މާލެ ސަރަޙައްދުގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަދޭން ނިންމީ ގްރޭޓަރ މާލެ ޞަރައްދުން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އިންސައްތަ ވޭތުވެދިޔަ 4 ހަފަތްތާގައިވެސް %5އަށްވުރެ ދަށަށްދިއުމުންކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ)އިން ހާމަކުރައްވައޮފޮއެވެ.
މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާލުމުގެ ޙުއްދަދޭން ނިންމާއި އެކަމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ގައިޑްލައިނެއް ޢާންމުކުރައްވާފައެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވރިންގެ ބައްދަލުވުމުގައި އެގައިޑް ލައިންގައި ވާ ކަންކަމާގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި ޓެގް ޓީމްގެ ޑޮކްޓަރ ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ، މީގެ ކުރީގެ ދުވަސްތަކާއި އަޅާބަލާއިރު ކޯވިޑް-19ގެ ޕޮޒިޓިވް ޢަދަދުތައް މާލެ ސަރަހައްދުގައި ދަށަށްގޮސްފައިވާކަމަށެވެ. އެގޮތުން މިދިޔަ ސެޕްޓޭމްބަރު މަހުގެ މެދެއްހައި ތަނުންފެށިގެން މާލެ ސަރަހައްދުގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށް ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވާ ނިސްބަތް %5އަށްވުރެ ދަށުގައި ދެމެހެއްޓިފައިވާކަމަށެވެ.
"އެވްރެޖް ގޮތެއްގައި ސާމްޕަލް ޕޮޒިޓިވްވިޓީ ރޭޓް މި އުޅޭނީ %1އާއި %3އާ ދެމެދުގެ ޢަދަދެއްގައި. އެހެންކަމުން އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުގެ މަޝްވަރާތަކަށްފަހު މިހާރު ކަނޑައެޅިފައި މިއޮތީ މާލެ ސަރަޙައްދުގައި ގެސްޓްހައުސްތަކާއި ހޮޓެލްތައް ހުޅުވަން ރައްކާތެރިކަމަށް." ޑރ. އަޙްމަދު ޝަހީދު ވިދާޅުވިއެވެ.
ޑރ.ޝަހީދު ވިދާޅުވީ ފަތުރުވެރިކަމުގެ ވިޔަފާރިތައް ހިންގާ ތަންތަނަށް ހުޅުވާލާފައިވަނީ އެކިއެކި މަރުހަލާތަކަކަށް ބަހާލައިގެން ޚާއްސަ އުސޫލުތަކަށް ޢަމަލުކުރަން ޝަރުތުކޮށްގެންކަމަށެވެ. މާލެ ސަރަޙައްދަށް ފަތުރުވެރިން ގެންނަންފަށާއިރު ފަތުރުވެރިން ގެންނަ ފަރާތްތަކުން ކަމާގުޅޭ ގައިޑްލައިންތަކުގައިވާ ކަންކަމަށް ފަތުރުވެރިން ހޭލުންތެރިކަންކުރުން މުހިއްމުކަމަށާ، ބަލި ފެތުރޭ މިންވަރު މަދުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެންކަމުގައި އޭނާ ވިދާޅުވިއެވެ.
ޚާއްސަކޮށް މިހާރު ކޭސްތައް މަދުވެފައިވާ މިންވަރުގައި ޢަދަދުތައް ބެހެއްޓުމަށް ފަތުރުވެރިން އަންނަން ފެށުމުންވެސް އާންމު ފަރާތްތަކުން ބަލިން ރައްކާތެރިވުމަށް އާންމުން އެއްވެ އުޅޭތަންތަނުގައި އުޅޭއިރު ސަމާލުވުމަށާއި ޚާއްސަކޮށް މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމަށްވުމުން ހުޅުމާލެއާއި ވިލިމާލެފަދަ ތަންތަނަށްދާ ދިވެހިންގެ ޢަދަދު އިތުރުވެފައިވުމާއެކު އެތަންތަނަށްގޮސް އުޅޭއިރު މާސްކު އެޅުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ޑރ.ޝަހީދުވަނީ އިލްތިމާސްކުރައްވާފައެވެ.
"ރިސްކް މިއޮންނަނީ ހަމައެކަނި ފަތުރުވެރިން އަމުން އެމީހުންގެ ފަރާތުން އެކަންޏެއްނޫން. އަޅުގަނޑުމެންވެސް ޢަމަލުތައް ބަހައްޓާގޮތުން އަސްލުގައި އެއަށް ރިސްކްތައް މިދިމާވަނީ. އެހެންވީމަ މާސްކު އެޅުން ގައިދުރުކަން މެއިންޓެއިންކުރުން އަސްލުގައި ވަރަށް މުހިންމު. މިކަންތައްތަކަށް ސަމާލުނުވެވިއްޖެނަމަ އައުޓް ބްރޭކްސް އައުމުގެ ފުރުސަތު ބޮޑު، ޚާއްސަކޮށް ގިނަ ޢަދަދަކަށް އެއްވެއުޅުން ރަނގަޅެއްނޫން" ޑރ. ޝަހީދު ވިދާޅުވިއެވެ.
ކޯވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު މާދަމާ އަލުން ހުޅުވާލާއިރު މީގެ 2މަހެއްހައި ދުވަސްކުރިން ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވާލައި ޚިދުމަތްދޭންވަނީ ފަށާފައެވެ. މިކަމުގައި ރަށްރަށުން ޚާއްސަކޮށް ގެސްޓްހައުތަކާއި ފަަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތަކުން ގައިޑްލައިންތަކަށް ދިން ސަމާލުކަމުގެ ސަބަބުން ސީދާ ފަތުރުވެރިންގެ ފަރާތުން ރަށްރަށުގައި ބަލި ފެތުރިފައި ނުވާކަން އެޗްއީއޯސީންވަނީ ވިދާޅުވެފައެވެ.