ޚަބަރު

ސޮނެވާ ކުންފުނިން ނ އާއި ބ.އަތޮޅުގެ ޞިއްޙީ މަރުކަޒަށް ބައެއް ސާމާނު ހަދިޔާކޮށްފި


ބ އަތޮޅާއި، ނ އަތޮޅުގެ ރަށްރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ ބައެއް ސާމާނު ސޮނެވާ ކުންފުނިން ހަދިޔާކޮށްފިއެވެ.

މި އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމްވަނީ ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެންފައެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ހަދިޔާކުރި މިތަކެތީގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްހީ ޚިދުމަތެއް ފޯރުވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޞިއްހީ ޚިދުމަތް ކުރިއަރުވާ ޞިއްހީ ދާއިރާ ތަރައްޤީކުރުމަށް ކުރަމުން ގެންދާ މަސައްކަތުގައި މިދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކުން ދެއްވަމުން ގެންދަވާ އެއްބާރުލުމާ އެޙީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކާ މިނިސްޓަރވަނީ ޝުކުރު އަދާކުރައްވާފައެވެ.

"މިތަކެތި މި ފޯރުކޮށްދެވެނީ ވިހިހާސް މީހުންގެ އާބާދީއަކަށް. މި ދެއަތޮޅުގެ ރައްޔިތުންނަށް ފެންވަރު ރަގަޅު ޞިއްހީ ޚިދުމަތެއް ދިނުމަށް ލިބިގެން ދިޔަ ވަސީލަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާ، ރައްޔިތުންގެ އިތުބާރު ލިބޭ ދާއިރާއަކަށް މިދާއިރާ ހެއްދެވުމަށް މަސައްކަތްކޮށްދެއްވާ. އަދި މި ތަކެތި ހަދިޔާކޮށްދިނީތީ ސޮނޭވާ ކުންފުންޏަށް ވަކިން ޚާއްސަކޮށް ސަރުކާރާ ގާތް ގުޅުމެއް ބަހައްޓަވާ ސޯނޫއަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން" މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބ.ސޮނެވާފުށްޓާއި ނ.އަތޮޅުގައި ހިންގާ ޖަރނީ ރިސޯޓްގެ ވެރިޔާ ސޯނޫ ޝިވްދަސާނީ ވިދާޅުވީ އެކުންފުނީގެ ވިޔަފާރީގެ 0.5 އިންސައްތަ ކޮންމެ އަހަރަކުވެސް ރަށްރަށުގެ އިޖްތިމާކަންކަމަށް ޚަރަދު ކުރާކަމަށެވެ. އަދި ސިއްޙީ ދާއިރާއަކީ އާންމުންނާ ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެއްކަމުން މިފަދަ ދާއިރާއަކަށް އެހީތެރިވެވުމަކީ ލިބޭ އުފަލެއް ކަމަށްވެސް ސޯނޫ ވިދާޅުވިއެވެ.

ސޮނެވާ ކުންފުނިން ހަދިޔާކުރި މިތަކެތީގެ ތެރެއިން ބ. އަތޮޅަށް ހަވާލުކުރި ތަކެއްޗާއި ހަވާލުވެވަޑައިގަތީ ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސަރވިސް މުހައްމަދު ރަޝީދެވެ. އޭނާ ވިދާޅުވީ ބ.އަތޮޅު ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޚިދުމަތް ހޯދާތަނަކަށް ވެފައި، މިފަދަ ކަމެއް ރިސޯޓަކުން އިސްނަގައިގެން ކުރުމަކީ ވަރަށް އުފާވާކަމެއްކަމަށެވެ.

"މިހާރުވެސް ވަރަށް ހާލުގައި ބައެއް ރަށްތަކުގައި ޤާއިމްކޮށްފައި ހުރި ޞިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރަމުން ދަނީ، މިލިބުނު އެހީއާއެކު އެތަންތަނުގެ ޙާލަތު ވަރަށް ބޮޑުތަނުން ކުރިއަރާދާނެކަމަށް ބެލެވޭ. އަދި ގެންގުޅެނީ ޕްރައިވެޓް ސެކްޓަރތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙެއް." މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ސޮނެވާ ކުންފުނިން ބުނީ ހަދިޔާ ކުރި ސާމާނުގެ އަގު 27،000 ޑޮލަރަށް ވުރެ މައްޗަށް އަރާކަމަށެވެ. ސޮނެވާއިން ހަދިޔާ ކުރި ސާމާނުގެ ތެރޭގައި ވިއްސާ ކޮޓަރިތަކަށް ބޭނުންވާ ސާމާނާއި، ޑްރެސިން ކޮޓަރިތަކަށް ބޭނުންވާ ސާމާނާއި، ކޮންސަލްޓޭޝަން ކޮޓަރިތަކަށް ބޭނުންވާ ސާމާނާއި ހޮސްޕިޓަލުގެ ވޯޑުތަކަށް ބޭނުންވާ ސާމާނު ހިމެނެއެވެ.