ޚަބަރު

މަދީނާ ޔުނިވަރސިޓީން ޝަރީޢާ ޙާސިލުކޮށްފައިވާ ދަރިވަރުންނަށް ވަކާލާތުކުރުމުގެ ހުއްދަ ދޭން ނިންމައިފި


މަދީނާ ޔުނިވަރސިޓީން އިސްލާމީ ޝަރީއާ ޑިގްރީ ޙާސިލްކޮށްފައިވާ ދަރިވަރުންނަށް ވަކާލާތު ކުރުމުގެ ހުއްދަށް ދިނުމަށް ބާ ކައުންސިލުން ނިންމައިފިއެވެ.

މިދިޔަ އަހަރު ފާސްކުރި ޤާނޫނީ ފަންނުގެ ޤާނޫނުން، ވަކީލުން ރެގިއުލޭޓްކޮށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމުގެ ބާރު ދީފައިވަނީ ބާ ކައުންސިލަށެވެ. އެ ޤާނޫނުގައި ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދެވޭނީ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީއަތުގެ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވާ މީހުންނަށް އެކަނި ކަމުގައި ބަޔާންކުރާކަމަށް ބުނެ، އިސްލާމީ ޝަރީއާ ޑިގްރީ ކިޔަވާފައި ތިބޭ މީހުންނަށް ޤާނޫނީ ވަކީލުކަމާއި ކޯޓުތަކުގެ ފަނޑިޔާރުކަން ކުރުމުގެ ހުއްދަ ނުދޭން ބާ ކައުންސިލުން ކުރިން ވަނީ ނިންމާފައެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވީ، މަދީނާ ޔުނިވަރސިޓީން އިސްލާމިކް ޝަރީއާ ކިޔެވި ދަރިވަރުންނަށް ވަކާލާތުކުރުމުގެ ހުއްދަ ދޭން، އެކައުންސިލްގެ ބައްދަލުވުމުން މިހާރު ނިންމާފައިވާކަމަށެވެ. ބާ ކައުންސިލްގެ ރައީސް ވިދާޅުވީ، މަދީނާ ޔުނިވަރސިޓީން އިސްލާމީ ޝަރީއާ ޑިގްރީ ޙާސިލްކޮށްފައިވާ ދަރިވަރުން ކުރިން ހުށަހެޅި މައުލޫމާތުތަކުން، ޤާނޫނީ ޑިގްރީއެއް ކަމަށް އެނގެން ނެތްކަމަށާއި، ނަމަވެސް އިތުރު ލިޔެކިއުންތައް ހުށައެޅުމަށް ދިން ފުރުޞަތުގައި އެ ދަރިވަރުން ކޯހާ ގުޅޭ އިތުރު މައުލޫމާތު ހުށަހެޅުމުން އެކަންކަމަށް ރިޔާއަތްކޮށް ހުއްދަ ދިނުމަށް މިހާރު ނިންމެވީކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ޤާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، އުފެއްދި ބާ ކައުންސިލްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތް ކުރުމާއި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދީ ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓުކޮށް ބެލެހެއްޓުމެވެ.

ބާ އިމްތިހާނު ފުރިހަމަ ކުރުމުން ނޫން ގޮތަކަށް ވަކީލު ކަމުގެ ހުއްދަ ނުލިބޭނެ ކަމަށް ޤާނޫނީ ފަންނުގެ ޤާނޫނުގައި ބުނެފައިވާއިރު، 283 ވަކީލަކުވަނީ އެއް މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. އަދި އެތަމްރީންތައް ފުރިހަމަކޮށް ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އުފެދުނު ބާ ކައުންސިލުން ވަކާލާތުކުރުމުގެ ހުއްދަ ދިން ފުރަތަމަ ބެޗު ހުވާކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.