ޚަބަރު

ކޯވިޑް-19 : ކެލައިން މީހަކު ޕޮޒިޓިވްވެއްޖެ


ހއ.ކެލައިން ކޯވިޑް-19އަށް މީހަކު ޕޮޒިިވް ވެއްޖެއެވެ.

ކެލާ ކައުންސިލުން ވިދާޅުވީ އެރަށުން ޕޮޒިޓިވް ވެފައިވަނީހޯމް ކަރަންޓީނުގައި ހުރި މީހެއްކަމަށެވެ. އެމީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި 7 މީހަކު ކޯވިޑް-19އަށް ޓެސްޓް ކުރުމަށް ނެގި ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވް ވުމުންނެވެ.

މީގެކުރިން މިދޔަ ސެޕްޓެމްބަރ މަހު އެކަކު އަދި އޮކްޓޯބަރު އެކަކު އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ. މިދެމީހުންވެސް ޕޮޒިޓިވްވީކަން އެނގުނީ ހޯމް ކަރަންޓީނުގައި ތިއްބައެވެ. އެދެމީހުންވެސް ވަނީ މިހާރު ބަލިން ރަނގަޅު ވެފައެވެ.

މީގެއިތުރުން އިންޑިއާއަށް ބޭސްފަރުވާއަށް ދިއުމަށް އެނބުރިއައިސް ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޙާލުބޮޑުވެގެން އިތުރު ފަރުވާއަށް ކުޅުދުއްފުށީ ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައިވަނިކޮށް މިދިޔަ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ވަނީ ނިޔާވެފައެވެ. އެއީ ކެންސަރަށް ފަރުވާ ހޯދަމުންދިޔަ ކެލާ މީހެކެވެ. ނިޔާވީފަހުން އޭނާގެ ސާމްޕަލް ނަގައި ޓެސްޓްކުރުމުން ވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ.