ޚަބަރު

ލިވަޕޫލް މޮޅުވެ 1ވަނައިގަ ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި


ޕްރިމިއަރ ލީގުގައި ލިވަޕޫލް މޮޅުވެ ތާވަލުގެ ކުރީގައި 3 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. ލިވަޕޫލް މޮޅުވީ ޓޮޓްނަމް އަތުން 2-1 ލަނޑުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލްގެ ފުރަތަމަ ލަނޑުޖަހާ އެޓީމަށް ލީޑް ނަގައިދިނީ މުހަންމަދު ސަލާހުއެވެ. މެޗުގެ ފުރަތަމަހާފް ނިމުމުގެ ކުރިން ޓޮޓްނަމް އިން ނަތިޖާ ހަމަމަކުރީ ސޮން ހުން މިން ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސަލާހު ވަނީ މިހާތަނަށް ޓޮޓްނަމްއާ ދެކޮޅަށް 8 ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ ލީގުގައި ސޮން ކާމިޔާބުކުރި 11 ވަނަ ލަނޑެވެ. މި ސީޒަނުގެ މިހާތަނަށް ސޮންވަނީ ޓޮޓްނަމް ޖެހި ލަނޑުތަކުގައި 80 ޕަސެންޓް ހިއްސާވެފައެވެ. މިހާތަނަށް ޓޮޓްނަމް މި ސީޒަނުގައި ކާމިޔާބުކުރި 25 ލަނޑުގެ ތެރެއިން 20 ލަނޑު ޖެހުމުގައި ހިއްސާވެފައިވަނީ ސޮން އާއި ހެރީ ކޭންއެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޓޮޓްހެންހަމްއަށް މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، އެޓީމުން ފުރަތަމަ ހާފްގައި ނިންމާލިއިރު ފުރިހަމަ ކުރެވިފައިވަނީ 75 ޕާހެވެ. މިއީ ރެއާލްމެޑްރިޑަށް ކޯޗުކޮށްދިން ފަހުން މޮރިނިޔޯ ކޯޗް ކޮށްދޭ ޓީމެއް ލީގުގައި އެއް ހާފްގައި އެންމެ މަދުން ޕާސް ކުރި ފަހަރެވެ. ލިވަޕޫލް މެޗުން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 90 ވަނަ މިނެޓުގައި އެންޑްރޫ ރޮބާޓްސަން ނަގައިދިން ކޯނަރަކުން ރޮބާޓޯ ފިރްމީނޯ ބޮލުން ގޯލްތެރެއަށް ވައްދައިލައިގެންނެވެ.

އެންމެފަހުން ރަށުން ބޭރުގައި ޓޮޓްނަމް އިން ލިވަޕޫލްއާ ދެކޮޅަށް ކުޅުނު 27 މެޗުގެ ތެރެއިން މޮޅުވެވިފަވަނީ އެންމެ މެޗަކުންނެވެ. އެންމެ ފަހުން ލިވަޕޫލްގެ ދަނޑުގައި ޓޮޓްނަމް މޮޅުވީ 2011 ވަނަ އަހަރުއެވެ. ޓޮޓްނަމްގެ ކޯޗު މޮރީނިޔޯ އެންމެފަހުން ލިވަޕޫލްގެ ކޯޗް ޔާގެން ކުލޮޕްއާ ދެކޮޅަށް ކުޅުނު 6 މެޗުގައިވެސް ކުރި ހޯދިފައެއް ނުވެއެވެ. އެންމެފަހުން ލިވަޕޫލް ދަނޑުގައި މޮރީނިޔޯ ބަލިވީ ޔުނައިޓެޑުގެ ކޯޗަކަށް މޮރީނިޔޯ ހުރި އިރުގައެވެ. އެމެޗުން ބަލިވިތާ 24ގަޑިއިރު ފަހުން މޮރީނިޔޯ ވަނީ މަގާމުން ވަކިކޮށްފައެވެ.

ރޭ ހޯދި މޮޅާއެކު ލިވަޕޫލުން ވަނީ ތަވާލުގެ ކުރީގައި 3 ޕޮއިންޓް ލީޑެއް ނަގާފައެވެ. ލިވަޕޫލް 1ވަނައިގައި އޮތީ ކުޅުނު 13 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ.