ޚަބަރު

ބ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމަށް އޭދަފުށިން ބިމެއް ދީފި


ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން އޭދަފުށީ ހިއްކި ސަރަހައްދުން ހެލްތު މިނިސްޓްރީއަށް ބިމެއް ދީފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ބިމެއް ދިނީ އޭދަފުށީ ދެކުނު ފަރާތު ހިއްކި ބިމުންނެވެ. ބިން ދޫކޮށްފައިވަނީ ލޭންޑް ޔޫސް ޕްލޭންގައި ހައުސިން ޔުނިޓްތައް އަޅަން ޚާއްސަކުރި ބިމުންކަމަށް އޭދަފުށީ ކައުންސިލުން މައުލޫމާތުދެއެވެ.

ޖާގައިގެ ދަތިކަން ކުރިމަތިވެ ގިނަ ޙިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަން ހޮސްޕިޓަލުން ވިދާޅުވާއިރު އަލަށް އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލުގައި، 55 އެނދާއި ޕްރައިވެޓް 6 ރޫމަކާއި 3 އެނދުގެ އައިސީޔޫއަކާއި އެންއައިސީޔޫ އާއި 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމް ހުންނާނެއެވެ. މީގެ އިތުރުން އެކްސްރޭ ރޫމާއި ޕިޒިއޮތެރަޕީ ރޫމާއި އެމަޖެންސީ ރޫމާއި ދެ އޮޕަރޭޝަން ތިއޭޓަރު ވެސް އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގައި ހުންނާނެެއެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އަލަށް އަޅާ މި ހޮސްޕިޓަލު ކުރިން އެޅުމަށް ނިންމާފައިވަނީ މިހާރު އެ ހޮސްޕިޓަލު ހުރި ބިމުގައެވެ. ނަމަވެސް އަލަށް އިމާރާތްކުރުމަށް ނިންމާފައިވާ ހޮސްޕިޓަލު އެޅުމަށް އެހެން ބިމެއް ހޯދީ މިހާރު ހޮސްޕިޓަލު ހުރި ބިމުން އެކަށިގެންވާ ޖަގަ ނުލިބޭތީއެވެ.

އައު އިމާރާތާއެކު މިހާރު ދިމާވަމުންދާ ޖާގައިގެ ދަތިކަމަށް ހައްލު ލިބި ރަނގަޅު ޙިދުމަތްތަކެއް ފޯރުކޮށްދެވޭނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

ސަރުކާރުގެ ޞިއްޙީ ސިޔާސަތާ އެއްގޮތަށް އަތޮޅުތަކުގައި ޤާއިމްކޮށްފައި ހުރި ހޮސްޕިޓަލުތަކާ ޞިއްޙީ މަރުކަޒުތައް މިހާރުވެސް އަންނަނީ ތަރައްޤީ ކުރަމުންނެވެ.