ޚަބަރު

ބޭނުންވަނީ ދުނިޔޭގެ ފެންވަރުގެ ދިވެހި އެކައުންޓެންޓުންނާއި އޮޑިޓަރުން - ސީއޭ މޯލްޑިވްސް


ބޭނުންވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރޭވޭ ފެންވަރުގެ ބަޔަކަށް ދިވެހިރާއްޖޭގެ އެކައުންޓެންޓުންނާއި އޮޑިޓަރުން ވެގެންދިއުމަށްކަމަށް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރަންސް ޚިދުމަތް ދިނުމުގެ ކަންކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލްގެ ރައީސް، އޮޑިޓަރ ޖެނަރަލް ޙަސަން ޒިޔަތު ވިދާޅުވީ، އެކައުންޓިންއާ އޮޑިޓިންގް ރާއްޖޭގައިވެސް ކުރެވެނީ ބައިނަލްއަޤްވާމީ ސްޓޭންޑަރޑްތަކާއި އެއްގޮތަށްކަމަށާއި، އެކައުންޓެންޓުންނަކީ މުޅި އިޤްތިސާދުގައިވެސް ވަރަށް މުހިއްމު ރޯލެއްއަދާކުރާ ބައެއްކަމަށެވެ.

މީރާފަދަ ޢިދާރާތަކާއި، ބޭޏުންކްތަކުންވެސް އޮޑިޓަރުން ތައްޔާރުކުރާ ރިޕޯޓުތަކަށް، ވަރަށް ބޮޑަށް ބަރޯސާވާކަން ފާހަގަކުރައްވަމުން ޒިޔަތު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ބާރު ދުވެއްޔެއްގައި ކުރިއަރަމުން އަންނައިރު މުޅި މާލީ ނިޒާމުގެ ގިނަ މުޢާމަލާތްތަކެއްގެ ފަހަތުގައި ތިއްބަވަނީ މާލީ ދާއިރާގެ ބޭފުޅުން ނުވަތަ އެކައުންޓެންޓުންނަށްވުމުން އެފަދަ ބޭފުޅުންގެ މަސައްކަތަކީ އިތުބާރުހިފޭ މަސައްކަތަކަށް ހެދުމަކީ ނުހަނު މުހިއްމު ކަމެއްކަަމަށެވެ.

"މިސާލަކަށް ދަންނަވަންޏާ ދަޢުލަތް ނުވަތަ ސަރުކާރު، 1995ގައި ދަޢުލަތުގެ ބަޖެޓްހުރީ 5 ބިލިޔަނުގައި. މިއަދު 30 ބިލިޔަނުގައި. އަދި މިއަދު ސަރުކާރު މިދަނީ ފައިނޭންސް ރެއިޒްކުރަން ބޭރު އިންސްޓްރޫމެންޓްވެސް، މިހުރިހާކަމެއްގެ ފަހަތުގައިވެސް މިތިބެނީ އެކައުންޓެންޓްސް އެހެންވީމަ ސަރުކާރަށްވެސް ވަރަށް މުހިއްމު ޕްރޮފެޝަނަލް ބޭފުޅުން ފަހަތުގައި ތިބެން. އެހެންވީމަ މި ހިފަހައްޓާ ބޭފުޅުންނަކީ ހަޤީގަތުގައި އެކައުންޓެންޓުން. އެހެންވީމަ އެބޭފުޅުންނަކީ ޕްރޮފިޝަނަލް އަދި އިންޓަރނޭޝަނަލް ލެވަލްގައިވެސް ހިފަހައްޓާލެވޭވަރުގެ ބަޔަކަށް ހެދުމަށް އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ" އޮޑިޓަރ ޖެނަރަލް ވިދާޅުވިއެވެ.

ރާއްޖެމިއަދު ޕްރޮގްރާމްގައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވަނީ ދުނިޔޭގެ ފެންވަރުގެ އެންމެ ބޮޑެތި ކުންފުނިތަށްކަމަށްވުމުން އެތަންތަނުގެ އެކައުންޓްތައް ދޫކޮށްލާނީ އިތުބާރުހިފޭ ވަރުގެ ބަޔަކަށްކަމަށެވެ. އަދި އެއިންސްޓިޓިއުޓް ބައްޓަންކުރަމުން ގެންދަނީ ދުނިޔޭގެ ފެންވަރުންގެ އެކައުންޓެންޓުންނާއި އޮޑިޓަރުން ރާއްޖެއިން ލިބޭނެކަމުގެ ޔަޤީންކަމަށް ދިނުމަށްކަމަށާއި، އެކަން އެގޮތައް ނުކުރާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފަތުޙުﷲ ޖަމީލް ވިދާޅުވިއެވެ.

އަދި ރެގިއުލޭޓްކުރާ ފަރާތެއްގެ ހައިސިއްޔަތުން ބަލާލާއިރު، މިވީ 30 ވަރަކަށް އަހަރުގެ ތެރޭގައި ގަބޫލުކުރެވޭވަރަށް ދިވެހިންނަށް އެ ފުރުޞަތުތައް ފަހިވެފައެއްނެތްކަމަށާއި،. އެހެންކަމުން ސެލްފް ރެގިއުލޭޓެޑް ޕްރޮފެޝަންއަކަށްދާއިރު ކޮންމެވެސްވަރެއްގެ އިތުރު ރެގިއުލޭޝަންތަކެއް ގެންނަން އެބަޖެހޭކަމަށާއި ދިވެހިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދޭން މަސައްކަތްކުރާކަމުގައި ފަތުހުﷲ ވިދާޅުވިއެވެ.

"ރާއްޖޭގައި ޕްރެކްޓިސް ކުރާ ފަރާތްތަކަކީ މުސްތަޤުބަލުގައި ދިވެއްސަކަށްވާން އެބަޖެހޭ، މި އޮޑިޓް ރިޕޯޓްތަކުގައި ސޮއިކުރެވޭ ފަރާތަކީ. އޭގެ ވަަށްމުހިއްމު އެއް ކަމަކީ އޮޑިޓް ރިޕޯޓުގައި ސޮއިކުރާ ފަރާތަކަކީ ޖަވާބުދާރީ ކުރެވޭ ފަރާތަކަށް ވާންޖެހޭ. ދިވެހި ރައްޔިތަކަށްވާނަ އަޅުގަނޑުމެނަށް ފަހިވެގެން އެބަދޭ. ބޭރުމީހެއްނަމަ މިހާރު އޮޑިޓް ރިޕޯޓުގައި ސޮއިކުރައްވާ ފަރާތް މީހެ އެއް އަހަރު ފަހުން ނުހުރެދާނެ. އެހެންވީމަ ދިވެހިންނަށް ފަހި ފުރުސަތުތަކެއް ހުންނަނީ" ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލު ވިދާޅުވިއެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން މެންބަރުން ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު އެ އިންސްޓިޓިއުޓްގެ ފުރަތަމަ 4 އަހަރު ދުވަހުގެ ތެރޭގައި ހާސިލްކުރާނެ ލަނޑުދަނޑިތައް ހިމެނޭ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރެގައި އެޕްލޭމް އާންމުކުރާނެކަމަށެވެ.

އެކައުންޓިންއާއި އޮޑިޓިންގް ދާއިރާ ރެގިއުލޭޓް ކުރުމާ ގުޅެގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރާއި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސްގެ ރައީސްވަނީ މަޝްވަރާކުރައްވާފައެވެ.