ޚަބަރު

ބާސްކެޓާއި ނެޓްބޯޅައިގެ ޓްރައި އައުޓްތަކެއް ކުރިއަށް ގެންދަނީ


ބާސްކެޓާއި ނެޓްބޯޅައިގެ ގައުމީ ޓީމަށް ސްކޮޑް އެކުލަވާލުމަށް ޓްރައި އައުޓްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ކޮވިޑް19ގެ ސަބަބުން ގައުމީ ޓީމްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދެވިފައިނުވާއިރު، ހުރިހާ އެސޯސިއޭޝަންއަކުންވަނީ މިއަހަރުގެ ގިނަ މުބާރާތް ބައްވާ ތާރީޙު ބަދަލު ކުރުމުގެ އިތުރުން ބައެއް މުބާރާތްތަށް ކެންސަލްވެސްކޮށްފައެވެ. އާންމުކޮށް ރާއްޖޭގައި ގައުމީ ޓީމްތައް އެކުލަވާލަނީ ކުޅޭ މުބާރާތްތަކަށް ބަލައި، އެކުޅުންތެރިއަކު ދައްކާ ކުޅުމަށްބަލާފައި ގައުމީ ސްކޮޑް އެކުލަވާލުމަށްފަހުވެސް، ސްކޮޑް އިތުރަށް ވަރުގަދަ ކުރުމަށް ޓްރައި އައުޓްތަކެއް ގެންދާކަން ފާހަގަކޮށްލެވެއެވެ. މޯލްޑިވްސް ބާސްކެޓް ބޯޅަ އެސޯސިއޭޝަނާއި ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިންވެސް މިފަހަރު ޓްރައި އައުޓްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކޮވިޑް19ގެ ސަބަބުން މުބާރާތްތަކެއް ނުބޭއްވި ގިނަ ދުވަސްތަކެއް ވުމާއި އެންމެ ފަހުން އެކުލަވާލާފައިވާ ސްކޮޑުގެ ތެރެއަށް ޒުވާން ގިނަ ކުޅުންތެރިންނަށް ފުުރުސަތު ދިނުމުގެ ގޮތުންނެވެ.

މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ޓްރައި އައުޓްތަކުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިން ފުރިހަމަނަމާއި، އުފަންދުވަސް، އަދި ގުޅޭނެ ފޯން ނަންބަރުގެ އިތުރުން އައިޑީ ކާޑުގެ ނަންބަރު އެނގޭގޮތަށް މަޢުލޫމާތު މިއަންނަ ހޮނިހިރު ދުވަހު މެންދުރު 1:30ގެ ކުރިން އެސޯސިއޭޝަނަށް މެއިލް ކުރުމަށްވަނީ އެދިފައެވެ. މިޓްރައި އައުޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20، 22، އަދި 24ވަނަ ދުވަހު އަންހެން ކުދިންނަށް ހާއްސަކޮށްގެން، އަދި މިމަހުގެ 21، 23 އަދި 26 ފިރިހެން ކުދިންނަށް ހާއްސަކޮށްގެންނެވެ.

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓްރައި އައުޓްގައި ބައިވެރިވާން ބޭނުންވާ އަންހެން ކުދިން މާދަމާގެ މެންދުރު 2 ޖެހުމުގެ ކުރިން އެސޯސިއޭޝަންގެ ނަންބަރަށް އައިޑީ ކާޑު ވައިބާ ކުރުމަށް އެފަރާތުން އެދިފައިވެއެވެ. އަދި ޓްރައި އައުޓްތައް ކުރިއަށްގެންދާނީ މިއަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހުކަމަށް ނެޓްބޯޅަ އެސޯސިއޭޝަނުން މަޢުލުމާތުދިނެވެ.