ޚަބަރު

ޓީމު އެއްކޮށް މަސައްކަތްކޮށްގެން އަދިވެސް ކާމިޔާބު ހޯދޭނެ - ކޯޗް ޒިދާން


ޓީމު އެކުގައި މަސައްކަތް ކޮށްފިނަމަ އަދިވެސް ކާމިޔާބު ލިބޭނެކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ޒިދާން ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން އެކުގައި ގުޅިގެން މަސައްކަތް ކޮށްފިނަމަ ކާމިޔާބު ނުލިބެންވީ ސަބެބެއް ނެތްކަމަށާއި އެކަން މިހާރު މެޑްރިޑުގެ ޓީމުން ސާބިތުކޮށްދީފިކަމަށެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އިޓަލީގެ އެޓްލާންޓާއާ ދެކޮޅަށް ކުޅެން ޖެހުމުން ފަރުވާލެއް ނެތްކަމަށާއި އެއީ ކިހާ ފެންވަރެއްގެ ކޮންކަހަލަ ޓީމެއްކަން އެނގޭކަމަށެވެ. ޒިދާން ބުނީ މެޗާމެދު ވިސްނާނީ ވަގުތުއައިސް ޖެހުމުން ކަމަށާއި މިހާރު ހުރިހާ ވިސްނުމެއް ހުރީ ލީގުގައި މިރޭ ވާދަކުރާ ބިލްބާއޯ މެޗަށްކަމަށެވެ.

ހުސްވި ސީޒަނުގައި މެޑްރިޑަށް ލީގު ކާމިޔާބުކޮށްދިން ކޯޗު ބުނީ ލީގުގައި މިމެޗު ކާމިޔާބުކޮށް ޓީމު އޮތީ ރަނގަޅު ހާލަތުގައިކަން ސާބިތުކޮށްދޭން ބޭނުންވާކަމަށެވެ. ޒިދާން ބުނީ މެޗަށް ނުކުންނައިރު ޓީމުން މާބޮޑު ބަދަލުތަކެއް ނުފެންނާނެ ކަމަށާއި ދުވަހަކަށްފަހު ދުވަހެއް ޓީމުގެ ކުޅުން ރަނގަޅުކުރުމަށް ޓީމުން މަސައްކަތްކުރަމުން ދާނެކަމަށެވެ. ލީގުގައި 12 މެޗުން ހޯދި 23 ޕޮއިންޓާއެކު މެޑްރިޑް އޮތީ ތިންވަނައިގައެވެ.