ޚަބަރު

15 އަހަރަށްފަހު އަލީ އަޝްފާގު ވެލެންސިއާއަށް ކުޅުނު ފުރަތަމަ މެޗުން މޮޅެއް


ފަނަރަ އަހަރަށްފަހު އަލީ އަޝްފާޤު ވެލެންސިއާއަށް ކުޅުނު ފުރަތަމަ މެޗު މޮޅުކޮށްދީ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ކެޕްޓަން ޢަލީ އަޝްފާގުގެ ހަމައެކަނި ލަނޑާއި އެކު ވެލެންސިއާ ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރި ހޯދީ މިރޭ ކުޅުނު ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އެޓީމް ނުކުތް ފުރަތަމަ މެޗުގައެވެ.

ވެލެންސިއާ ލީގުގައި ވާދަކުރަނީ މިދިޔަ އަހަރު 2ވަނަ ޑިވިޝަންގެ ޗެންޕިއަން ޓީމްގެ ގޮތުގައެވެ. އެ ޓީމު މި ފަހަރުގެ މުބާރާތަށް ނުކުމެފައިވަނީ ތަޖްރިބާކާރު ގިނަ ކުޅުންތެރިންގެ ސްކޮޑަކާއިއެކުއެވެ. އޭގެ ތެރޭގައި ޤައުމީ ޓީމްގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީއާއި ޢަލީ ފާސިރު ފާހަގަކޮށްލެވެއެވެ.

މިރޭގެ މެޗްގެ ފުރަތަމަ ލަނޑުޖަހައި ލީޑް ނެގީ ކުލަބް ވެލެންސިއާ އެވެ.. އޭރިޔާގެ ތެރެއަށް ވަންނަމުން ގްރީންގެ ބިދޭސީ ކުޅުންތެރިޔާ ހަލީލްގެ ކައިރިން ކައްޓުވާލުމަފަހު ވެލެންސިޔާގެ ކެޕްޓަން ބޭންޑް އަަޅައިގެން ނުކުތް ޢަލީ އަޝްފާގް ފޮނުވާލި ބާރު ޙަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ.

މިއީ އަޝްފާޤުގެ ފުޓްބޯޅަ ކެރިއަރ ފެށި ކުލަބް ވެލެންސިޔާއަށް ފަނަރަ އަހަރަށްފަހު އަލުން ބަދަލުވެ، އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަޝްފާޤުގެ ފުޓްބޯޅަ ކެރިއަރު ފަށާފައިވަނީ ޢުމުރުން އެންމެ 16 އަހަރުގައި 2001ވަނަ އަހަރުގެ ޕޮމިސްކަޕް ފުޓްބޯޅަ މުބާރާތުންނެވެ.

މިރޭގެ މެޗަށް ބަލާލާއިރު، ދެ ޓީމްގެ ފަރާތުންވެސް އަވަސް ކުޅުމެއް ފެނިގެންދިޔައެވެ. މެޗްގެ 35ވަނަ މިނެޓުގައި އޭރިޔާގެ ބޭރުގައި ހުރެފައި ގްރީންގެ ޔާމީން ޢަބްދުﷲ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީ ދަނޑިން ބޭރަށެވެ.

ފުރަތަމަ ހާފްގައި ލީޑް އިތުރަށް ފުޅާކުރުމަށް ކެޕްޓަން އަޝްފާޤަށް ދެތިން ފުރުސަތެއް ލިބުނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ގްރީންއަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން އެޓީމަށްވަނީ ހިފޭގޮތްނުވެފައެވެ. މެޗުގެ 42ވަނަ މިނެޓްގައި ގްރީންގެ ކެޕްޓަން މުޙައްމަދު މުސްލިހު އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.

މެޗްގެ 2ވަނަ ހާފް ފެށިގެން 2 މިނެޓްގެ ތެރޭގައި ވެލެންސިޔާގެ ފާސިރަށް ލީޑް ފުޅާކުރުމަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ފާސިރު ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީ ދަނޑީގެ ބޭރަށެވެ.

