ޚަބަރު

ކުޑަކުދިންގެ ހިޔާ މައްސަލާގައި 6 މީހެއްގެ މައްޗަށް ދައުވާ އުފުލައި، ވަކީލުންގެ ޓީމުގައި ޕީޖީ


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންތަކަކަށް އެކި ދުވަސްވަރުމަތިން އަނިޔާކުރި މައްސަލާގައި 6 މީހެއްގެ މައްޗަށް ދައުވާކުރަން ކޯޓަށް ހުށައަޅައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ވިލިމާލޭގައި ހުންނަ "ކުޑަކުދިންގެ ހިޔާގައި" ބަލަހައްޓަމުންދިޔަ ޢުމުރުން 2 އަހަރު ނުފުރޭ ކުދިންތަކަކަށް އެތަނުގައި މަސައްކަތްކުރި މުވައްޒަފުންތަކެއްގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުކުރުވާގޮތަށް އަދި އެކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކުރުމަށް މިމަހުގެ 9 ވަނަ ދުވަހު ކޯޓަށް ފޮނުވާފައިވާކަމަށެވެ.

މި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް ގެންނެވި މައްސަލައެކެވެ. މި މައްސަލާގައި ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް ހިމެނޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިވަޑައިގެން، ޤާނޫނުއަސާސީގެ 233 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެ މައްސަލަ ތަޙުޤީޤުކުރުމުގެ އަމުރެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ވަނީ ނެރުއްވާފައެވެ.

ދައުވާ އުފުލި މީހުންނާއި ދައުވާގެ ތަފްސީލް

1- މުޙައްމަދު ޝަރީފް، ކ.މާލެ، ވ.ސަމާހިޔާ/ ގައިގައި އަތްލުމުގެ ދަޢުވާ
2- ޙުސައިން އަޙްމަދު ކ. މާލެ، ވ.ފަންސި/ ނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަށް ހުރަސްއެޅުމުގެ ދަޢުވާ
3- ޢަލީ އަޙްސަން ކ. މާލެ، ވ.ރިއޯ/ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދެ ދައުވާ އާއި ގައިގައި އަތްލުމުގެ ތިން ދައުވާ.
4- ނަޖީޙް އަޙްމަދު ކ. މާލެ، މއ. އަކިރިފުށި ދެކުނުބައި/ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަށް ހުރަސްއެޅުމުގެ ދެ ދައުވާ އާއި ގައިގައި އަތްލުމުގެ ދެ ދައުވާ.
5- އަހްމަދު ވަނޫދު، ކ.މާލެ، ހ. ފޯސީޒަން/ ގައިގައި އަތްލުމުގެ ހަ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަށް ހުރަސްއެޅުމުގެ ދެ ދައުވާ.
6- ޙުސެއިން ހަމްދޫން، ކ.މާލެ، ވ. އާސްމާން މަންޒިލް/ ބިރުދެއްކުމާއި ގައިގައި އަތްލުމުގެ ދައުވާ.

ޕީޖީ އޮފީހުން ވިދާޅުވީ، މި މައްސަލާގައި މިހާތަނަށް ދަޢުވާ އުފުލާފައިވާ މީހުންނާއި، މި މައްސަލާގައި ޝާމިލުވާ އިތުރު މީހުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އިތުރު ޖިނާއީ ކުށުގެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ތަޙުޤީޤީ އިދާރާތަކުން ކުރައްވަމުން އަންނަކަމަށެވެ. އަދި އެމައްސަލަތައް ނިމި، ޕީޖީ އޮފީހަށް ލިޔުންތައް ލިބުމުން، ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި، އެ މައްސަލަތަކުގައިވެސް ދަޢުވާކުރަންޖެހޭކަމަށް ފެންނަ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ ކަންކަން ކުރިއަށް ގެންދަވާނެކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މިމައްސަލާގައި ވަކާލާތުކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ކޯޓަށް ވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. މިއީ މިފަދަ މައްސަލައެއްގައި ޕީޖީ ކޯޓަށް ވަޑައިގެން ވަކާލާތުކުރައްވާނެ ދެވަނަ މައްސަލައެވެ.

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް އިހުމާލެ އަނިޔާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންވެސް ބަލާފައިވެއެވެ.