ވިޔަފާރި

ސިންގަޕޫރުން ބިޒްނަސް ޓްރެވަލް ބަބުލްއެއް ޤާއިމްކުރަނީ


ސިންގަޕޫރުން އަންނަ އަހަރުގެ ޖެނުއަރީމަހު ބިޒްނަސް ޓްރެވަލް ބަބުލްއެއް ޤާއިމްކުރަން ނިންމައިފިއެވެ.

ސިންގަޕޫރުން ވިޔަފާރިއަށް ޚާއްސަ ޓްރެވަލް ބަބުލްއެއް އެކުލަވާލަން ނިންމާފައި މިވަނީ ކޯވިޑް-19އާ ގުޅިގެން އެޤައުމުގެ ބޯޑަރުތައް ބަންދުކޮށްފައި ވަނިކޮށެވެ.

ޓްރެވަލް ބަބުލް އެކުލަވާލަން ނިންމާފައިވަނީ މަތީ ފަންތީގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށެވެ. ކޯވިޑްއާއެކު ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ސިންގަޕޫރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ސިިންގަޕޫރުގެ ސަރުކާރުން މަޢުލޫމާތުދެއްވާ ގޮތުގައި މި ބަބުލްގެ މައިގަނޑު ބޭނުމަކީ އެޤައުމުގެ އިޤްތިޞާދު އަލުން ކޮޅަށްޖެހުމެވެ.

ސިންގަޕޫރުގެ ސަރުކާރުން ލަފާކުރައްވާގޮތުގައި ޖެނުއަރީމަހުގެ މެދުތެރޭގައި އެޤައުމަށް ޓްރެވަލް ބަބުލް މެދުވެރިކޮށް ވިޔަފާރިވެރިން އަލުން ދަތުރުކުރެވޭނެއެވެ. މި ބަބުލްއިން އެންމެ ފުރަތަމަ އެޤައުމަށް ޒިޔާރަތްކުރެވޭނީ ގިނަވެގެން 14 ދުވަހުގެ މުއްދަތަށްކަމަށް ސިންގަޕޫރުގެ ސަރުކާރުން ހާމަކުރެއެވެ.

ސިންގަޕޫރުން ބިޒްނަސް ޓްރެވަލް ބަބުލްއެއް އެކުލަވާލާފައިވަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކުގައެވެ. އެގޮތުން ޓްރެވަލް ބަބުލްއިން އަންނަ ފަރާތްތަކަށް އުޅެވޭނީ އެބަބުލްއަކުން އަންނަ މީހުންނާއެކުގައި ކަމަށް ކަނޑައަޅާފައިވެއެވެ. އަދި ސިންގަޕޫރުގެ ޢާއްމު ރައްޔިތުންނާއި ބައްދަލުކުރެވޭނީ އިޖުތިމާޢި ގައިދުރުކަމާއެކު ޑިވައިޑަރސްތަކެއް މެދުވެރިކޮށްކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

ބިޒްނަސް ޓްރެވަލް ބަބުލްއެއް ސިންގަޕޫރުން އެކުލަވާލާއިރު، އަންނަ އަހަރުގެ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ޕޮލިޓިކަލް އަދި ބިޒްނަސް ލީޑަރުންގެ ބައްދަލުވުންވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގައެވެ. ޓްރެވަލް ބަބުލް އެކުލަވާލަން ސިންގަޕޫރުގެ ސަރުކާރުން ނިންމާފައިވަނީ އެޤައުމުން ޕޮޒިޓިޒްވާ ކޯވިޑްގެ ކޭސްތަކުގެ ޢަދަދު ވަރަށް ބޮޑަށް މަދުވުމުންނެވެ.