ޚަބަރު

މިހާރު ލިބިފައި އޮތް ބަޖެޓުން ކައުންސިލް އިންތިޚާބެއް ނުބޭއްވޭނެ: އީސީ


މިހާރު ލިބިފައި އޮތް ބަޖެޓުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އިންތިޚާބު ބޭއްވުމަށް އެކޮމިޝަނަށް މިހާރު ލިބިފައި ވަނީ 51 މިލިއަން ރުފިޔާކަމަށެވެ. އަދި އެ ބަޖެޓުން އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ހޯދުމަށާއި، އިންތިޚާބާއި ގުޅޭ އެހެނިހެން ކަންކަންކުރުމަށްވެސް ވަރަށް ބޮޑަށް ދަތިވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ކޯވިޑް-19ގެ ޙާލަތުގައި އިންތިޚާބު ބޭއްވުމަށް ބޮޑު ޚަރަދެއް ހިނގާނެކަމަށާއި، އެކަން ރައްޔިތުންގެ މަޖިލީހަށާއި، ފިނޭންސް މިނިސްޓްރީއަށްވެސް އަންގަވާފައިވާނެކަމަށެވެ.

ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް އެކޮމިޝަނަށް އެންމެ މަދުވެގެން 65 މިލިއަން ރުފިޔާ ބޭނުންވާކަމަށެވެ. ނަމަވެސް މަޖިލީހުން ބަޖެޓް ފާސްވެގެން އައިއިރު، ލިބިފައިވަނީ 51 މިލިއަން ރުފިޔާކަމަށް ޝަރީފް ވިދާޅުވިއެވެ.

"51 މިލިއަނުން އިންތިޚާބުގެ ކަންކަން ކުރިއަށް ނުގެންދެވޭނެ. ސަބަބަކީ އޭގެތެރޭގައި ހިމެނޭ ވަރަށް ބޮޑު ބައެއްކަމަށްވާ އޮފިޝަލުންގެ އުޖޫރައިގެ ބައެއް އުނިކޮށް އަދި އެނޫންވެސް އިންތިޚާބާއި ގުޅޭ މުހިންމު ބައިތައް އުނިކޮށްފައި ހުރުމުން އިންތިޚާބުގެ ކަންކަން އެންމެ ފުރިހަމައަށް ނުގެންދެވޭނީ. އަޅުގަނޑުމެން ފޮނުވީ 71 މިލިއަން ރުފިޔާގެ ބަޖެޓެއް. ފައިނޭންސް މިނިސްޓްރީން އަޅުގަނޑުމެންނާ މަޝްވަރާނުކޮށް 19 މިލިއަން ރުރިޔާ އުނިކުރި. އަދި މަޖިލީހުން ފާސްވެގެން އައީ 51 މިލިއަން ރުފިޔާގެ ބަޖެޓެއް. އަޅުގަނޑުމެންގެ އަންދާޒާއަކީ އެންމެ މަދުވެގެން 65 މިލިއަން ރުފިޔާ އިންތިޚާބު ބޭއްވުމަށް ބޭނުންވާކަން."

ޝަރީފް ވިދާޅުވީ، އިންތިޚާބުގަިއ ހޭދަކުރަންޖެހޭނެކަމަށް ބަލާ ބަޖެޓްގައި ހިމަނާ އަދަދަށް ފައިސާ ޚަރަދު ނުވިނަމަވެސް، ލިބޭ ބަޖެޓް ކުޑަވެ ޚަރަދުތައް ފޫ ނުބެދިއްޖެނަމަ ބޮޑު މައްސަލަތަކެއް ކުރިމަތިވެދާނެކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ފުރަތަމަ ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރީލްމަހުގެ 4 ވަަނަ ދުވަހުއެވެ. ނަމަވެސް ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމުގެ ސަަބަބުން އިންތިޚާބު ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ 6 ވަނަ ދުވަހަށް ފަސްކޮށްފައެވެ.