ޚަބަރު

ޅ.އަތޮޅު ހޮސްޕިޓަލްގައި ކީމޯ ތެރަޕީގެ ޚިދުމަތް : އާއިލާތަކަށް ބޮޑު ލުޔެއް


ސިއްޙީ ޚިދުމަތްތަކަށް މާލެ އަންނަން ޖެހުމުގެ ތަކުލީފާއި އެކަމަށް ހޭދަވާ ޚަރަދުގެ ވާހަކައަކީ އަބަދުވެސް އިވޭ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ. މަރުކަޒީކޮށް ޚިދުމަތްތައް ރޭވިފައި ހުރުމުގެ ސަބަބުން ކުދިކުދި ޚިދުމަތްތަކަށްވެސް މާލެ ދަތުކުރަންޖެހެއެވެ.
ނަމަވެސް މިހާރުގެ ސަރުކާރުގެ ސިޔާސަތަކީ ޚިދުމަތްތައް ލާމަރުކަޒްކޮށް، ވީހާވެސް ޚަރަދުކުޑަކޮށް ރައްޔިތުންނަށް ތަކުލީފު ކުޑަވާނެގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

ޅ.ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލުން މުޅިން އަލަށްފެށި ކީމޯ ތެރަޕީގެ ޚިދުމަތާއިއެކު، މިޚިދުމަތް ހޯދުމަށް މާލެއަށް ކުރާ ދަތުރުތަކަށް ނިމުމެއްއައިސް، އެތައް އާއިލާއަކަށްވަނީ ހިތްހަމަޖެހުން ގެނުވާފައެވެ. އަލަށް ފެށި މިޚިދުމަތާއެކު، ކޮންމެ ތިން ހަފްތާއަކުން މިޚިދުމަތް ހޯދުމަށް ކުރިން މާލެ އަންނަމުންދިޔަ ޕޭޝަންޓުންނަށް މިހާރު ރަށުގައި ތިބެގެން ކީމޯތެރަޕީ ނެގުމުގެމަގުވަނީ ފަހިވެފައެވެ.

ޅ.އަތޮޅު ހޮސްޕިޓަލްގައި މުޅިން އަލަށް ފެށި ކީމޯތެރަޕީގެ ޚިދުމަތާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް ޖައުފަރު އަބްދުﷲ ވިދާޅުވީ ކީމޯތެރަޕީގެ ޚިދުމަތް ފެށުމުގެ ވިސްނުން އައީ، ކޯވިޑްގެ މި ޙާލަތުގައި ކެންސަރ ޕޭޝަންޓުން ކޮންމެ މަހަކު މާލެ ދަތުރުކޮށް، އެނބުރި ރަށަށް ގޮސް ކަރަންޓީންވާންޖެހުމުގެ ތަކުލީފު އުފުލަންޖެހޭތީ މި ޚިދުމަތް ރަށުން ފޯރުކޮށްދިނުމަށް ބަލިމީހުންނާއި އާއިލާތަކުން އެދެމުންދާތީކަމަށެވެ.

ނައިފަރުގައި މިވަގުތުވެސް ކީމޯ ތެރަޕީ ނަގާ 8 މީހުން އެބަތިއްބެވެ.

"ޅ.ނައިފަރުގައި ތިބި ޕޭޝަންޓުން ވަރަށް ބޮޑަށް އެދޭ ޚިދުމަތެއް މިއީ. ކޯވިޑްގެ ދަތި އުނދަގުލުގައި، އާސަންދަ ހަމަޖެއްސުމާއި، ތެރަޕީއަށްފަހު އައިސް 14ދުވަހު ކަރަންޓީންވުމާއި، މިއީ ވަރަށް ދަތި އުނދަގޫ ޙާލަތެއް." ޖައުފަރު ވިދާޅުވިއެވެ.

ކީމޯތެރަޕީގެ ޚިދުމަތް އެހޮސްޕިޓަލްގައި ފެށީ ހުޅުމާލޭގެ ކެންސަރ ޑިޕަރޓްމަންޓްގެ އެހީތެރިކަމާއެކުއެވެ. އެގޮތުން ޅ.އަތޮޅު ހޮސްޕިޓަލްގެ 2 ނަރުހުން ހުޅުމާލެއަށް ފޮނުވައިގެން، 2 ހަފްތާގެ ތަމްރީނެއް ފުރިހަމަކޮށްފައިވާ ޅ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ޖައުފަރު އަބްދުﷲ ވިދާޅުވިއެވެ.

ޖައުފަރު ވިދާޅުވީ ޅ.އަތޮޅު ހޮސްޕިޓަލްގައި މިހާރު ހެލްތު މިނިސްޓްރީގެ މިންގަނޑަށް "އޮންކޮލޮޖީ ޓްރީޓްމަންޓް ޔުނިޓް"ގެ ނަމުގައި 6 އެނދުގެ ޔުނިޓެއް ހަދާފައިވާ ކަމަށެވެ. ޖައުފަރު ވިދާޅުވީ އެހޮސްޕިޓަލުން މިވަގުތު ކީމޯ ތެރަޕީގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ނައިފަރުގައި ތިބި ކެންސަރުގެ ޕޭޝަންޓުންނަށް އެކަނިކަމަށެވެ.

"14ދުވަހުގެ ކަރަންޓީންގައި ހުރުމަށްފަހު، އިއްޔެއެއީ އަޅުގަނޑުމެންގެ ޕޭޝަންޓް މާލެ ފޮނުވަންޖެހޭ ދުވަސް. ނަމަވެސް މާލެ ދާން ނުޖެހި މިކޮޅުން ކީމޯ ތެރަޕީގެ ޚިދުމަތް މި ދިނީ." ޖައުފަރު ވިދާޅުވިއެވެ.

ޅ.އަތޮޅު ހޮސްޕިޓަލުގެ ވިސްނުމަކީ ކެންސަރަށް ފަރުވާ ހޯދަމުންދާ އެއަތޮޅު މީހުންގެ އިތުރަށް، ކައިރި އަތޮޅުތަކުގައި ތިބި ކެންސަރުގެ ބަލީގެ މީހުންނަށްވެސް މި ޚިދުމަތް ދިނުމެވެ. މިކަމާއި ގުޅޭ ކަންކަން ރަށްރަށާއިއެކު ބަލަމުންދާކަމަށްވެސް ޖައުފަރު ވިދާޅުވިއެވެ.

"އަތޮޅުގެ އިތުރަށް ނ.ރ.ބ އަތޮޅުގައި ތިބި ޕޭޝަންޓުންނަށްވެސް ޚިދުމަތް ދޭން ބޭނުންވޭ. ސަރުކާރުގެ ވިސްނުމަކީ ލ.އަތޮޅު ހޮސްޕިޓަލް ކެންސަރަށް ފަރުވާއަށް ޚާއްސަކުރުން. ނަމަވެސް އޭރުން ދޭންޖެހޭ މިކަމާއިގުޅޭ ކުދިކުދި ފަރުވާތަކުގެ އިންތިޒާމް މިކޮޅުގައި ހަމަޖައްސާނަން." ޖައުފަރު ވިދާޅުވިއެވެ.

ޅ.އަތޮޅު ހޮސްޕިޓަލްގައި މިހާރުވެސް 7 ދާއިރާއަކުން ސްޕެޝަލިސްޓް ޚިދުމަތް އަންނަނީ ދެމުންނެވެ. އެ ހޮސްޕިޓަލަށް އެވްރެޖްކޮށް 200މީހުން ދުވާލެއްގެ މައްޗަށް ޑޮކްޓަރަށް ދައްކައެވެ.