ޚަބަރު

ހުކުމް ތަންފީޒުކުރަން ޒިޔަތު ޖަލަށް


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ ކުށްސާބިތުވި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އިއްވި ހުކުމާއި އެކު އޭނާ ޖަލަށް ބަދަލުކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ގުޅިގެން ޒިޔަތުގެ މައްޗަށް ދައުލަތުން ކުރި 32 ދައުވާއެއް ސާބިތުވެ އޭނާ 11 އަހަރަށް ޖަލަށްލުމަށް ކުރިމިނަލްކޯޓުން ހުކުމްކުރީ މިދިޔަ ހޯމަ ދުވަހުއެވެ.

ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވީ މިހާތަނަށް ގޭ ބަންދުގައި ހުރި ޒިޔަތުގެ މައްޗަށް އިއްވި ޖަލު ހުކުމާއި އެކު އޭނާ މިހާރު މާފުށީ ޖަލަށް ބަދަލުކޮށްފައިވާކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކަށް އޭނާ އިއުތިރާފުވެ ދައުލަތަށް އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވެފައެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިިވިކަމަށް ޒިޔަތަށް ތުހުމަތުކުރާ ފައިސާގެ އަދަދު 781 މިލިއަން ރުފިޔާއަށް އަރައެވެ.

ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ޒިޔަތު ހައްޔަރުކުރީ 2015 އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ މައްސަލާގައި ޖަލުގައި ހުރި ޒިޔަތު މިދިޔަ އަހަރުގެ ފެބްރުއަރީމަހު 9 ވަނަދުވަހު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ފައިސާތަކަށް ޚިޔާނާތްތެރިވި ކަމުގެ ކުށް 2016 ވަނަ އަހަރު ސާބިތުވެ ޒިޔަތު މިހާރުވެސް ގެންދަނީ އަށް އަހަރުގެ ޖަލު ހުކުމެއް ޒިޔަތު ތަންފީޒުކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.އަދި މި ޚިޔާނާތާއި އެންމެ އިސްކޮށް މަސައްކަތްކުރެއްވި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުވެސް ގެންދަވަނީ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.