ޚަބަރު

ޔޫވީގެ މައްޗަށް ކުރި ހޯދައި މާޒިޔާ ފެށުން ރަނގަޅުކޮށްފި


ޔުނައިޓަޑް ވިކްޓްރީގެ މައްޗަށް ކުރި ހޯދައި މާޒިޔާން ލީގުގެ ފެށުން ރަގަނޅުކޮށްފިއެވެ.
އެންމެ ފަހުގެ ލީގް ޗެންޕިއަން މާޒިޔާ މިމެޗާއި ކުރިމަތިލާފައިވަނީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޓް މެޗުގައި ކުލަބް އީގަލްސް އަތުން 3 ލަނޑު 2 ލަނޑުން ބަލިވުމަށްފަހުއެވެ.

މިއަހަރުގެ ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާއިންވަނީ ޔުނައިޓަޑް ވިކްޓްރީ އާއި ވާދަކޮށް 4 ލަނޑު 0 ލަނޑުން މެޗުކާމިޔާބުކޮށްފައެވެ. މެޗުގެ 3ވަނަ މިނެޓުގައި މާޒިޔާއަށް ލިބުނު ކޯނަރުން ސަމޫހު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތީ ދަނޑިން ބޭރަށެވެ. މެޗުގެ 6ވަނަ މިނެޓުގައި މާޒިޔާގެ ހަސަން ނާއިޒް އޭރިޔާގެ ބޭރުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާ ދިފާޢުކޮށްފައިވަނީ ޔޫވީގެ ގޯލް ކީޕަރު އުސަލާން އަމިރޯވްއެވެ.

މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ދިޔައީ ފުލުފުލުގައި ޔޫވީގެ ގޯލްއަށް ނުރައްކާކުރަމުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓަޑް ވިކްޓްރީގެ ކީޕަރަށް ވަރަށް ބާރު ބޯޑު ވެގެންދިޔަކަން ފާހަގަކޮށްލެވެއެވެ. މާޒިޔާއިން އުފައްދަމުންދިޔަ ގިނަ ހަމަލާތައް ދިފާޢުކޮށްފައިވަނީ ޔޫވީގެ ބިދޭސީ ޑިފެންޓަރ މަރަކް އަދި ކީޕަރު އަމިރޯވްއެވެ. މެޗްގެ 13ވަނަ މިނެޓްގައި އޭރިޔާގެ ބޭރުން މުހައްމަދު އުމެއިރު ވަންނަން މަސައްކަތް ކުރި ބޯޅައަށް ހުރަސްއަޅައި އުމެއިރުއަށް ޔޫވީގެ ފަރުހާދު ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭޖެހުމުގެވެސް ބޭނުން މާޒިޔާއަށް ހިފޭގޮތެއް ނުވިއެވެ. އަދި އެޓީމަށް ލިބިގެންދިޔަ ކޯނަރުތަކުގެވެސް ބޭނުން މެޗުގެ ކުރީކޮޅުގައި ހިފޭގޮތްވަނީ ނުވެފައެވެ. މިހާފުގައި ޔޫވީއަށް ލިބިފައިވާ މަދު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތްނުވިއިރުގައި، ގިނަ ފުރުސަތުތައް މާޒިޔާގެ ކިޕަރުވަނީ ދިފާޢުކޮށްފައެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅުގައި މާޒިޔާއަށް ގޯލް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބުނީ ނާއިޒް ހަސަން (ދާދު)އަށެވެ. އޭރިޔާގެ ބޭރުގައި ހުރެފައި ހުސްކޮށްލާފައި މުހައްމަދު އުމެއިރު، ނާއިޒަށް ދިން ބޯޅަ އޭރިޔާގެ ތެރޭގައި ހުރެފައި ފޮނުވާލުމުން ދިޔައީ ގޯލްގެ އަރީމަތި ދަނޑި ކައިރިން ބޭރަށެވެ.

މެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ މާޒިޔާއިންނެވެ. މިލަނޑު އެޓީމްއަށް މެޗްގެ 34ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ތަޖްރިބާކާރު ކުޅުންތެރިޔާ މުހައްމަދު އުމެއިރުއެވެ. އުމެއިރު ލަނޑުޖެހިތާ މިނެޓްއެއްފަހު އިބްރާހީމް މަހުދީއަށް ލީޑް އިތުރަށް ފުޅާ ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އޭރިޔާގެ ބޭރުގައި ހުރެފައި މަހުދީ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީ ދަނޑިން ބޭރަށެވެ. މެޗްގައި މާޒިޔާއަށް ލީޑް އިތުރަށް ފުޅާކޮށްދިނީ އަމްދާމް އަލީއެވެ. މެޗްގެ 40ވަނަ މިނެޓްގައި ކޯނަރަކުން އަމްދާން ޖެހި މިލަނޑު އަމާޒްވީ ގޯލްގެ މަތީ ދާގަޑަށެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުވީއަށްވެސް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޔޫވީގެ ބިދޭސީ ކުޅުންތެރިޔާ ޓޯނީ މާޒިޔާގެ ގޯލް އޭރިޔާގެ ތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ ދިޔައީ މާޒިޔާގެ ގޯލް ކީޕަރާއި ދިމާލަށެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ މާޒިޔާއިން 2 ލަނޑުގެ ތަފާތުން ކުރީގައި އޮވެގެންނެވެ. މެޗްގެ 2ވަނަ ހާފްގައިވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތަށްވެސް އުފައްދާފައިވަނީ މާޒިޔާއިންކަން ފާހަގަކޮށްލެވެއެވެ. 2ވަނަ ހާފްގެ ކުރީކޮޅުގައި މާޒިޔާގެ ލީޑް އިތުރަށް ފުޅާކުރުމަށް ކެޕްޓަން އަސަދުﷲ އަބްދުﷲއަށްވެސް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހުސްކޮށްހުރެފައި އޭރިޔާގެ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މެޗްގެ 65ވަނަ މިނެޓްގައި ޔޫވީގެ ކެޕްޓަން މުހައްމަދު އާރިފް (ބަކާ) އޭރިޔާގެ ތެރެއިން މުހައްމަދު އުމެއިރުއަށް ކުރި ފައުލްއަކާއި ގުޅިގެން ރެފްރީވަނީ މާޒިޔާއަށް ޕެނަލްޓީއެއް ދީފައެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ މިޕެނަލްޓީ ކާމިޔާބުކޮށްދީ މާޒިޔާގެ ލީޑް އިތުރަށް ފުޅާކޮށްދިނެވެ.

މެޗްގެ ފުރަތަމަ ހާފްއާއި ހިލާފަށް މެޗްގެ 2ވަނަ ހާފްގައި ޔުނައިޓަޑް ވިކްޓްރީއިން ބޯޅަ ކޮންޓްރޯލްކޮށް، މާޒިޔާގެ ގޯލްއަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުންދިޔައެވެ. މާޒިޔާގެ 4ވަނަ ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަސަދުﷲއެވެ. ފަހަތަށް އައި ބޯޅައެއް ދިފާއު ކުރުމަށް ޔޫވީގެ ކީޕަރު ފޮނުވާލި ބޯޅަ އެޓީމްގެ ބިދޭސީ ޑިފެންޓަރުގެ ފައިގައި ޖެހިފައި އަނެއްކާވެސް ލިބުނީ އަސަދުﷲއަށެވެ. ހުސްކޮށް ހުރެފައި އަސަދުﷲ ފޮނުވާލި ބޯޅަ ގޮސްވަނީ ހުސްކޮށް އޮތް ޔޫވީގެ ގޯލްގެ އަރިމަތީ ކަނަށެވެ. ފުރަތަމަ ހާފްއެކޭ އެއްގޮތަށް މިހާފްގައިވެސް މާޒިޔާގެ ކުރިއަށް ކުޅެމުންދިޔަ ކުޅުންތެރިންނަށް ލީޑް އިތުރަށް ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަކަން ފާހަގަކޮށްލެވުނެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲގެ ބަދަލްގައި ކުޅެންނިކުތް ކޯނޭވެސްވަނީ ޔޫވީގެ ގޯލްއަށް ނުރައްކާތެރިން ދެތިން ހަމަލާއެއް ފޮނުވާލާފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާޒިޔާގެ ޑިފެންޓަރު ސަމޫހު އަލީއެވެ.