ކޯވިޑް-19ގެ 600 މިލިއަން ޑޯޒްގެ ވެކްސިން ޖެހޭނެ ފެންވަރަށް އިންޑިއާ ތައްޔާރުވެފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.
އިންޑިއާ ސަރުކާރުން މިހާރު ވަނީ ކޯވިޑްގެ ވެކްސިން ލިބުމުން ވެކްސިން ޖެހުމަށް އެންމެ އިސްކަންދޭނެ މީހުން ނުވަތަ ޕްރިއޯރިޓީ ލިސްޓެއްވެސް އެކުލަވާލާފައެވެ. އެގޮތުން 2 ފަހަރެއްގެ މަތިން 300 މިލިއަން މީހުންނަށް ވެކްސިން ޖެހުމަށް ޕްލޭންކޮށްފައިވާއިރު، މީގެ ތެރޭގައި އެންމެ އިސްކަމެއް ދޭނީ 50 އަހަރުން މަތީގެ އުމުރުން ދުވަސްވީ މީހުންނަށެވެ. އެގޮތުން މި އުމުރުފުރާގެ 260 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާއިރު، 50 އަހަރުން ދަށުގެ 10 މިލިއަން މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ 30 މިލިއަން މީހުންނަށް ވެކްސިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީއާއި ހަވާލާދީ މަޝްހޫރު ނޫސް އޭޖެންސީ ޗެނަލް ނިއުސް އޭޝިއާއިން ވަނީ ކޯވިޑްގެ ވެކްސިން ބަހާނެގޮތުގެ ތަފްސީލް ހާމަކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ބޭނުންވާނެކަމަށް ބެލެވޭ ކޯވިޑް-19ގެ 600 މިލިއަން ޑޯޒްގެ ވެކްސިން ޖެހޭނެ ފެންވަރަށް އިންޑިއާ ތައްޔާރުވެފައިވާކަން ވަނީ ހާމަކޮށްފައެވެ.
އިންޑިއާ ސަރުކާރުން ވެކްސިން ދިނުމުގެ އިދާރީ ކަންކަން ބެލެހެއްޓުމަށްޓަކައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުގެ އިންތިޚާބުގައި ބޭނުންކުރި އިލެކްޓޯރަލް މެޝިނަރީސްތައްކަމަށް އިންޑިއާގެ ހެލްތް މިނިސްޓްރީން ހާމަކުރައްވައެވެ. މީގެ އިތުރުން އިންޑިއާއިން މިހާރު ވަނީ ވެކްސިންތައް ގުދަންކުރުމަށްޓަކައި ބޭނުންވާ ކޯލްޑް ސްޓޯރޭޖްތައް ތަރައްޤީކޮށް ނިންމާފައެވެ. އެގޮތުން މި ކޯލްޑް ސްޓޯރޭޖްތަކުގައި 8 ޑިގްރީ ސެލްސިއަސްއާއި 2 ޑިގްރީ ސެލްސިއަސްއާއި ދެމެދުގެ ފިނިމިނުގައި ވެކްސިން ގުދަންކުރެވޭނެކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އެކުލަވާލާފައިވާ ވެކްސިން އެކްސްޕާޓް ގްރޫޕްގެ ހެޑް ވީކޭ ޕައިލް ވިދާޅުވިއެވެ.
އިންޑިއާއިން މިހާރު ދަނީ އެ ޤައުމުގައި ބޭނުންކުރާނެ ވެކްސިން ހޯދުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ކާމިޔާބުވެފައިވާކަމަށް ޕައުލް ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ އިދާރާކަމުގައިވާ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އަސްޓްރާ ޒެނެކާ ކޯވިޝީލްޑް ޝޮޓްގެ މާސް ޕްރޮޑަކްޝަން ފަށާފައިވާކަމީ މި މަސައްކަތަށް ލިބުނު އިތުރު ބާރެއްކަމަށް ޕައުލް ސިފަކުރެއްވިއެވެ. މީގެ އިތުރުން އިންޑިއާގެ އިތުރު ދެ ކުންފުނިކަމުގައިވާ ބާރަތް ބައޮޓެކް އަދި ޒައިޑަސް ކަޑީލާ ކުންފުނިން ވަކި ވަކި އިތުރު ވެކްސިންތަކެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުންދާއިރު މި މަސައްކަތަކީވެސް ވަރަށް އުންމީދީ މަސައްކަތެއްކަމަށް ޕައުލް ވިދާޅުވިއެވެ. މީގެ އިތުރުން މިދިޔަމަހުގެ ތެރޭގައި އިންޑިއާގެ ފާމަސޫޓިކަލް ކުންފުނި ހެޓޭރޯއިން ރަޝިޔާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެޤައުމުގައި އުފައްދާ ވެކްސިންގެ 100 މިލިއަން ޑޯޒް ކޮންމެ އަހަރަކު ލިބޭނެގޮތަށް އެއްބަސްވުމަކަށް ވަނީ އައިސްފައެވެ.
އިންޑިއާއިން ވަނީ އެޤައުމަށް ފައިޒާ ވެކްސިން ލިބުމުގައި ދަތިތައް ހުރިކަން ފާހަގަކޮށްފައެވެ. އެގޮތުން ފައިޒާ ވެކްސިންގެ މާސް ޕްރޮޑަކްޝަން ރޭޓް ދަށްވުމާއި މި ވެކްސިން ސްޓޯރކުރުމަށް މައިނަސް 70 ޑިގްރީ ސެލްސިއަސްގެ ސްޓޯރޭޖް ޔުނިޓްތައް ޤާއިމުކުރުން ޖެހުމަކީ މި ވެކްސިން ބޭނުންކުރުމަށް ދަތިވާނެ ސަބަބުތައްކަމަށް އިންޑިއާ ސަރުކާރުން ހާމަކުރައްވައެވެ.
އިންޑިއާ ސަރުކާރުން ވަނީ ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަ 3 ވެކްސިންއަކަށް މިހާރުވެސް ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ ފައިޒާ ވެކްސިންއާއި، އަސްޓްރާ ޒެނެކާ ވެކްސިން އަދި އިންޑިއާގެ ބާރަތް ބައޮޓެކްއިން އުފައްދާ ވެކްސިންއެވެ.