ޚަބަރު

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޚިދުމަތް ފަށައިފި


މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޚިދުމަތްތައް ރަސްމީކޮށް ފޯރުކޮށްދޭން ފަށައިފިއެވެ.

2013 އަހަރު ފާސްކޮށްފައިވާ އާބިޓްރޭޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ސެންޓަރުގެ ޚިދުމަތްދޭން ފަށާފައިވާއިރު، އެސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް، މައްސަލަ ހުށަހަޅަން ބޭނުންވާ މީހުންނަށް މިހާރު މައްސަލަ ހުށަހެޅޭނެއެވެ. އަދި ވަރޗުއަލް ޚިދުމަތްތަކާއެކު އާބިޓްރަލް ޕްރޮސީޑިންގ ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެކަމަށްވެސް މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރު ވިދާޅުވެއެވެ.

އެސެންޓަރުގެ ފަރާތުން ވަރޗުއަލް ޚިދުމަތްތައް ތަޢާރަފުކުރުމާއިއެކު، ޚިދުމަތްތައް ވީހާވެސް ގިނަ ބަޔަކަށް ލިބުމަށް މަގު ފަހިވެގެންދާނެކަމަށާއި، އެސެންޓަރަށް މައްސަލައެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެސެންޓަރުގެ ވެބްސައިޓުން މައްސަލަ ހުށައެޅޭނެކަމަށް އެ ސެންޓަރުން ބުނެއެވެ.

އާބިޓްރޭޝަން ސެންޓަރުގެ މަސައްކަތް އަމަލީ ގޮތުން 2019 ވަނަ އަހަރުގެ އެޕްރީލްމަހު ފެށުމާއިއެކު ކޮށްފައިވާ ކަންކަމުގެ ތެރޭގައި، ކަމުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފްތަރެއް އެކުލަވާލުމާއި ކޭސް މެނޭޖްމަންޓް ޕޯޓަލްއެއް ޤާއިމްކުރުމާއި، އާބިޓްރޭޝަންގެ ޤަވާއިދުތައް ޝާއިއުކުރުން ހިމެނެއެވެ. އާބިޓްރޭޝަން ސެންޓަރުން ޚިދުމަތް ލިބިގަންނަ މީހުންނަށް އިތުބާރު ލިބޭނެ ގޮތަށް، ހަރުދަނާ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށް ދެވޭނެކަމުގެ ޔަޤީންކަން އެސެންޓަރުން ވަނީ ދެއްވާފައެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޒިންމާތަކުގެ ތެރޭގައި އާބިޓްރޭޝަނުގެ މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖެ ކުރިއެރުވުމާއި، އާބިޓްރޭޝަން ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިދިނުމާއި، އެކަމަށް މަގުފަހިކުރުމުގެ އިތުރުން މައްސަލަ ޙައްލުކުރުމުގައި އާބިޓްރޭޝަނުގެ ވަސީލަތް އިޚްތިޔާރުކުރުމަށް ހިތްވަރުދިނުން ހިމެނެއެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރު އެކުލެވިގެންވަނީ 3 މެންބަރުންގެ މައްޗަށް އެކުލެވޭ ޑިރެކްޓަރުންގެ ބޯޑާކާއެކުއެވެ.