ޚަބަރު

މަސްވެރިންގެ ދުވަސް: 2 ދޯންޏަކުން އެވޯޑް ހާސިލްކޮށްފި


ރާއްޖޭގެ 40ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ ޚާއްސަ އެވޯޑު، ދެ ދޯންޏަކުން ޙާސިލްކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ދޭ މި އެވޯޑު ލިބުނީ ވޭތުވެދިޔަ އަހަރު މަސްވެރިކަމުގައި ހަރަކާތްތެރިވި ދޯނިފަހަރުގެ ތެރެއިން ފާހަގަކޮށްލެވުނު 2 ދޯންޏަކަށެވެ.

ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިފަހަރުގެ ތެރެއިން ވޭތުވެދިޔަ އަހަރު އެންމެ ގިނައިން ކުންފުނިތަކަށް މަސްކިރުވާފައިވާ ދޯންޏެއްގެ ގޮތުގައި ހޮވިފައިވަނީ ގދ.މަޑަވެލީ ސައުތުގޭޓް، ޞާދިޤް ޙަސަންގެ "ކަމަނަ" ދޯންޏެވެ. މި އުޅަނދުން މިދިޔަ އަހަރު ޖުމްލަ 675 ޓަނުގެ މަސް ކިރުވާފައިވެއެވެ.

2ވަނަ އަށް އެވޯޑު ހޯދާފައިވަނީ ދުވެލި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ "ރަންދުވެލި" ދޯންޏެވެ. މި ދޯނިން ހާސިލްކޮށްފައިވަނީ ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި ޙަރަކާތްތެރިވި ދޯނިތަކުގެ ތެރެއިން ކުންފުނިތަކަށް އެންމެ ގިނަ ޢަދަދަކަށް މަސްކިރުވި ދޯނީގެ އެވޯޑެވެ. މި ދޯނިން ޖުމްލަ 154 ޓަނުގެ ކަންނެލި ކިރުވާފައިވެއެވެ. މި ދޯންޏަކީ އއ.ރަސްދުއަށް ނިސްބަތްވާ ދޯންޏެކެވެ.

އެވޯޑު ޙާސިލް ކުރި 2 ދޯނީގެ މަސްވެރިންނާއި ކެޔޮޅު އަދި ވެރިފަރާތުން މަސްވެރިކަމަށްޓަކައި ކުރަމުންދާ ބުރަމަސައްކަތް ފާހަގަކުރައްވައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވަނީ ތަހުނިޔާއާއި ޝުކުރު އަދާކުރައްވާފައެވެ.