ޚަބަރު

ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކަށް ބޮޑު ތަރުހީބެއް ލިބޭ: އޭއީއެޗް


އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާއްމުންނަށް ޙިދުމަތް ދޭން ފަށާފައިވަނީ މި އަހަރުގެ ކުރީކޮޅުގައެވެ. ފުރަތަމަ މަދު ޙިދުމަތްތަކާއި އެކު ފެށި ނަމަވެސް، މަޑުމަޑުން ޙިދުމަތްތައް ތަރައްޤީކުރަމުން ގޮސް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އެއްކޮށް ހުއްޓާލައި، އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޙިދުމަތް ފުރިހަމައަށް މިހާރު ވަނީ ފެށިފައެވެ. އެއާއިއެކު އެ ސަރަހައްދުގެ ސިއްޙީ ނިޒާމަށް ބޮޑެތި ބަދަލުތައް އަންނަން ފެށިއެވެ. އެގޮތުން ދާދި ފަހުން މި ހޮސްޕިޓަލުން ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ މިދިޔަ ނޮވެމްބަރު މަހު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަންތައް ކުރެވެން ފެށުމެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ރަސްމީކޮށް ފަށާފައިވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އޭގެ ކުރިން އައިޖީއެމް ހޮސްޕިޓަލުގެ އެހީގައި ކުރަމުން ދިޔަ މިފަދަ އޮޕަރޭޝަންތައް މިހާރު އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއެކު ކުރެވެއެވެ. މިއީ މާލެ ސަރަހައްދުން ބޭރުގައި ހޮސްޕިޓަލަކުން ހޯދި ބޮޑު ކާމިޔާބީއެކެވެ.

އޭއީއެޗްގައި ކަށީގެ ޑިޕާޓްމެންޓުގައި މަސައްކަތް ކުރައްވާ ކަށީގެ ހާއްސަ ޑޮކްޓަރ، ޑރ. މުހައްމަދު މުންޝިދު، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އޮޕަރޭޝަންތަކަށް ވަރަށް ބޮޑު ތަރުހީބެއް އެބައޮތް ކަމަށެވެ. އަދި މިހާރުވެސް އޮޕަރޭޝަނަށް ގިނަ މީހުން ވެއިޓް ލިސްޓް ކުރެވިފައި ތިބިކަމަށް އޭނާ ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް މިކަމުން އެނގިގެން ދަނީ ވަސީލަތްތައް ޤާއިމު ކުރެވިއްޖެ ނަމަ ޙިދުމަތް ރައްޔިތުންނަށް ދެވޭނެކަން. އަދި ހަމަ އެގޮތަށް އެ ޙިދުމަތް ރައްޔިތުން ބަލައި ގަންނަ ކަން މިލިބޭ ތަރުހީބުން އެބަ އެނގޭ. އަޅުގަނޑުމެން މި ޙިދުމަތް ފެއްޓުމާއި އެކު މި އެނގިގެން ދިޔައީ ރަށުގައި ތިބެގެން މިޙިދުމަތް ލިބި، އަދި ހަމަ ރަށުގައި ތިބެގެން، ނުވަތަ ކައިރީ ރަށުގައި ތިބެގެން ރީހެބިލިޓޭޝަން ބައިވެސް ކުރިއަށް ގެންދެވޭނެ ކަމަށް" ޑރ. މުންޝިދު ވިދާޅުވިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އެންމެ ފުރަތަމަ އަމިއްލައަށް ފެށީ، ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނެވެ. މިހާތަނަށް އޭގެ 9 އޮޕަރޭޝަން ކޮށްފައިވާއިރު، އުކުޅުވަޅު ހުޅު އެއްކޮށް ބަދަލު ކުރުމު އޮޕަރޭޝަންވެސް މި މަހުގެ 6 ވަނަ ދުވަހު ވަނީ ފަށާފައެވެ. މީގެ ކުރީންވެސް އުކުޅުވަޅު އޮޕަރޭޝަންތައް ކުރެވިފައި ހުރި ނަމަވެސް، މިފަހަރު ކުރެވިގެން ދިޔަ މުޅި ހުޅު އެއްކޮށް ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކަމަށާއި، މިއީ މާލެ ސަރަހައްދުން ބޭރުގައި މި ޙިދުމަތް ދޭން ފެށި ފުރަތަމަ ފަހަރު ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.

ހޮސްޕިޓަލުގައި މިވަގުތު މި އޮޕަަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ފެށި ނަމަވެސް، މިވަގުތަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އިންސާނީ ވަސީލަތް މަދުވުމެވެ. އެގޮތުން ޑރ. މުންޝިދު ވިދާޅުވީ، މިހާރު ރޭވިފައި އޮތް ގޮތުން ކަށީގެ ޑިޕާޓްމެންޓުގައި ތިބެނީ 3 ޑޮކްޓަރުން ކަމަށާއި، އޮޕަރޭޝަންތަށް ކުރަނީ ހަފްތާއަކު 2 ދުވަހު ކަމަށެވެ. އަދި ބާކީ 4 ދުވަހު ޑޮކްޓަރުން އޯޕީޑީގައި މަސައްކަތް ކުރައްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިގޮތަށް އޮތް ނަމަވެސް، ހޮސްޕިޓަލަށް މިހާރު ދުވާލެއްގެ މައްޗަށް ދާ މީހުން ނިސްބަތުން ގިނަވުމާއެކު އޯޕީޑީ ބާރު ބޮޑުވެ، ކިއު ދިގުލައިގެންދާ ޝަކުވާ ހޮސްޕިޓަލަށްދާ ބައެއް ފަރާތްތަކުން ކުރެއެވެ. މިފަދަ މައްސަލަތައް އެންމެ އެކަށީގެންވާ ހައްލެއް ލިބޭނީ ހޮސްޕިޓަލު ވަސީލަތްތައް އިތުރަށް ފުރިހަމަ ކުރެވި، އިތުރު ޑޮކްޓަރުންވެސް ލިބިގެންކަން އޭއީއެޗްއިން ފާހަގަކުރެއެވެ.

އޭއީއެޗް އިން ވިދާޅުވީ، މިހާރު އެހޮސްޕިޓަލުން ތައްޔާރު ވަމުންދަނީ ކީ-ހޯލް ސާޖަރީ ނުވަތަ ކެމެރާ ލައްވައިގެން ކުރާ އޮޕަރޭޝަން ކުރުމަށެވެ. އަދި އެކަމަށް ބޭނުންވާ ސާމާނު އިންސްޓޯލްކުރުމުގެ މަސައްކަތް ނިންމައި، އޮޕަރޭޝަންތައް ފަށަން ތައްޔާރު ވަމުން އަންނަ ކަމަށާއި، އަންނަ އަހަރު އެފަދަ އޮޕަރޭޝަންތައް ވެސް ފެށޭނެކަމަށް އުއްމީދުކުރާކަމަށް އޭއީއެޗްއިން ބުނެއެވެ.