ކޯވިޑް-19 އާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް އެހީވުމުގެ ގޮތުން އިންޓެންސިވް ކެއަރ ޔުނިޓްގައި ބޭނުންކުރާނެ ސާމާނު ހަދިޔާކޮށްފިއެވެ.
މި ތަކެތި ރާއްޖެއަށް ހަވާލުކޮށްދެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ބީ ޓެބްލިޒްއެވެ. ރާއްޖެއިން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު ރައްޒާގުއެވެ.
އެމެރިކާއިން ހަދިޔާކުރި މިތަކެއްޗަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތު އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންޓެންސިވް ކެއަރ ޔުނިޓްގައި ބޭނުންކުރުމަށް ހަދިޔާ ކުރި ތަކެއްޗެވެ.
އައިސީޔޫގައި ބޭނުންކުރާ 40 އޮކްސިޖަން ކޮންސަންޓްރޭޓްސް ހިމެނޭ ގޮތަށް އެމެރިކާއިން ހަދިޔާ ކުރި މިތަކެތީގެ ތެރޭގައި އެއްލައްކަ ފަސްދޮޅަސް ފަސްހާސް ޑޮލަރުގެ ސާމާނު ހިމެނެއެވެ. އަދި އެމެރިކާއިން ކުރިން ހަދިޔާކޮށްފައިވާ ވެންޓިލޭޓަރުތަކާއެކު ބޭނުންކުރެވޭ ޕޯޓަބަލް އޮކްސިޖަން ނިޒާމުގެ ސަބަބުން ސިއްޙީ އެހީތެރިންގެ މަސައްކަތްވެސް އިތުރަށް ލުއިވެގެންދާނެ ކަމަށް އެމްބަސީން ވިދާޅުވެއެވެ. މިއެހީގެ ސަބަބުން ކޯވިޑް-19ގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އެހީވުމަށް ލުއި ލިބިގެންދާނެކަމަށް އެމެރިކާ އެމްބަސީން ވިދާޅުވެއެވެ.
އެމެރިކާއިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް އެންމެ ފަހުގެ ޒަމާނީ 60 ވެންޓިލޭޓަރު ރާއްޖެއަށް ހަދިޔާކޮށްފައެވެ. މީގެ އިތުރުން ކޯވިޑް-19 އާ ގުޅިގެން އިޖުތިމާޢީ ޚިދުމަތްތައް ވަރުގަދަކުރުމާއި އިޤްތިޞާދީ ކާރިސާއަށް އިޖާބަދިނުމުގައި އެހީވުމަށް އެމެރިކާއިން ވަނީ ގާތްގަޑަކަަށް ތިން މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ނިންމާފައެވެ.