ދެ ޓީމުންވެސް ގޯލް ޖަހަން ގިނަ މަސައްކަތްތަކެއް ކުރިއެވެ. މެޗްގެ 57ވަނަ މިނެޓްގައި ޖައިލަމް މުޙައްމަދު އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުންޖަހަން މުޙައްމަދު މުސްލިހު މަސައްކަތް ކުރިއެވެ. ނަމަވެސް މުސްލިހުގެ ބޮލުގައި ނުޖެހި ބޯޅަ ދިޔައީ ބޭރަށެވެ. ޔާމީންގެ ބަދަލުގައި ދެވަނަ ހާފްގައި ގްރީންއިން ކުޅެން ނުކުތް ނަޒީމް ހަސަން އެރުމާއެކު ގްރީންގެ ހަމަލާތަަށް ނުރައްކާވާން ފެށިއެވެ. އެގޮތުން މެޗްގެ 67ވަނަ މިނެޓްގައި ކުޑަ އޭރިޔާގެ ބޭރުގައި ހުރެފައި ނަޒީމް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތި ދަނޑިކަރިން ބޭރަށެވެ. 

ގްރީންގެ އަޒީމަށް ފުރުސަރު ލިބުނުތާ މިނެޓެއް ފަހުން ވެލެންސިޔާގެ ކެޕްޓަން އަޝްފާގަށާއި ފާސިރަށްވެސް ލީޑް އިތުރަށް ފުޅާކުރުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ގްރީންގެ އޭރިޔާގެ ތެރޭގައި ދެ ކުޅުންތެރިން ޕާސް ކުރަން އުޅުމުގެ ތެރޭގައި ގްރީންގެ ޑިފެންޑަރު ސާއިފް ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ.

މެޗްގެ 73ވަނަ މިނެޓްގައި އަޝްފާގް ގްރީންގެ ސާއިފް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިޔާގެ ތެރެއިން ވަދެގެންދަނިކޮށް ގްރީންގެ ބިދޭސީ ޑިފެންޑަރު މަހުމޫދާއި ދެކުޅުންތެރިން ޖެހި ދެމީހުންވެސްވަނީ ވެއްޓިފައެވެ. މިއާއެކު އަޝްފާޤްވަނީ ޕެނަލްޓީއަކަށް އެޕީލްކޮށްފައެވެ. އެހެންނަމަވެސް ރެފްރީ ފަޒީލް ވަނީ ޕެނަލްޓީއެއް ނޫންކަމަށް ނިންމައި ކުޅުން ކުރިއަށްގެންދިއުމަށް ނިންމާފައެވެ.

ގްރީންގެ ކީޕަރު ލަބާންވަނީ ކުލަބް ވެލެންސިޔާގެ ގިނަ ހަމަލާތަކެއް ދިފާޢުކޮށްފައެވެ. މެޗްގެ ފަހު ކޮޅުގައި ގްރީންއިން ބޯޅަ ގެންގުޅެ ގިނަ ހަމަލާތަށް އުފައްދަން މަސައްކަތް ކުރިއެވެ. ނަމަވެސް ގްރީންއަށްވެސް ވެލެންސިޔާގެ ގޯލާ އަމާޒްކޮށް ގިނަ ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ. މެޗްގައި އިތުރު ވަގުތުގެ ތެރޭގައި ލީޑް އިތުރަށް ފުޅާކުރުމަށް ކުލަބް ވެލެންސިޔާގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަޙްމަދު ރިޟުވާނަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ގޯލްގެ އަރިމަތީގައި ހުސްކޮށް ހުރެފައި ރިޟުވާން ފޮނުވާލި ބޯޅަ ގްރީންގެ ކީޕަރު ލަބާންވަނީ ދިފާޢުކޮށްފައެވެ.

އެއް އަހަރު ދުވަހުގެ މެދުކެޑުމަކަށްފަހު ކުލަބް ވެލެންސިޔާ ފުރަތަމަ ޑިވިޝަންގައި ކުޅުނު ފުރަތަމަ މެޗް ނިމިފައިވަނީ 1-0އިން ވެލެންސިޔާ ކުރީގައި އޮވެގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ކުލަބް ވެލެންސިޔާގެ ކެޕްޓަން ޢަލީ އަޝްފާޤެވެ.