ވިޔަފާރި

ބޯޑަރު ހުޅުވާލިފަހުން 2200 އަށްވުރެ ގިނަ ފަތުރުވެރިން މާފުއްޓަށް


މާފުށީގެ ގެސްޓްހައުސްތައް އަލުން ހުޅުވާލުމާއިއެކު މިހާތަނަށް 2200 އަށްވުރެ ގިނަ ފަތުރުވެރިން އެރަށައް ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޯވިޑް19ގެ ސަބަބުން ގެސްޓްހައުސް ސިނާއަތް ބަންދުކޮށްފައި އޮތުމަށްފަހު އެންމެ ފުރަތަމަ ފަތުރުވެރިންނަށް ހުޅުވާލާފައިވަނީވެސް މާފުށީގެ ގެސްޓްހައުސްތަކެވެ.

ކޯވިޑް19އާއެކު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ގެސްޓްހައުސް ސިނާއަތް ހުޅުވާލާފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މާފުށީ ގެސްޓްހައުސްތައް ހުޅުވާލުމާއިއެކު މިހާތަނަށް 2200 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މާފުށްޓަށް ޒިޔާރަތްކުރި ބައެއް ފަތުރުވެރިން ވަނީ ކޯވިޑްއަށް ޕޮޒިޓިވްވެސް ވެފައެވެ. މާފުށީ ހެލްތް ސެންޓަރުން ވިދާޅުވީ، މާފުށީ ގެސްޓްހައުސް ހުޅުވާލިފަހުން މިހާތަނަށް 15 ފަތުރުވެރިއަކު ޕޮޒިޓިވް ވެފައިވާކަމަށެވެ. މީގެތެރެއިން 11 ފަތުރުވެރިން މިހާރު ވަނީ ރަނގަޅުވެފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދަކީ 4 ކަމަށް މާފުށީ ހެލްތް ސެންޓަރުން ވިދާޅުވެއެވެ.

ކ. މާފުށްޓަކީ ރާއްޖޭގައި ގެސްޓު ހައުސް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ގެސްޓް ހައުސްވެސް ހުންނަނީ މާފުށީގައެވެ. މާފުށީގައި މުޅި ޖުމްލަ 42 ގެސްޓްހައުސް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. މިވަގުތު މާފުށީގައި ފަތުރުވެރިންނަށް ޙިދުމަތް ދިނުމުގެ ހުއްދަ ދީފައިވަނީ 18 ގެސްޓްހައުސްއަކަށެވެ. މިއާއިއެކު ފަތުރުވެރިންނަށް ޙިދުމަތްދެމުން އަންނަ ބެޑް ކެޕޭސިޓީގެ އަދަދަކީ 748 ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މާފުށީ ގެސްޓްހައުސް ސިނާއަތް ޕްރޮމޯޓްކުރުމަށް އަމިއްލަ ފަރާތްތަކުން އެރަށުގައި އަންނަނީ ގިނަ ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގަމުންނެވެ. ކުރިއަށް އޮތްތަނުގައި ރަށު ފެންވަރުގައި ގެސްޓްހައުސް އެސޯސިއޭޝަންއެއް ހުޅުވައި، އެ އެސޯސިއޭޝަން މެދުވެރިކޮށް މާފުށީގެ ގެސްޓްހައުސް ސިނާއަތް ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރުމަށް މަޝްވަރާތައް ކުވެމެވުންދާކަމަށް މާފުށީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭއިން އެންމެފަހުން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުން ރާއްޖޭގެ ގެސްޓްހައުސް ހިންގާ ރަށްރަށުގެ މީހުން ބޭރަށްދާއިރު މާސްކް އެޅުމަކީ މަޖުބޫރުކަމެކެވެ. އަދި ބޭރަށް ނިކުމެއުޅޭއިރު އިޖްތިމާއީ ގައިދުރުކަން އެކަކު އަނެކަކާއި ދެމެދު ބަހައްޓަންޖެހެއެވެ.