ގޯލު ޖަހައި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އެވޯޑް ހަފްލާގައި ވަނީ އިނގިރޭސި ވިލާތުގެ ސްކޫލް ދަރިވަރުންނަށް ހިލޭ ކޮއްތު ފޯރުކޮށްދިނުމަށް ސަރުކާރަށް ޕްރެޝަރުކޮށް އެ މަސައްކަތުގައި ނަމޫނާ ދައްކަމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފާޑަށް ފީފާ ފައުންޑޭޝަން އެވޯޑް ދީފައެވެ.